ސްކޫލާއި ކްލާސް ރޫމާއި ޓީޗަރުންގެ ކިޔަވައި ދިނުމުގައި ވެސް ފެންވަރު ރަނގަޅު ސްކޫލުތަކަށް ކުދިން ވައްދަން އެންމެން ވެސް ބޭނުންވެ އެވެ. މިހާތަނަށް އެކަމަށް އޮތް ހައްލަަކީ ހުރި ތާކުން މާލެ އައުމެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ކިޔަވައިދޭން މާލެ އަންނަނީ އެވެ. އަދި އަތޮޅުތައް ނޫނީ ރާއްޖޭގެ އެތެރެ އާއި މާލޭގައި ތަައުލީމީ ނިޒާމުގެ ތަފާތު ކުރުންތަކެއް ހުންނަ ކަމަށް ބުނާ ބުނުމަކީ އެތައް އަހަރުތަކެއް ވަންދެންް ދެކެވޭ ހަގީގަތެއް ވެސް އޮންނަ ވާހަކަ އެކެވެ. އެކަން މިހާރު މިއޮތީ ކަރުދާހަށް ތިރިވެފަ އެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ފާތުމަތު ނަސީރު ސޮއިކުރައްވާ ސްކޫލުތަކަށް ފޮނުވާފައިވާ ސާކިއުލާގައި ވާ ގޮތުގައި މާލޭގެ ސްކޫލުތަކުން ޖާގަ ދިނުމުގައި އެންމެ ފުރަތަމަ ބަލަންޖެހޭނީ މާލެއަށް ރަށްވެހިވެފައިވާ ދަރިވަރުންގެ ދާއިމީ އެޑްރެހަށެވެ. ދެން އިސްކަން ދޭންޖެހޭނީ އެ ސްކޫލެއްގެ ސަރަހައްދުގައި ދިރިއުޅޭ މާލޭގައި ރަށްވެހިވެފައިވާ ދަރިވަރުންނަށެވެ.
މާލޭގައި ދެވަނައަށް، އިސްކަންދެނީ އެ ސުކޫލެއްގައި ކިޔަވާ ދަރިވަރުންގެ އެއްބަނޑު އެއްބަފާ ނުވަތަ އެއްބަފާ ނުވަތަ އެންބަނޑު ދަރިވަރުންނަށެވެ. ތިން ވަނައަށް ސްކޫލުތަކުގެ ދާއިމީ ޓީޗަރުންގެ ދަރިންނާއި އެ ސުކޫލްގެ ދަރިވަރުންގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށެވެ. އެ ކަން ކަމަށް ބަލައި ޖާގަތައް ހަމަޖެއްސުމަށްފަހު، ބާކީހުރި ޖާގަތަކަށް އެޑްރެހަށް ބެލުމަށްފަަހު ޖާގަ ދޭނީ މިނިސްޓްރީން ޖާގަ ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.
އެ ސާކިއުލާ ނެރުމާއެކު "މާލެ މީހުން ރާއްޖެތެރޭ މީހުން" ގެ ބަހުސް އަނެއްކާވެސް ވަނީ ފަށާފަ އެވެ. މާލެ މީހުންނަށް އަަނެއްކާވެސް އިސްކަން ދެނީ އެވެ. އެތައް ދުވަހެއް ވަންދެން މާލޭގައި އުޅެމުން އައި އެހެން އަތޮޅުތަކުގެ ރަށްރަށުގެ މީހުންގެ ހައްގުތަކަށް އަރައިގަތީ ކަމަށް މި މައްސަލަ ފެންމަތިވުމާއެކު ބައެއް ފަރާތްތަކުން ދަަނީ ބުނަމުންނެވެ. އަދި ބައެއް ފަރާތްތަކުން މުޅި ސަރުކާރާއި އެޑިއުކޭޝަނާ މެދު ވަނީ ހިތްހަމަ ނުޖެހިފަ އެވެ.
