ކޮވިޑް-19 އާ ގުޅިގެން ކުރިމަތި ވެފައިވާ ހަލަތުގެ ސަބަބުން، މި އަހަރުގެ އޭއެފްސީ ކަޕް ކެންސަލް ކުރަން ނިންމައިފި އެވެ.
އޭޝިއާގެ ފުޓްބޯޅައިގެ މައި ޖަމިއްޔާ، އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީ ބައްދަލު ވުމުގައި މިއަދު ނިންމާފައި ވަނީ، އޭއެފްސީ ކަޕްގެ އިންޓަ ޒޯން މުބާރާތް ބޭއްވުމުގައި ބައެއް ސަރަހައްދުތަކުގައި ހުރި ދަތިތަކުގެ ސަބަބުން މުބާރާތް ކެންސަލް ކުރާށެވެ. އޭޝިއާގެ ދެވަނަ ދަރަޖައިގެ ކުލަބު ފުޓްބޯޅަ މުބާރާތް ކެންސަލް ކުރުމަށް، އޭއެފްސީގެ ކޮމްޕްޓިޝަން ކޮމިޓީން ކުރިން ވެސް ވަނީ އޭއެފްސީއަށް ލާފާ ދީފަ އެވެ.
ބައްދަލުވުމުގެ ތަފުސީލްތައް ހާމަ ކުރަމުން ދަ އޭއެފްސީން ބުނެފައި ވަނީ، ބައެއް ގައުމުތަކަށް ދަތުރު ކުރުމުގައި ހުރި ދަތިތަކާއި މުބާރާތުގެ ލޮޖިސްޓިކާއި އެހެނިހެން އިންތިޒާމުތަކުގައި ބުރުއެރުންތައް ހުރުމުން މުބާރާތް ކެންސަލް ކުރުމަށް އޭއެފްސީގެ އެކްސްކޯއިން ނިންމާފައިވާ ކަމަށެވެ.
އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ޒޯން މެޗުތައް އަންނަ މަހު ރާއްޖޭގައި ކުޅުމަށް ވަނީ ކުރިން ހަމަޖައްސާފަ އެވެ. މި ފަހަރުގެ އޭއެފްސީ ކަޕްގައި ރާއްޖެއިން ދެ ޓީމު ވާދަ ކުރެ އެވެ. މިއީ އޭއެފްސީ ކަޕްގެ އާ ފޯމެޓަށް 2017 ވަނަ އަހަރު އަމަލު ކުރަން ފެށިފަހުން، އޭެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި ރާއްޖެއިން ދެ ޓީމު ވާދަ ކުރާ ފުރަތަމަ ފަހަރެވެ. ރައްޖޭގެ މާޒިޔާ އާއި ޓީސީ ވަނީ ގުރޫޕް ސްޓޭޖުގައި އެއް މެޗު ކުޅެފަ އެވެ. އެހާހިސާބުން މާޗް މަހު އޭއެފްސީ ކަޕް މެދުކަނޑާލި އެވެ.
އަންނަ މަހު ކުޅެން ހަމަޖެހިފައިވާ ދެކުނު އޭޝިއާގެ ޒޯން މެޗަށް ތައޔާރު ވުމަށް މާޒިޔާއިން ޕރެކްޓިސް ފެށި އެވެ. އެ ޒޯންގެ މެޗުތައް ރާއްޖޭގައި ކުޅެވޭނެ ކަމުގެ ފެހި ސިގުނަލް ލިބިފައި ވީނަމަވެސް، އެހެން ސަރަހައްދުތަކުގައި ދަތުރުތައް ކުރުމަށް ހުރި ދަތިތަކުގެ ސަބަބުން މުބާރާތް ކެންސަލް ކުރަން ޖެހޭނެ ކަމަށް ކުރިންވެސް އޮތީ ބެލެވިފަ އެވެ.
"އޭއެފްސީން ވަރަށް މަސައްކަތް ކޮށްފި މުބާރާތް ކުރިއަށް ގެންދެވޭތޯ، ބައެއް ގުރޫޕްތަކުގައި މުބާރާތް ހޯސްޓް ކުރާނެ ގައުމެއްވެސް ނުވޭ، މެޗުތައް ކުޅެން ހަމަޖެހިފައިވާ އެހެން ގައުމުތަކުގައި އޮތީވެސް އުނދަގޫ ހާލަތެއް ކުރިމަތި ވެފަ،" މިދިޔަ މަހު މީޑިއާ އާ ވާހަކަ ދެއްކި އޭއެފްސީގެ އޮފިޝަލް ބުނެފައި ވެއެވެ. "މިސާލަކަށް އާސިއާން ސަރަހައްދުގެ ދެ ގުރޫޕްގެ މެޗުތައް ކުޅެން ހަމަޖެހިފައި ވާ ވިއެތުނާމްގައި ކޮވިޑް-19 ގެ ހާލަތު އޮތް ގޮތުން ވަނީ ކުޅިވަރުގެ ހަރަކާތްތައް ހުއްޓާލާފަ."
އޭއެފްސީ ކަޕް ކެންސަލް ކުރިނަމަވެސް، އޭޝިއާގެ އެއް ވަނަ ކުލަބު މުބާރާތް އޭއެފްސީ ޗެމްޕިއަންސް ލީގް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. ޗެމްޕިއަންސް ލީގްގެ މެޗުތައް ކުޅެން ހަމަޖެހިފައިވާ ގައުމުތަކުގެ ހާލަތު ރަނގަޅެވެ އެ ގައުމުތަކުގައި މިހާރުވެސް ފުޓްބޯޅަ ފަށަފައިވުމުން ޗެމްޕިއަންސް ލީގް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.