ލައިފްސްޓައިލް

ކުދިން ދުވާލަކު ދެ ގަޑިއިރު ޓީވީ ބެލިޔަސް ހިސާބަށް ދަށްވާނެ!

ކޮވިޑް-19ގެ ސަބަބުން ގިނަ ބަޔަކަށް ގޭގެ ހަތަރު ފާޜު އެތެރޭގައި ގިނަ ވަގުތުތައް ހޭދަކުރަން ވަނީ މަޖްބޫރުވެފަ އެވެ. އޮފީސްތަކަށް ދާ މީހުން ވެސް ގޭގައި އޮފީސް ހަދައިގެން މަސައްކަތް ކުރަމުންދާއިރު ކުޑަކުދިންނަށް އަދި ކުރަން ޖެހިފައިވާ ތަޖުރިބާތައް މާ އުނދަގުލެވެ. ގޭތެރޭގައި އަބަދު ތިބުމާއި އެކުވެރިންނާ ބައްދަލުކޮށް ކުޅެލާނެ ފުރުސަތު ނުލިބުމަކީ ވަރަށް ގިނަ ކުދިން މާޔޫސްވާ ކަމެކެވެ.

މިގޮތަށް ކުދިން ދެރަވެގެން އުޅެން ފެށުމުން އެކުދިން ހިތްހަމަޖައްސާދޭން ބެލެނިވެރިން ކުރާ ކަމަކީ ތަންކޮޅެއް ގިނައިރު ޓީވީ ބަލަން ފުރުސަތު ދިނުމެވެ. ނުވަތަ ކޮމްޕިއުޓަރު ފަދަ އެއްޗަކުން ގޭމް ކުޅެން ބޭތިއްބުމެވެ. ނަމަވެސް ފަހުގެ ހޯދުންތަކަކަށްފަހު ސައިންސްވެރިން ބުނަނީ ކުދިން ޓީވީ ބަލަން ބޭތިއްބުމަކީ ހީނުކުރާ ވަރުގެ ބޮޑު ގެއްލުމެއް އެކުދިންނަށް ލިބޭ ކަމެއް ކަމަށެވެ. އޭގެން ލިބޭ ފައިދާ އަށް ވުރެ ގެއްލުން މާ ބޮޑު ކަމަށެވެ.

މެލްބަންގެ އިންސްޓިޓީއުޓަކުން ކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި މިހާރު ވަނީ ޖާނަލް ޕްލޮސް ވަން ގައި ޝާއިއުކޮށްފަ އެވެ. މި ދިރާސާ ބިނާކޮށްފައިވަނީ އޮސްޓްރޭލިޔާގައި ދިރިއުޅޭ އުމުރުން 8 އަހަރާއި 9 އަހަރާ ދެމެދުގެ 1200 ކުދިންނަށެވެ. ދެ އަހަރެއްހާ ދުވަސް ވަންދެން ސައިންސްވެރިން މި ކުދިންގެ އެކަޑަމިކް ޕާފޯމަންސް އެނަލައިޒްކޮށްފައި ވެއެވެ. އަދި ހަމަ އެއާއެކު މި ކުދިން ޓީވީ ނުވަތަ ކޮމްޕިއުޓަރު ދޮށުގައި ކޮންމެ ދުވަހަކު ވަގުތު ހޭދަކުރާ ވަރު ވެސް މޮނިޓާ ކޮށްފައި ވެއެވެ. މި އަދަދުތަކަކީ މި ކުދިންގެ ބެލެނިވެރިން ސައިންސްވެރިންނާ ހިއްސާކުރި މައުލޫމާތުތަކެކެވެ.

މި ހޯދުމުން ފެނުނު ނަތީޖާއަކީ ޚުދް ސައިންސްވެރިންނަށް ވެސް ޝޮކެއް ލިބުނު ނަތީޖާއަކަށް ވަނީ ވެފަ އެވެ. ދުވާލަކު އާދަކޮށް ދެ ގަޑިއިރެއްހާއިރު ޓީވީ ބަލާ ކުދިން ވެސް އެކުދިންގެ ފޮތްކިޔުމުގެ ގާބިލްކަން ފާއިތުވީ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ބޮޑަށް ދަށަށް ދިޔަކަމާއި ހިސާބުގެ އިލްމަށް ވެސް މި ކުދިން ހީނުކުރާ ވަރަށް ދަށްވަމުން ދިޔަ ކަން މި ހޯދުމުން ހާމަވެފައިވާތީ އެވެ.

ދުވާލަކު އެންމެ ގަޑިއެއްހާއިރު ޓީވީ ނުވަތަ ކޮމްޕިއުޓަރުގެ ބޭނުންކުރާ ކުދިންގެ ހިސާބު އިލްމުގެ ފެންވަރު ދަށްވާން ފަށާފައިވާކަން މި ހޯދުމުގައި ފާހަގަ ކޮށްފައި ވެއެވެ. ނަމަވެސް ވީޑިއޯ ގޭމް ކުޅުމާއި އެކަޑަމިކް ޕާފޯމަންސާ ގުޅޭ ލިންކެއް ސައިންސްވެރިންނަކަށް ވެސް އަދި ހޯދިފައެއް ނެތެވެ.

މި ދިރާސާގައި އިސްކޮށް މަސައްކަތްކުރެއްވި ޑރ. ލީސާ މުންޑީ ވިދާޅުވީ މޮޑާން މީޑިއާގެ ސަބަބުން ކުދިންގެ ކިޔެވުމަށްވާ ގެއްލުމާ ގުޅޭ ގޮތުން މީގެ ކުރިން މިހާ ފުޅާ ދާއިރާއެއްގައި ބޮޑު ދިރާސާއެއް ކޮށްފަކައެއް ނެތެވެ. މިއީ މިގޮތަށް ކުރި އެންމެ ބޮޑު ދިރާސާ އެވެ. މި ހޯދުމުން އެނގިފައިވާ ގޮތުގައި ދުވާލަކު ޓީވީ ބަލާ ވަގުތު ގިނަ ވާ ވަރަކަށް ކުދިންގެ ކިޔެވުމަށް އޭގެ ނޭދެވޭ ބަދަލުތައް އާދެ އެވެ. ޚާއްސަކޮށް ކިއުމާއި ހިސާބުގެ އިލްމަށެވެ.

މި ހޯދުމުގެ އަލީގައި ބެލެނިވެރިންނަށް އެމީހުންގެ ކުދިން އިލެކްޓްރޯނިކް މީޑިއާ އާ ވީހާ ވެސް ދުރުގައި ގެންގުޅުމަށް ސަމާލުވާން ވިސްނޭނެ ކަމަށް ޑރ. ލީސާ އުންމީދު ކުރައްވަ އެވެ. ޚާއްސަކޮށް ކުދިންގެ ބޮޑުވަމުން އަންނައިރު ވީ ވަރަކުން އެކުދިން ޓީވީ އާއި ކޮމްޕިއުޓަރު ކައިރީގައި ތިބޭ ވަގުތު މަދު ކުރަން ޖެހެ އެވެ.