މައްސަލަ ބޮޑުވެ އެޑިއުކޭޝަން މިނިސްޓްރީން ރޭ ނެރެނު ބަޔާނެއްގައި ބުނެފަައިވާ ގޮތުގައި ދުވަސްވީ އުސޫލު ބަދަލުކޮށް އާ ނިންމުން ގެނައީ އެ ސްކޫލު ހިމެނޭ ސަރަހައްދު ގައި އުޅޭ ވީހާ ވެސް ގިނަ ދަރިވަރުންނަށް އަންނަ އަހަރު ފުރުސަތު ދިނުމުގެ ގޮތުންނެވެ. އާ އެ އުުސޫލުގެ ދަށުން އެ ދަރިވަރަކު ދިރިއުޅޭ ސަރަހައްދުގައި ހިމެނޭ ސްކޫލަކުން ޖާގަ ލިބުމުުގެ ފުރުސަތު ކަށަވަރު ވާނެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަހުމަދު އަލީ ވިދާޅުވި ގޮތުގައި އަލަށް ގެނައި އުސޫލަކީ އަލަށް ވަންނަ ކުދިންނަށް ޖާގަ ހޯދުމަށް ދިމާވާ ދަތިތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ދެވެން އޮތް ހައްލެވެ. ލޮޖިކަލީ ވިސްނާލި ކަމުގައި ވިޔަސް އެންމެ ފުރަތަމައިނުން ވެސް އެކަން ހިނގަން ޖެހޭނީ އެގޮތަށެވެ.
އޭނާ ވިދާޅުވާ ގޮތުގައި މީގެ ސަބަބުން ގްރޭޑް އެކަކަށް ވަންނަ ކުދިންގެ އަދަދު ގިނަވެ އެއް ސްކޫލަކަށް ވަންނަން އެތައް ބައެއް ކިޔޫ ހެދުމުގެ ބަދަލުގައި ސިސްޓަމެޓިކްކޮށް ބެލެހެއްޓިގެން ދާނެ އެވެ. އެ ނިންމުމަކީ ވަކި ބަޔަކަށް ފައިދާ ވާނެ ގޮޮތެއް ހޯދަން ނިންމި ނިންމުމެއް ނޫނެވެ،
"އެކަކަށް ވައްދަން އެދޭ ކުދިންގެ އަަދަދު ވަރަށް ގިނަ. ސްކޫލުގައި ޖާގަ ހުރި މިންވަރަކަށް މި އޮންނަނީ ލިމިޓެއް ކަނޑައަޅާފަ. އެ ލިމިޓަށް ވުރެ އިތުރު ކުރަން ހުރިހާ އެޕްލިކޭޝަނެއް ބަލައިގަނެ ޖާގަ ދޭން ޖެހޭ ނަމަ އިތުރު ކްލާސްބަރި އެއް އެޅުމަކީ ސަސްޓެއިނަބަލް ކޮށް އެކަން ކުރުމުގެ ހައްލެއް ނޫން. އެހެންވީމަ ގަވައިދަށް ފެއްތޭ ގޮތަށް އެކަން ކުރުމަށް އަދި ސަސްޓެއިނަބަލް ކޮށް އެކަން ކުރާނެ ގޮތެއް އެޑިއުކޭޝަނުން މި ނިންމީ. އެއްވެސް ހާލެއްގަ ތަފާތު ކުރުމެއް ގެންނާކަށް ނޫން"
ޕީއެސް ވިދާޅުވި ގޮތުގައި ތައުލީމީ ނިޒާމުގެ ތެރެއިން ގެނައި މި ބަދަލަކީ ހެޔޮ ބަދަލަކަށް ވެގެންދާނެ އެވެ. އެ ގޮތުން ރަށެއްގައި އެންމެ ސްކޫލެއް ހުރެ އެ ރަށު ރައްޔިތުންްނަށް އެ ސްކޫލުން ޖާގަ ނުލިބޭ ނަމަ އެއީ އިންސާފެއް ނޫނެވެ. އެމީހެއްގެ ދަރިއަކަށް އިިންސާފުން ރަނގަޅު ތައުލީމެއް ނުލިބި ދިއުމަކީ ސަރުކާރުގެ ވިސްނުމެއް ނޫނެވެ.
"މިސާލަކަށް ބ. އޭދަފުށީގައި ހުންނަނީ އެންމެ ސްކޫލެއް. އެ ރަށު ކުދިން އެ ސްކޫލަށް ވައްދަން ތިއްބާ އެ ކުދިންނަށް ފުރުސަތު ނުދީ އެހެން ބަޔަކަށް ޖާގަ ދިނުމަކީ އިންސާފެއް ނޫން. ހަމަ އެގޮތަށް އެ ކޮންސެޕްޓް މާލެ އަށް އެޕްލައި ކުރާ ނަމަ، މާލޭގައި ރައްވެހިވެފައިވާ މީހާ އަށް މާލޭގައި ހުންނަ ސްކޫލަށް ޖާގަ ލިބެން އޮއްވާ އެޑިއުކޭޝަނުން އެމީހާ އަކަށް ޑިމާންްޑެއް ނުކުރެވޭނެ ހުޅުމާލެ ސްކޫލަކަށް ގެންދާކަށް." ޕީއެސް ވިދާޅުވި އެވެ.
