ރިޕޯޓް

ޕްރިންސިޕަލުން ދާއިރާއާ ދުރަށް ހިނގައިދާނެ!

ސަރުކާރު ސުކޫލުތަކުގެ ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސުކޫލު ކަނޑައެޅުމުގެ އުސޫލެއް އެޑިއުކޭޝަން މިނިސްޓްރީން އާންމު ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ނަމަވެސް އެޑިއުކޭޝަނުން އާންމުކުރި އުސޫލު ބުނާ ގޮތުން އެ އުސޫލު އެކުލަވާލާފައި ވަނީ ޖަނަވަރީ 16، 2020 އެވެ. އަދި އެ އުސޫލު އާންމުކުރާ ދުވަހުން ފެށިގެން އުސޫލަށް އަމަލުކުރާނެ އެވެ.

އެ އުސޫލުގެ ބޭނުމަކީ ސަރުކާރުގެ ސުކޫލުތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ސުކޫލުތަކަށް އެންމެ އެކަށީގެން ގާބިލް ޕްރިންސިޕަލުން އައްޔަން ކުރުމާއި ދިގު މުއްދަތަކަށް އެއް ސުކޫލެއްގައި ޕްރިންސިޕަލުން ތިބުމުން ދިމާވާ ބައެއް ނޭދެވޭ މައްސަލަތަކަށް ހައްލު ހޯދުމެވެ. އަދި އާ ހިޔާލުތަކާއި އާ ވިސްނުންތަކަށް ބިނާކޮށް ސުކޫލުތަކުގެ ހިންގުން ހަރުދަނާ ކުރުމަކީ ވެސް ބޭނުމެކެވެ.

އުސޫލު ބުނާ ގޮތުން ޕްރިންސިޕަލުން ވަޒީފާ އަދާ ކުރާނެ ސުކޫލު ކަނޑައަޅާނީ ފަސް މެންބަރުންގެ ކޮމެޓީއަކުންނެވެ. އަދި އެއް ސުކޫލެއްގައި ޕްރިންސިޕަލަކަށް އެއް ބޭފުޅަކަށް އެންމެ ގިނަ ވެގެން ހުންނެވޭނީ އަށް އަހަރު އެވެ. އަދި އެ މަގާމުގައި ތިއްބަވާ ބޭފުޅުންގެ ޓެނުއާޝިޕް މުއްދަތަކީ ހަތަރު އަަހަރެވެ. މާނައަކީ އެއް ސުކޫލެއްގެ ޕްރިންސިޕަލްގެ މަގާމުގަައި އެކަކަށް ހުންނެވޭނީ ހަތަރު އަހަރުގެ ދެ ޓާމަކަށެވެ. އޭގެ ފަހުން އެ ސުކޫލުގައި ދެން ނުހުރެވޭނެ އެވެ.

މިއީ ވަރަށް ގިނަ ޕްރިންސިޕަލުންގެ ކަންބޮޑުވުން އޮތް އުސޫލެއްކަން މިހާރު ވަނީ އެނގިފަ އެވެ. ބައެއް ޕްރިންސިޕަލުން ގެންދަވަނީ މިފަދަ އުސޫލެއް އާންމު ކުރުމުގެ ނިޔަތާމެދު ވެސް ސުވާލު އުފައްދަވަމުންނެވެ. ގިނަ ޕްރިންސިޕަލުން ދެކެވަޑައިގަންނަވާ ގޮތުގައި މިއީ އެ ބޭފުޅުންގެ ވަޒީފާގެ ޔަގީންކަން ގެއްލުވާލި އުސޫލެކެވެ.

ސަރުކާރުގެ ސުކޫލުތަކުގެ ޕްރިންސިޕަލުން ތިއްބަވާ ވައިބަރު ގުރޫޕެއްގެ ތެރެއަށް ޕްރިންސްޕަލުން ވަނީ ޝަކުވާތައް ބަންޑުން ކޮށްލާފަ އެވެ. ޕްރިންސިޕަލުންގެ ފަރާތުން މިވަގުތަށް އޮތް މައިގަނޑު ވާހަކައަކީ "އާ އުސޫލާމެދު އިންތިހާއަށް ކަންބޮޑުވުން އެބައޮތޭ" އެވެ. އެ އުސޫލަށް އަމަލު ނުކުރަން ވެސް ދަނީ އެދެމުންނެވެ. އެތާނގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުނާއި ޑެޕިއުޓީ މިނިސްޓަރުން ވެސް ތިއްބަވާ އެވެ.

