ޑުބާއީގެ ތިން އަހަރުގެ އަންހެންކުއްޖެއް މާ ބޮޑަށް ފުލުހުން ދެކެ ބިރުގަންނާތީ އެ ކުއްޖާއަށް ޑުބާއީގެ އަންހެން ފުލުހުން ތަކެއް އެހީތެރިކަން ފޯރުކޮށްދީފި އެވެ. އެ މީހުން އެ ކުއްޖާގެ ގެއަށް ޒިޔާރަތްކޮށް ހަދިޔާ ދީ އެ ނޫން ވެސް ގޮތް ގޮތުން ކުއްޖާގެ ބިރު ފިލުވާލަން މަސައްކަތްކޮށް އަދި އެ މަސައްކަތް ވަނީ ކާމިޔާބު ވެސް ވެފަ އެވެ.
ޑުބާއީ ޓޫރިސްޓް ޕޮލިސްގެ ޑިރެކްޓަރު ކާނަލް ޑރ.މުބާރަކް ބިން ނަވާސް އަލް ޚަތުބީ ވިދާޅުވި ގޮތުގައި ހަސަން އަލް ޚާލްސަންގެ އާއިލާއިން ޑުބާއީ ޕޮލިސް އަށް ގުޅައި ކުޑަ ކުޑަ އަލްޔާޒިޔާ ފުލުހަކު ފެނިއްޖެނަމަ މާ ބޮޑަށް ބިރުން އުޅޭތީ އެކަމަށް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އެދިފައިވާ ކަމަށެވެ.
އަލްޔާޒިޔާގެ އާއިލާއިން ބުނެފައިވާ ގޮތުގައި ފުލުހަކު ފެންނަ ކޮންމެ ފަހަރަކު މި ކުޑަ އަންހެންކުއްޖާ ވަރަށް ބާރަށް ރޮޔެވެ.
"އަހަރެމެން ކުރި ކަމަކީ އަންހެން ފުލުސް އޮފިސަރުން ތަކެއް އަތަށް ހަދިޔާ ދީފައި ކުއްޖާގެ ހިތްހަމަޖައްސައިދޭން ފޮނުވީ. އަދި ޕޮލިސް ކާރުގައި ކުއްޖާގެ ގެޔާ ކައިރި ހިސާބުގައި ދުއްވާލަން ގެންދިޔައީ،" ޑރ. މުބާރަކް ވިދާޅުވި އެވެ.
ކުޑަ ކުއްޖާގެ އާއިލާއިން ބުނި ގޮތުގައި އެހެން ފަހަރު ތަކެކޭ ވެސް އެއްފަދައިން މިފަހަރުވެސް އޭނާއަށް ފުލުހުންގެ ޔުނިފޯމްގައި ތިބި ބަޔަކު ފެނުނީމަ ވަރަށް ބިރުން އުޅުނެވެ.
"ޕެޓްރޯލް ކާރު އައިސް އަހަރެމެންގެ ގޭ ދޮރުމައްޗަށް މަޑުކޮށްލުމާއެކު އަލްޔާޒިޔާ ވަރަށް ބިރުން ގޮސް ތުރުތުރު އަޅަން ފެށީ އެވެ. އަދި ވަރަށް ބާރަށް ރޯން ފެށީ އެވެ. ނަމަވެސް ޕޮލިސް އޮފިޝަލުން ވަރަށް ޕްރޮފެޝަނަލްކޮށް މިކަން ހައްލުކޮށް އަލްޔާޒިޔާ އާ އެކުވެރިކަން ގާއިމްކުރުމުގައި ކާމިޔާބު ހޯދި އެވެ. އަދި އެމީހުން ކަންތައް ކުރި ގޮތުން އަލްޔާޒިޔާގެ ބިރު މުޅިން ފިލައިގެން ދިޔަ އެވެ.
ފުލުހުން ދެކެ ބިރުން އުޅުނު ކުއްޖާ އެންމެ ފަހުން ފުލުހުންނާއެކު ޕެޓްރޯލް ކާރުގައި ބުރެއް ޖަހާލަން ވެސް ދިޔަ އެވެ. އަދި އެވެސް އާއިލާގެ އެއްވެސް މީހަކު ނުލައި ފުލުހުންނާއެކު އެކަންޏެވެ. ޑުބާއީ ޕޮލިސް ކަންތައްކުރި ރަނގަޅުކަމުން އަލް ޚާލްސަން އާއިލާއިން ވަނީ އެފަރާތަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.