އިސްކަންދަރާއި ޖަމާލުއްދީނަށް ޕްރެޝަރު ބޮޑު
އާ އުސޫލު އެކުލަވައިލަން ސަރުކާރުން ނިންމުމުގެ ކުރިން ވެސް މި މައްސަލަ މިހެން އޮވެ އެވެ. މާލޭ އިސްކަންދަރު ސްކޫލާއި ޖާމާލުއްދީން ސްކޫލަކީ އެންމެ ގިނަ ބަޔަކު ދަރިން ވައްދަން ބޭނުންވާ ސްކޫލަށް ވެފައި އޮންނަތާ އެތައް އަހަރެއް ވެއްޖެ އެވެ. ސާކިއުލާއާ ގުޅިގެން އެޑިއުކޭޝަނުން ނެރުނު ބަޔާނުގައި ވެސް ބުނެފައިވާ ގޮތުން އިސްކަންދަރު ސްކޫލަށް ގްރޭޑް އެކަކަށް ޖާގަ ދެވެން އޮތީ 90 ދަރިވަރުންނަށް ކަމަށްވިޔަސް، ސްކޫލް ހިމެނޭ ސަރަައްދުގައި 288 އަށްވުރެ ގިނަ ދަރިވަރުން ހިމެނެ އެވެ. އަދި ޖަމާލުއްދީނަށް 120 ދަރިވަރުންނަށް ޖާގަ ދެވެން އޮތަސް އެ ސަރަހައްދުގައި 396 ދަރިވަރުން ހިމެނެ އެވެ.
އެ ދެ ސްކޫލަކީ މާލޭގައި އެންމެ ބައިބޯ ހިސާބުގައި ހިމެނޭ ދެ ސްކޫލަށްވާއިރު އާ ބަދަލާއެކު ސްކޫލަށް އެލިޖިބަލް ވާ ކުދިންނަށް ފުރުސަތު ދެވޭނެ ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ. އަދި އެތަނުން ސްކޫލަކަށް ޖާގަ ނުލިބި ނުވަދެވޭ ކަމުގައި ވާނަމަ މީގެ ކުރިންވެސް ނިންމާ ގޮތަށް ކައިރި ސްކޫލަކުން ޖާގަ ދެވޭނެ އޭ ވެސް ބުނެ އެވެ.
"އޮޓޮމޭޓެޑް ސިސްޓަމް އެއްގެ ތެރެއިން އަޅުގަނޑުމެން މިކަން މި ކުރަނީ. އެއްވެސް ސްކޫލަކަށް އެޑިއުކޭޝަނުން ތަފާތު ކުރުމެއް ގެނެސް މޮޅު ދެރަ ސްކޫލެއް ގޮތުގައި ނުނިންމަންް. އިސްކަންދަރު ސްކޫލަށް ނުވަދެވޭ ކުއްޖާ އަށް ހަމަ ޖާގަ އެބަ ލިބޭ އަމީނިއްޔާ ސްކޫލުން. ޖަމާލުއްދީން އަށް ނުވަދެވޭ ކުއްޖާ އަށް ހަމަ އެ އޭރިއާ އިން އެބަ ފުރުސަތު ދެވޭ އެހެން ސްކޫލަކުން. އެކަހަލަ ފުރުސަތުތައް އޮވޭ"
ގަވާއިދާ ހިލާފަށް އަހަރަކު އެތައް ފޯމެއް
މާލޭގައި އެތައް ހާސް ދަރިވަރުންނެއް ތައުލީމު ހާސިލް ކުރަމުން އަންނަ އިރު ރަނގަޅު ތައުލީމެއް އުނގެނުމަށް މާލެ އަންނަ މީހުންގެ އަަދަދު އަދިވެސް މަދެއް ނުވެ އެެވެ. އަތޮޅުތަކުގެ ރަށްރަށާއި މާލޭގައި ކިޔަވައި ދިނުމުގައި ހުރި ތަފާތު ކުރުންތައް ފެންނާނީ އެފަދަ ކަމެއް ތަޖުރިބާ ކުރުމުން ކަމަށް ބެލެނިވެރިން ބުނާއިރު ތައުލީމު ފޯރުކޮށްދިނުމުގެ ނަމުގައި ގަވާއިދާ ހިލާފަށްވެސް އަމަލު ކުރެ އެވެ.