"މިއީ ކޮންކަހަލަ ޕޮލިސީއެއް. ފަސް މެންބަރުންގެ ކޮމެޓީއަކުން ޕްރިންސިޕަލުން މަސައްކަތް ކުރާނެ ސުކޫލްތައް ކަނޑައެޅުމަކީ ކޮން ކަހަލަ ހަމައެއް. މިހާރުވެސް ސިވިލްސާވިސްގައި އޮންނަ އުސޫލުތަކުގެ ތެރެއިން ޕްރިންސިޕަލުން އައްޔަން ކުރަނީ. މިހާރު އުސޫލު އޮތް ގޮތުން ޕްރިންސިޕަލުންގެ ހައްގުތައް އެބަ ގެއްލޭ،" އެއް ޕްރިންސިޕަލަކު ވިދާޅުވި އެވެ.

އެޑިއުކޭޝަނުން ކަނޑައަޅާ ކޮމެޓީގައި ތިއްބަވާ ފަސް ބޭފުޅަކު ބޭނުންވާ ސުކޫލަކަށް ބޭނުންވާ ޕްރިންސިޕަލަކު ހަމަޖެއްސުމުގެ ބާރު ދިނުމަކީ އެންމެންގެ ވެސް މައިގަނޑު ހިތްހަމަ ނުޖެހުމެވެ. ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި މިއީ ޕްރިންސިޕަލުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. އަދި ކުރެވޭ ވަރަށް ބޮޑު ބޭއިންސާފެކެވެ.

ޕްރިންސިޕަލްގެ މަގާމުގައި އެއް ސުކޫލެއްގައި ބޭފުޅަކަށް ހުރެވޭނެ ވަކި މުއްދަތެއް ކަނޑައެޅުމަކީ ބައެއް ބޭފުޅުންގެ ވިސްނުމުގައި މައްސަލައެއް ނޫނެވެ. ނަމަވެސް އެއް ސުކޫލުން އަނެއް ސުކޫލަށް ޕްރިންސިޕަލަކު ބަދަލު ކުރަން ވާނީ އެ މީހެއްގެ ރުހުމުގަ އެވެ. ނަމަވެސް އެޑިއުކޭޝަންގެ އު ސޫލުގައި ބުނާ ގޮތުން ޕްރިންސިޕަލްގެ ރުހުމެއް އެކަމަށް ހޯދާކަށް ނުޖެހެއެވެ. ކޮމެޓީން ކަނޑައެޅުމުން ނިމުނީ އެވެ.

"ރުހުމާއި ނުލައި ވަޒީފާ އަދާކުރާތަން ބަދަލު ކުރެވޭ ގޮތަށް އޮތުމަކީ ހިތާމަކުރާ ކަމެއް، އެއްވެސް މީހަކު އެމީހުން ބޭނުން ނުވާތާކަށް ނުދާނެ. ހާލަތަށް ބަލާ މަޖުބޫރުން އެ ތަަނަކަށް ދިޔަސް މަސައްކަތެއް ނުކުރެވޭނެ،"

އުސޫލާ ގުޅިގެން ހިތްހަމަ ނުޖެހިފައިވާ ބައެެއް ޕްރިންސިޕަލުން މިހާރު ވެސް ގެންދަވަނީ އެ އުސޫލަށް އަމަލު ނުކުރަން އެދި ވަޑައިގެންފަ އެވެ. އަދި އެފަދަ އުސޫލެއް އެކުލަވާލީ އެޑިއުކޭޝަނުން ބޭނުންވާ ވަކިވަކި ސުކޫލްތަކަކަށް ވަކި ބަޔަކު އައްޔަން ކުރަންތޯ ވެސް ސުވާލު އުފައްދަމުން ވެސް ގެންދަވަ އެވެ.

"މި އުސޫލުގެ މަގުސަދަކީ ވަކި ބަޔަކު ބޭނުންވާ ބަދަލުތަކެއް ގެނައުން ކަމުގައިވާނަމަ، ދެން ނުކުންނާނެ ނަތީޖާއާމެދު ވެސް ވިސްނާލުން ރަނގަޅު،" ޕްރިންސިޕަލަކު ވިދާޅުވި އެވެ.

