ގދ. ތިނަދޫ ސަމަދު ހޮސްޕިޓަލުގައި މަރުވި އުމުރުން ދުވަސްވީ މީހަކު ހިނެވުމަކާއި ނުލައި ވަޅުލި ކަމަށް ބުނާ މައްސަލައެއް އާއިލާއިން ފެންމަތިކޮށްފި އެވެ.
އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ރޭގެ ދަންވަރުގެ ވަގުތެއްގައި މަރުވެފައި ވަނީ ގދ. މަޑަވެލި، އާގޭ، ހަސަން އަހުމަދު 87، އެެވެ.
އޭނާގެ އާއިލާގެ މެމްބަރަކު ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާ ކޮށްފައިވާ ލިޔުމެއްގައި ބުނަނީ އެ ހޮސްޕިޓަލާއި އެޗްޕީއޭ އިން ތިނަދޫގައި ހަރަކާތްތެރިވާން އުފައްދާފައިވާ ޓާސްކްފޯސް މެންބަރުންނާއި ތިނަދޫ ކައުންސިލް އިސްވެރިން ކަން ކުރި ގޮތުން ހިތާމަކޮށް ދެރަވާ ކަމަށެވެ.
ހަސަން އަހުމަދު ހާލު ދެރަވެގެން ތިނަދުއަށް ގެންދިޔައީ މީގެ ތިން ދުވަސް ކުރިން ކަމަށާއި އޭރުއްސުރެ އޭނާއަށް ފަރުވާ ދެމުން ގެންދިޔައީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށެވެ. ނޭވާލަމުން ގެންދިޔައީ ވެންޓިލޭޓަރުގެ އެހީގައި ކަމަށެވެ. އޭނާ މަރުވުމާއި ހަމައަށްވެސް ކޮވިޑް-19 އަށް ޝައްކު ކުރެވޭ ކަމަށް އޭނާ ބެއްލެވި ޑޮކްޓަރާއި ނަރުހަކު ވެސް ވިދާޅުވެފައި ނުވާ ކަމަށް ވެސް ބުނެފައި ވެއެވެ.
އޭނާގެ އެ ޕޯސްޓުގައި ބުނެފައިވަނީ ހަސަން އަހުމަދަށް އައިސީޔޫގައި ތިން ދުވަސް ވަންދެން ފަރުވާދިން އިރު ކޮވިޑް-19 އަށް ޝައްކު ކުރާނަމަ އެކަމަށް ޓެސްޓު ނުހެދުމަކީ އެ ހޮސްޕިޓަލުގެ ނުކުޅެދުންތެރި ކަމެއް ކަމަށެވެ.
"... ބައްޕަ ނިޔާވުމުން ބައްޕަ ކޮވިޑަށް ޓެސްޓް ކުރުމަށް ސާމްޕަލް ނެގުމަށް ފަހު އައިސީޔޫ ތަޅުލައި އެތަނަށް ބައްޕަ ކައިރީގައި ތިބި އެއްވެސް ދަރިއަކަށް ނުވަދެވޭނެހެން ބަންދު ކުރި އެވެ. ތިޔަބޭފުޅުން ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަންޏާ ބައްޕައަށް ފަރުވާ ދެއްވި ޑޮކްޓަރުންނާއި ނަރުހުން ކަރަންޓީނު ނުކޮށް ޑިއުޓީގައި ބައިތިއްބާފައި ތިބީ ކީއްވެގެން ތޯ ސުވާލު އުފައްދަމެވެ." އޭނާގެ ޕޯސްޓުގައި ބުނެފައިވެ އެވެ.
