ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު

ވެރިކަން ހަވާލުކުރަންވާނީ އެކަންކުރެވޭވަރު މީހަކާ: ވަހީދު

ވެރިކަން ހަވާލުކުރަން ޖެހޭނީ އެކަން ކުރެވޭވަރު މީހުންނާ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީ (ޕީއެންސީ) ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފައިވާތީ އެ ފައިސާ ދެއްކުމަށް "ހައްގު ފޮށި" ނަމުގައި ފަންޑު ފޮށްޓެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ފަންޑުފޮށި ހުޅުއްވައިދެއްވި ރައީސް ވަހީދެވެ.

ވަހީދު ވިދާޅުވީ ސިޔާސީ ޕާޓީތަކުން ވެރިކަމަށް އަންނަނީ ވެރިކަން ކުރާނެ ތަސައްވުރަކާއެކު ކަމަށާ ނަމަވެސް ވެރިކަން ހަވާލުކުރަން ޖެހޭނީ އެކަން ކުރެވޭވަރު މީހުންނާ ކަމަށެވެ. އެކަން އެހެން ނުވެއްޖެނަމަ ހުރިހާ ގެއްލުމެއްވެސް ލިބޭނީ ދިވެހި ރައްޔިތުންނާއި ގައުމަށް ކަމަށް ވިދާޅުވިއެވެ.

"ވެރިކަން ކުރަން ޖެހޭނީ މެނިފެސްޓޯއާ އެއްގޮތްވާ ގޮތުގެ މަތިން. އަދި ވެރިކަން ހަވާލުކުރަން މި ޖެހެނީވެސް އެ މެނިފެސްޓޯގައި ހުރި ކަންކަން ކުރެވޭވަރުގެ މީހުންނާ. އެވަރުގެ ގާބިލިއްޔަތުކަން ނެތް މީސްމީހުންނާއި ވެރިކަން ހަވާލުުކުރީމަ ވާނެގޮތަކީ ރައްޔިތުންނަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބޭނީ. ތަނުގެ އިގްތިސާދު ހަލާކުވެ، ރައްޔިތުންގެ ވަޒީފާތައް ގެއްލި، ރައްޔިތުންގެ ކާބޯތަކެތީގެ އަގުބޮޑުވެ، ސިއްހީ ހިދުމަތްތަކާ ތައުލީމީ ހިދުމަތްތަކާއި އެހެނިހެން ހިދުމަތްތަކުގެ ފެންވަރު ދަށްވެ، ރައްޔިތުންނަށް އެހުރިހާ އަނިޔާތަކާއި ގެއްލުންތައް ލިބިގެންދާނީ،" ވަހީދު ވިދާޅުވިއެވެ.

ރައީސް ވަހީދު ވިދާޅުވީ ރާއްޖޭގެ ހާލަތު މިހާރު އޮތީ ކަންބޮޑުވާންޖެހޭ ދަރަޖައެއްގައި ކަމަށެވެ. މި ހާލަތު ބަދަލުކޮށް ރާއްޖެއަށް މިވަގުތު ދިމާވެފައިވާ ކަންކަމުން އަަރައިގަންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"ރާއްޖެ މިހާރު މިދަނީ ދުވަހަކަށްވުރެ ދުވަހެއް އަޑިއަށް. ރާއްޖޭގެ ހާލަތު މިދަނީ ދަށްވަމުން. އެހެންވީމަ މިކަމުން އެބަ އަރައިގަންނަން ޖެހޭ. އެކަމަށްޓަކައި އެކަން ހުއްޓުވަންޖެހޭ. މިރާއްޖެ މި ސްލައިޑްވަމުންދާ، އަޑިއަށްދާ ދިއުން އެބަޖެހޭ ހިފަހައްޓާ ނަގަަހައްޓަން،"

އިދިކޮޅުން މަސައްކަތް ކުރަމުންދަނީ ސަރުކާރު ޖަވާބުދާރީ ކުރުވާ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ގާއިމުކޮށް ދިނުމަށް ކަަމަށްވެސް ވިދާޅުވިއެވެ. އަދި ޕީޕީއެމް،ޕީއެންސީގެ ހަރަކާތްތައް ވަރުގަދަވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

މިއަދު ހުޅުވި ފަންޑު ފޮށްޓަށް ދެ ޕާޓީގެ އާންމު މެންބަރުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަަށްވެސް ރައީސް ވަހީދު ވިދާޅުވިއެވެ. އަދި ސަރުކާރުން ސިޔާސީ ޕާޓީތަކަށް ފައިސާ ނުދިން ނަމަވެސް މެންބަރުންގެ އެހީތެރިކަމާއެކު އިދިކޮޅު ދެ ޕާޓީގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.