ލައިފްސްޓައިލް

ފަތްޖެހިފައި އޮތް މީހަކު 28 އަހަރު ފަހުން ތެދުކޮށްފި


ޗައިނާގެ ޝެންޒެން ޔުނިވަސިޓީ ޖެނެރަލް ހޮސްޕިޓަލުގައި ހެދި އެތައް ސާޖަރީއަކަށްފަހު "ފަތްޖެހިފައިވާ މީހެއް" ތެދުކޮށްފި އެވެ. ލީ ހުއާ ނަމަކަށް ކިޔާ 46 އަހަރުގެ މި މީހާގެ ސާޖަރީ ހަދައިގެން ތެދުކުރިއިރު އޭނާ ފަތްޖެހިފައި ހުންނަތާ 28 އަހަރު ވެއްޖެ އެވެ. މި މީހާ ފަތް ޖެހުނީ އެންކީލޫޒިން ސްޕޮންޑިލައިޓިސް ކިޔާ ބައްޔެއްގެ ސަބަބުންނެވެ.

މި ބަލި ޖެހުމުން އިންފްލެމޭޓަރީ އާތުރައިޓިސްގެ އަސަރު މައިބަދަ އަށާއި ބޮޑެތި ހުޅުތަކަށް ކުރެ އެވެ. އެންކިލޫޒިންގެ މާނައަކީ ކަށިތައް އެއްކަށިގަނޑު އަނެއް ކަށިގަނޑާ ގުޅުމެވެ. ގިނަ ފަހަރަށް މިހެން ދިމާވަނީ މައި ބަދައިގެ ފްލެކްސިބިލިޓީ ދަށްވުމުންނެވެ. މިހެން ދިމާވާ މީހުންނަށް ކޮޅަށް ތެދުވެ ރަނގަޅަށް ހަރަކާތްކޮށް އުޅުމަށް ދަތިތައް ކުރިމަތިވެ އެވެ.

ކަށިތަކުގައި އިންފްލެމޭޝަން ހުރުމުން ކަށިތައް ބަލިކަށިވެ އެވެ. މިހެންވުމުން ބަލިވެފައިވާ ކަށިތައް ވަރުގަދަކޮށް އިތުރަށް އުފެދޭ ގޮތް ހެދުމަށްޓަކައި ހަށިގަނޑުން އަމިއްލައަށް އިތުރު ކެލްސިއަމް އުފައްދަން ފަށަ އެވެ. މިގޮތަށް އިތުރަށް ކެލްސިއަމް އުފައްދަން ފެށުމުން ވާ ގޮތަކީ ގުޅިފައި ހުންނަން ނުޖެހޭ ހުޅުތައްވެސް ގުޅޭގޮތް ވަނީ އެވެ.

މި މައްސަލަ ފުރަތަމަ ލީ ހުއާ އަށް ދިމާވާން ފެށީ އޭނާގެ އުމުރުން 18 އަހަރުގަ އެވެ. ނަމަވެސް އެމީހުންގެ މާލީ ތަނަވަސްކަން ނެތުމުން ފަރުވާއެއް ނުހޯދާ ގިނަ ދުވަސްވެ މާ ބޮޑުވަރުވީ އެވެ. ލީ ހުއާންގެ ހާލަތަށް ބަލާއިރު އޭނާގެ ހަށިގަނޑުގެ ތިން ބައެއް ގުޅިފައި ވެއެވެ. ނަތީޖާއަކީ އޭނާ ފޯލްޑް ވުން ނުވަތަ ދެ ފަތް ޖެހުނީ އެވެ. މިހެންވުމުން އޭނާގެ ކޯތާފަތް މޭގައިޖެހި ވަނީ ބާރުވެފަ އެވެ. އޭނާގެ ބްރެސްޓްބޯން އާއި ޕިއުބިކް ބޯން ވެސް ވަނީ މިގޮތަށް ކަނެކްޓް ވެފަ އެވެ. އަދި މޫނާއި ފަލަމަސްގަނޑުގެ ކަށީތަކާ ވަނީ ގުޅިފަ އެވެ.
މިހާލަތުގައި އުޅެން ޖެހުމުން ލީ ހުއާ އަކަށް އަތުން ފައިން އެއްވެސް މަސައްކަތެއް ނުކުރެވެ އެވެ. މި ބަލި ޖެހިގެން ފާއިތުވީ 28 އަހަރު އޭނާގެ ހުރިހާ ކަމެއް ކޮށްދީގެން ބެލެހެއްޓީ އޭނާގެ 71 އަހަރުގެ މަންމަ އެވެ.