ހަސަން އަހުމަދު މަރުވުމުން އޭނާގެ ހަށިގަނޑު މަޑަވެއްޔަށް ގެންދިޔުމުގެ ހުއްދައަކަށް އެދުމުން އެކަމަށް ހޮސްޕިޓަލުން ހުއްދަ ނުދިން ކަމަށާއި ކަށުކަމާކެމީގެ ކަންކަން ތިނަދޫގައި ކުރިއަށް ގެންދަން ހޮސްޕިޓަލުން އެންގި ކަމަށް ވެސް ބުނެފައިވެ އެވެ. އެހެން ކަމުން ޖަނާޒާ ބާއްވަން ރަށުން އޭނާގެ ދަރިންނާއި އާއިލާގެ މެންބަރުން ތިނަދޫއަށް ދިޔުމުން ތިނަދޫ ފުލުހާއި ކައުންސިލް އިސްވެރިން އެކަމަށް ހުރަސް އަޅައި ތިނަދޫއަށް ނޭރުވި ކަމަށެވެ. އަދި މޫނުބަލަން ދެވޭނީ ހަމައެކަނި ދަރިންނަށް ކަމަށްވެސް އެންގި ކަމަށެވެ.
އޭނާ ބުނެފައިވަނީ ހަސަން އަހުމަދު ވަޅުލުމުގެ ކަންތައް ކުރާނީ ތިނަދޫން ހަމަޖައްސާ ބަޔަކު ކަމުގައި ކައުންސިލުންނާއި ހޮސްޕިޓަލުން ބުނި ކަމަށެވެ.
"... އެންމެ ފަހު ވަގުތު ބައްޕަ ހިނަވަން ހަމަޖެއްސި މީހުންނާއި ކަފުން ކޮނެދޭން ހަމަޖެހުނު މީހުން ވެސް ފިލީ އެވެ. ތިނަދޫ ކައުންސިލުން ފޯނަށް ޖަވާބުދާރީ ނުވެ ރައްކާވީ އެވެ. ކޮވިޑް ދެކެ ގަންނާކުރައްވާ ބިރުންނެވެ. އެންމެ ފަހުން ބައްޕަ ނުހިނަވާ ތަޔައްމަމު ކޮށްފައި ވަޅުލީ އެވެ. ވަޅު ކޮންނަން ވެސް ދާންޖެހުނީ މަޑަވެލިން ގޮސްހުރި ބައްޕަގެ ކާފަ ދަރިއެކެވެ." އޭނާ ބުނެފަވެ އެވެ.
މަރުވި ހަސަން އަހުމަދަކީ މިއަހަރު ފެށުނު ފަހުންވެސް މާލެ ގޮސްފައިވާ މީހެއް ނޫން ކަމަށާއި އަދި މާލެއިން މަޑަވެއްޔަށް ދިޔަ އެއްވެސް މީހަކާއި ކޮންޓެކްޓްވި މީހެއް ނޫން ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. އަދި މަޑަވެއްޔަކީ މިހާތަނަށް ކޮވިޑް އަށް ޝައްކުވާ މީހަކު ވެސް ހުރި ރަށެއް ނޫން ކަމަށާއި އެހެންކަމުން ހަސަން އަހުމަދާއި ދޭތެރޭ ކަންތައް ވެގެން ދިޔަ ގޮތުންނާއި ތިނަދޫން އެޅި ހަރުކަށި ފިޔަވަޅުތައް ކުށްވެރި ކުރާ ކަމަށެވެ.
ސަރުކާރުން މިކަމުގައި އިހުމާ ލުވެފައިވާ ފަރާތްތައް ހޯދާ ފިޔަވަޅު އަޅައި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަމަދު ހޮސްޕިޓަލުން ހަސަން އަހުމަދަށް ފަރުވާ ދެއްވި ޑޮކްޓަރުންނާއި ނަރުހުން ކަރަންޓީނުކޮށް ތިނަދޫ ހޮސްޕިޓަލް މޮނިޓަރިންއަށް ގެންދަން ވެސް އެދިފައި ވެއެވެ.