ޕްރިންސިޕަލުންގެ އުސޫލެއް އެކުލަވާލިއިރު އެ ބޭފުޅުންގެ ހިޔާލާއި މަޝްވަރާ ހޯދާފައެއް ނުވެއެވެ. އެއީ ޕްރިންސިޕަލުންގެ ކަންބޮޑުވުމެކެވެ. އެ ސުވާލު ޕްރިންސިޕަލުން ކުރެ އެވެ. އަދި އުސޫލުގެ ސަބަބުން ނުކުންނާނެ ކަމަށް ފެންނަ ބައެއް މައްސަލަތަށް ވެސް އެޑިއުކޭޝަންގެ ސަމާލު ކަމަށް ވަނީ ގެނެސްފަ އެވެ.

އެއް ބޭފުޅަކު ވިދާޅުވި ގޮތުގައި މިއީ ދިވެހި ޕްރިންސިޕަލުން ވަޒީފާ ދޫކޮށް ހިނގައިދާނެ ބަދަލެކެވެ. މިހާރުވެސް އެކި ސަބަބުތަކާއި ގުޅިގެން ޕްރިންސިޕަލުންނާއި ޓީޗަރުން ދާއިރާ ދޫކުރަމުންދާއިރު މިއަށް އަމަލު ކުރަން ފަށައިފިނަމަ ނަތީޖާ ރަނގަޅެއް ނުވާނެ އެވެ.

"މި ޕޮލިސީގެ ނަތީޖާއަކަށްވާނެ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވެނީ ގިނަ ދިވެހި ޕްރިންސިޕަލުންތަކެއް ދާއިރާ ދޫކޮށް ގޮސް، ސުކޫލުތަށް ހިންގަން ބިދޭސީ ޕްރިންސިޕަލުން ތިބުން،"

ކޮވިޑްގެ ބަލިމަޑުކަމުގައި މިހާތަނަށް ހޭދަވި ހަ މަސްދުވަހުގެ ތެރޭގައި ދަރިވަރުންނަށް ތައުލީމު ދިނުމަށް ޓީޗަރުންނާއި ސުކޫލުތަކުގެ އިސްވެރިން ކުރި ބުރަ މަސައްކަތް ބައެއް ޕްރިންސިޕަލުން ވަނީ އެޑިއުކޭޝަންގެ ވެރިންނަށް ހަނދާން ކޮށްދީފަ އެވެ. އަދި ވަޒީފާގެ ޔަގީންކަން ގެއްލޭ އުސޫލެއް އާންމުކުރީ ކޮވިޑްގައި ކުރި މަސައްކަތަށް "ހަދިޔާ" އެއް ދިނުމުގެ ގޮތުންތޯ ވެސް ސުވާލު ކުރައްވަ އެވެ.

"މި ޖެހުނީ ކުރި މަސައްކަތަށްޓަކައި ފޮށި ތަންމަތި ހިފައިގެން ފުރަން ނޫންތޯ؟" ޕްރިންސިޕަލަކު ވައިބަރު ގުރޫޕްގައި ލިޔުއްވާފައި ވެއެވެ.

ބައެއް ޕްރިންސިޕަލުން ވިދާޅުވި ގޮތުގައި އާ އުސޫލާއެކު އެންމެ ރަނގަޅު ގޮތަކީ އަމިއްލައަށް ވަޒީފާއާ ދުރަށް ދިއުމެވެ. އަދި އުސޫލު ހެދީވެސް ދިވެހި ޕްރިންސިޕަލުން ވަޒީފާއާ ދުރަށް ދާން މަޖުބޫރުކުރާށެވެ.

"ބުއްދިވެރި ގޮތަކީ އެޑިއުކޭޝަން ސެކްޓަރު ދޫކޮށްލުން،"

މި އުސޫލު ވަޒީފާއާބެހޭ ގާނޫނުތަކާއި ގަވާއިދާ ވެސް ހިލާފެވެ. އެގޮތުން ވަޒީފާގެ އެއްބަސްވުމެއް ހެދުމަށްފަހު އެ މީހެއްގެ ރުހުމެއްނެތި އެހެންތާކަށް ބަދަލުކުރުން ނުވަތަ ވަޒީފާ ބަދަލު ކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.