އޭނާގެ މަންމަ ބުނަނީ ލީ ހުއާގެ މައްސަލައަށް ހައްލެއް ހޯދަން ލައްކަ ގިނަ ކަންތައް ކުރެވުނު ކަމަށާއި ނަތީޖާއެއް ފެނިފައި ނުވާ ކަމަށެވެ.
ލީގެ ފަރުވާގެ ކަންތަކާ ހޮސްޕިޓަލުން ހަވާލުވެ ހުރީ ޑރ. ޓާއޯ ހުއިރެން އެވެ. ލީ އަށް ދިމާވެފައިވާ މައްސަލަ އެނަލައިޒްކޮށް އޭނާގެ ސާޖަރީ ކުރިޔަށް ގެންދާނެ ގޮތް ޕްލޭންކުރަން ޑރ. ޓާއޯ އާއި ޓީމަށް ދެ ހަފުތާގެ މުއްދަތެއް ނެގި އެވެ. މި ސާޖަރީ އަކީ ލީގެ ފުރާނަ އަށް ނުރައްކާ ސާޖަރީ އަކަށް ވާތީ އެއްވެސް ކަހަލަ ޗާންސެއް ނެގުމުގެ ފުރުސަތު ނެތީމަ އެވެ. ސާޖަރީ ތެރޭގައި ލީގެ އެތެރެހަށީގެ ގުނަވަންތައް ފެއިލްވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ޑޮކްޓަރުންގެ ބަހުން ބުނާނަމަ މައުންޓް އެވަރެސްޓަށް އެރުމަކީ ލީގެ ސާޖަރީ އެކޭ ދާދި އެއްވަރެވެ. އެހާވެސް މި ސާޖަރީ އުނދަގުލެވެ.

ވަރަށް ބޮޑު ހަތަރު ސާޖަރީއެއް ލީގެ ހަދަން ޖެހޭނެކަމަށް ޑޮކްޓަރުން ނިންމި އެވެ. އޭގެ ތެރޭގައި ލީގެ މައިބަދައިން އައިބުވެފައިވާ ކަށީތައް ހަލާކުކޮށް އަލުން ރާވާލުން ހިމެނެ އެވެ. އެހެންނޫނީ އޭނާ ކޮޅަށް ނެގޭނެ އެއްވެސް ގޮތެއް ނެތެވެ. މި ސާޖަރީގެ ރިސްކް އިތުރަށް ބޮޑުވީ ސާޖަރީގައި ކުޑަވެސް ގޯހެއް ހެދިއްޖެނަމަ ލީ މުޅިން ވާގި ނެތުމުގެ ފުރުސަތުވެސް އިންތިހާއަށް ބޮޑުވީމަ އެވެ. އަދި މާ ގިނައިން ލޭ ބޭރުވެ ހެމޮރެޖިކް ޝޮކް އަކަށް ގޮސް މަރުވުމުގެ ފުރުސަތު ވެސް ބޮޑުކަމުންނެވެ.

ލީގެ ފުރަތަމަ ސާޖަރީ އަކީ ކަށިތައް އައިބުވެފައިވާ ކަށިތައް ހަލާކުކޮށް އަލުން ކަށިތައް ރަނގަޅަށް ރޭވުމުގެ މަސައްކަތެވެ. މިގޮތަށް ހަލާކުކޮށް މަރާމާތުކުރި ކަށީތަކުގެ ތެރޭގައި ފައިގެ ފަލަމަސްގަނޑުގެ ކަށިތައް ހިމެނެ އެވެ. ފައިގެ ފަލަމަސްގަނޑުގައި މޫނު ޖެހި ފިތިފައިވާތީ ފަޔާއި މޫނު ދުރުކުރެވެން އަންނަނީ މި ސާޖަރީންނެވެ. މި ސާޖަރީއަށް ތިން ގަޑިއިރަށް ވުރެ ގިނައިރު ނެގި އެވެ.

ދެ ވަނަ ސާޖަރީގައި ޑޮކްޓަރުން ހަލާކުކޮށްލީ ލީގެ ސަވައިކަލް ސްޕައިން އެވެ. މިއީ ލީގެ ބޯ މައްޗަށް ނަގަން އެހީތެރިވެދޭ ސާޖަރީ އެވެ. މި ސާޖަރީ އަށް ހަ ގަޑިއިރު ނެގި އެވެ. ތިން ވަނަ ސާޖަރީ އަށް 10 ގަޑިއިރު ހަތަރު ވަނަ ސާޖަރީ އަށް ހަތް ގަޑިއިރު ނެގި އެވެ.
ސާޖަރީތައް ފުރިހަމަ ކުރުމަށްފަހު ދެން އޮތީ ރިހެބިލިޓޭޝަންގެ މުއްދަތެވެ. މީގެ ތެރޭގައި ހިމެނެނީ ފިޒިއޮތެރަޕީ އެވެ. ލީ އަކީ 28 އަހަރު ވަންދެން ދެ ފުށް ޖެހިފައި އޮތް މީހަކަށް ވާތީ އޭނާގެ ހަށީގަނޑުގެ މަސްތައް ވެސް ވަނީ އެ އޮތް ގޮތަށް ބިނާކޮށް ހިނދިފަ އެވެ. އެހެންވެ އޭނާގެ ހަށީގަނޑު ހަރަކާތްކުރުވުމުގައި ފިޒިއޮތެރަޕީގެ ދައުރު ވަރަށް ބޮޑެވެ. ފިޒިއޮތެރަޕީ ހަދަން ފެށުމުން މަސްތައް އެ ހުންނަން ޖެހޭ މަގާމުތަކަށް ގޮސް ރަނގަޅަށް ހެދެން ފަށާނެތީ އެވެ.

ހޮސްޕިޓަލުގައި އަހަރެއްހާ ދުވަހު އޮތުމަށްފަހު ލީ މިހާރު ގެއަށް ބަދަލުވެ، ދެ ފައިން އަމިއްލައަށް ހިނގާލާފައި ގޮސް ދުނިޔެއާ ކުރިމަތިލުމަށް ވަނީ ތައްޔާރުވެފަ އެވެ.