މި ތުހުމަތު ތަކާއި ގުޅިގެން އަވަސް އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދު ވިދާޅުވީ ފޭސްބުކުގައި ޖަހާފައިވާ ޕޯސްޓުގައި ކައުންސިލާއި ގުޅިގެން ދައްކާފައިވާ ވާހަކަ ތަކަކީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވީ ރޭ ދަންވަރުގެ ވަގުތެއްގައި މަޑަވެލިން އޭނާއަށް ގުޅައި އެރަށު މީހަކު ސަމަދު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެގެން އާއިލާއިން މޫނު ބަލަން އަންނަން ބޭނުންވާ ވާހަކަ ބުނި ކަމަށެވެ.
"ރޭގެ ދަންވަރު ގުޅީވެސް. އަޅުގަނޑު ހާރުކާން އިންދާ މަޑަވެލިން އަޅުގަނޑަށް ގުޅާފަ ބުނީ އެރަށު މީހަކު ނިޔާވެގެން މޫނު ބަލަންދާން އާއިލާގެ ފަަރާތުން ބޭނުންވާ ވާހަކަ. ދެން އަޅުގަނޑު އެހިން ކިތަށް މީހުންތޯ އަންނަނީ. ސަބަބަކީ މިހާލަތުގެ ގޮތުން ގިނަ މީހުންނަށް ރަށަށް އަރައި ފޭބުމުގެ ހުއްދަ ދެވެން ނެތުމުން. ދެން އެކޮޅުން [މަޑަވެލިން] ބުނީ 18 މީހުންނޭ ދާނީ. ދެން އަޅުގަނޑު ބުނިން މާ ގިނަ އޭ. ހަމައެކަނީ އެއްބަނޑު މީހުންނާއި އަނބި މީހާއާއި ދަރިންނަށް ހުއްދަ ދެވިދާނެއޭ. ބުނީމަ ބުނީ އެހެންވީމަ 11 މީހުންނަށް ހުއްދަ ދެވޭނެތޯ. ދެން އެބުނި މީހުންނަށް ހުއްދަ ދިނިން." އޭނާ ވިދާޅުވި އެވެ.
އަމްޖަދު ވިދާޅުވީ ކޮވިޑަށް ޝައްކު ކުރެވޭ މީހުން ހިނަވާ ކަފުން ކުރުމަށް ހާއްސަ އުސޫލުތަކެއް ކަނޑައަޅާފައިވާ ކަމަށާއި ނަމަވެސް ހަސަން އަހުމަދު ހިނަވައި ހުރިހާ ކަމެއް ކުރި ކަމަށެވެ. އަދި ވަޅު ކޮނުމުގައި ކައުންސިލު އިދާރާގެ މީހުން މަސައްކަތް ކުރަމުން ދަނިކޮށް އާއިލާއިން ވެސް އެކަމުގައި ބައިވެރިވި ކަމަށެވެ. އަދި އެވަގުތަކީ ބޯކޮށް ވާރޭ ވެހެމުންދިޔަ ވަގުތެއް ކަމުން ކަށުކަމާކެމީގެ ކަންތައްތައް ކުރުމުގައި ލަސްތަކެއް ވެސް ދިމާވި ކަމަށެވެ.
އިތުރަށް ވިދާޅުވީ ކައުންސިލަށް މިވީހާތަނަކަށް މިކަމުގައި އެއްވެސް ޝަކުވާއެއް އައިސްފައި ނުވާ ކަމަށާއި އާއިލާގެ މެންބަރެއްގެ އެ ޕޯސްޓު ފެނުމުން ހޮސްޕިޓަލުން ކަން ކުރި ގޮތް އޮޅުން ފިލުވި ކަމަށެވެ. އަދި މި ކަމުގައި އެއްވެސް އިހުމާލެއް ވާނަމަ އެކަން ބަލައި ދިނުމަށް ހޮސްޕިޓަލްގެ މެނޭޖަރަށް އަންގާފައިވާނެ ކަމަށެވެ.
ތުހުމަތުތަކާއި ގުޅިގެން ހޮސްޕިޓަލްގެ ބަހެއް ހޯދަން އަވަސް އިން ތަކުރާރުކޮށް ގުޅުމުންވެސް ފޯނަށް ޖަވާބުދީފައި ނުވާތީ ބަހެއް ނުލިބުނެވެ.