އެޑިއުކޭޝަނުން ބުނި ގޮތުގައި ސްކޫލް އެޕްލިކޭޝަންގެ ގޮތުގައި ކޮންމެ އަހަރަކު އެތައް ސަތޭކަ ފޯމެއް ގަވާއިދާ ހިލާފަށް ހުށަހަޅަ އެވެ. ވަކި ވަކި ސްކޫލްތަކުން މޮޅަށް ކިޔަވައިދޭ ކަމަށް ބުނާއިރު އެ ސްކޫލަކުން ޖާގަ ހޯދުމުގެ ބޭނުމުގައި ގާނޫނާ ހިލާފަށް ދޮގު މައުލޫމާތާއެކު ސްކޫލަށް ވައްދަން މަސައްކަތް ކުރާ ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ. ބޭނުންވާ ސްކޫލު ސަރަހައްދުން ރައްޓެއްސެއްގެ ފަރާތުން އެ ގެއެއްގައި އުޅޭ ކަމުގެ ލިޔުމަކާއެކު ވަގުތީ އެޑްރެސް ވަގަށް ބަދަލު ކޮށްލަނީ އެވެ. އަދި އެއާއެކު ބޭނުންވި ސްކޫލުން ފުރުސަތު ލިބި، ހަގީގީ ހައްގުވެރިންނަށް އިތުރު ގޮޮތެއް ހޯދަން ޖެހެ އެވެ.
"އެއް ގެޔަކުން ސްކޫލަށް އެޕްލިކޭޝަން ހުށަހަޅަން ރެޖިސްޓާ ވެފަ އޮވެދާނެ މިސާލަކަށް 42 ކުދިން. ދެން ޝައްކެއް ވެގެން ޗެކް ކުރާއިރު ގޭގެ ވެރިފަރާތުން މި އޮންނަނީ ލިޔުމެއް ދީފަ ގަވާއިދާ ހިލާފަށް. އެހެންވީމަ އެ ގޭގަ އަސްލު ދިރިއުޅޭ މީހުންނަށް އެލިޖިބަލް ވެފަ ޖާގަ ނުލިބުމަކީ އެމީހުންގެ ހައްގަށް އަރައިގަނެވުން. އަޅުގަނޑުމެން އެހެން ކުޑަވެސް ޝައްކެއް ވާނަމަ ވެރިފައި ކުރަން" އަހްމަދު އަލީ ވިދާޅުވި އެވެ.
ބެލެނިވެރިންގެ ކަންބޮޑުވުންތައް
"އަހަރެންނަކީ އުތުރުގެ ރަށެއްގެ މީހެއް. މާލޭގައި އުޅޭތާ މިހާރު ކިތަންމެ ދުވަހެއް ވެއްޖެ. ބޮޑު ކުއްޖާ މިހާރު ޖޭއެސް ގައި ކިޔަވަނީ. ދެން އެންމެ ހަގަށް ހުރި ކުއްޖާއަށް އެކަކުން އެ ސްކޫލުން ޖާގަ ނުލިބިއްޖިއްޔާ ވަރަށް އުނދަގޫ ވާނެ. ވަޒީފާ އަށް ދަމުން އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ކުރާއިރު ދެމީހުން ދެ ތަނަކަށް ފޮނުވާނީ ކިހިނެތް؟" ޖަމާލުއްދީން ސްކޫލުގެ ބެލެނިވެރިޔަކު ކިޔައިދިނެވެ.
އާ އުސޫލާއެކު ބެލެނިވެރިންގެ ކަންބޮޑުވުންތަކެއް އެބަ ހުއްޓެެވެ. ސްކޫލުން ޖާގަ ލިބޭނެ ކަމުގެ ޔަގީން ކަން ނެތުމެވެ. އަދި މާލޭ ރަށްވެރިންނަށް ޖާގަ ދީފައި ތައުލީމު ހާސިލް ކުރަން އަތޮޅުތަކުން އަންނަ މީހުންނަށް އޮތް ފުރުސަތު ހަނި ވުމެވެ.
އާ އުސޫލާ ގުޅިގެން ކަންބޮޑުވުން ފާޅުކުރި ބައެއް މީހުން ބުނާ ގޮތުގައި މާލޭގެ ސްކޫލުތަކުން މާލޭގެ ރަށްވެހި ދަރިވަރުންނަށް ޖާގަ ދިނުމުގައި އިސްކަންދިނުމަކީ ތަފާތު ކުރުމެކެވެ. ސަރުކާރަކުން އަސާސީ ތައުލީމް ފޯރުކޮށްދިނުމުގައި އެއްވެސް ތަފާތު ކުރުމެއްނެތި ހަމަހަމަ ފުރުސަތު އޮންނަންވާނެ އެވެ.
"މިކަހަލަ ބޮޑު ބަދަލެއް ގެންނަންޏާ ރާއްޖޭގެ ރަށްރަށްވެސް މާލެހާ ތަރައްގީ ކޮށް ރާއްޖެތެރޭން ވަޒީފާގެ ފުރުސަތުތައް ވެސް ތަނަވަސް ކުރަން ޖެހޭނެ"