(ފަސްވަނަ ބައި)
އަހަރެންގެ ހިތުގައި ޖެހުނެވެ. އިވެމުން ދިޔަ މައުސޫމު ރުއިމުގެ އަޑުގެ ސަބަބުނެވެ.
"ކަލޭ ކުދިންނަށް ވެސް ގޮތްގޮތް ހަދަނީތަ؟" އަހަރެން ރުޅިއަންނަ ކަމަށް ހަދައިލީމެވެ. "ﷲ ނުރުއްސަވާނެ."
އަހަންނަށް ތިން މީހުންގެ ހަރަކާތްތަކަށް ވަކިވަކިން ބަލައިލެވުނެވެ. ފަހަރަކު މީހަކަށެވެ. ކޮންމެ މީހަކު ވެސް އިނީ ފާޑަކަށް ހިނި އައިހެވެ. ތިން މީހުން ތިން ދިމާލުގައި ތިއްބަސް ފެންނަނީ އެއް މަންޒަރެކެވެ. އެއް މޫނެކެވެ. ޒޫނާގެ މޫނެވެ.
"މަ މި އަހަނީ ކަލޭ ތުއްތުކުދިންނަށް ވެސް ގޮތްގޮތް ހަދަނީހޭ؟" އަހަރެން ގޭތެރެއަށް ދިޔުމަށް ހިނގައިގަތީމެވެ.
"ކަލޭއަށް ވަރަށް އަސަރުކޮށްފިދޯ." މިފަހަރު އަޑު އައީ ކަނާތްފަރާތުންނެވެ.
އެ އަޑު އިވެމުން ދިޔާއީ ދުރުން އިވޭ އަޑެއް އިވޭހެންނެވެ.
"އިންސާނިއްޔަތުކަމުގެ ކަންފުޅެއް ވެސް ނެތް ބަޔަކަށް ކޮން އަސަރެއް ކުރާނީ؟" އަހަންނަށް މުއްކަވާލެވުނެވެ.
"ކަލޭ ތިހެން އަހައިބަލަ ކަލޭގެ އަންހެނުން ގާތު."
"ކިހާ ބޮޑު އުނދަގުލެއް. ކަލޭއަށް ތި ލަވަ ނޫނީ ކިޔަން ނޭނގުނުތަ؟" އަހަރެން ހަޅޭއްލަވާ ގަތީމެވެ.
"ކަލޭއަށް އޭނާ ނޫން މީހަކު އިންނަން ވެސް ނުލިބުނުތަ؟" ޒޫނާގެ ސޫރައިގައި ފެންނަމުން ދިޔަ މީހާ އަހަރެންގެ ކުރިމަތީގައި ހުއްޓުނެވެ.
"ޒޫނާއަކީ ކަލޭ ތިޔަ ހީކުރާ ކަހަލަ މީހެއް ނޫން. އެއީ އެއަށްވުރެ މާ މާތް ޞާލިހު މީހެއް. ކަލޭ ކިތައްމެ ވަރަކަށް ދޭތެރެ ޖައްސަން އުޅުނަސް އެކަމެއް ނުވާނެ. އެނގިއްޖެތަ؟" އަހަރެންގެ އަތަށް ބާރުކޮށްލެވެނެވެ.
"ކަލޭއަށް ތިޔަ ފެންނަނީ ފައިސާ ފޮތީގެ އެއްފަޅި. އަނެއް ފަޅި ވެސް ބަލައިލަބަލަ. އޭރުން މިހުރިހާ ކަމެއްގެ އަސްލު އެނގޭނެ. ކަލޭ ޒޫނާގެ މާޒީ އަހައިބަލަ. އޭނާއަށް ވީގޮތް ހޯދަބަލަ. ކަލޭއަށް ދުނިޔެ ފެންނާނެ." އެމީހާ އަހަރެންގެ ވަށައިގެން ހިނގަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ. "ތުއްތު ކުއްޖެއް ވޭނީ ރުއިމުގެ އަޑުން ކަލޭގެ ހިތް ރޮއްވާލިޔަސް އެމީހުންނަށް އެކަމަކަށް ނުވާނެ. އެއީ މައްސަލައަކީ."
"ކަލޭ ކީކޭ ކިޔަން ތިއުޅެނީ؟" އެމީހާ ހުއްޓުމުން އަހަރެން ބަލައިލީމެވެ.
އޭރު އޭނާގެ ސިފަ ބަދަލުވާން ފަށައިފިއެވެ. ކުރިން ޒޫނާގެ ގޮތުގައި ފެންނަމުން ދިޔަ މީހާ، މިހާރު ފެންނަނީ މުސްކުޅި އަންހެނެއްގެ ގޮތުގައެވެ. ތެދަށްހުރި ހަށިގަނޑު ވަނީ ކުރިއަށް ލެނބިފައެވެ. އަސާގަނޑެއްގެ އެހީގައި ނޫނީ އޭނާއަށް ހިންދެމި ނުލެވޭވަރު ވެފައެވެ. ބޮލުގައި ހުރި ރީތި އިސްތަށިގަނޑުވަނީ ނުރައަށް ބަދަލުވެފައެވެ.
"ކަލޭއަށް ކަންކަން އެނގޭނީ ކަލޭ ކަންކަން ހޯދަން އުޅުނީމަ." އެ މުސްކުޅި މީހާ ވާހަކަދައްކަމުން ދިޔައީ ލަސްލަހުންނެވެ.
"ކަލޭ ތިޔައީ ކާކު؟" އަހަރެން ބިރުން ރޫރޫ އަޅައިގަތެވެ.
"އަހަރެން މީ ހުރިހާ މަންޒަރެއް ބަލަން ދުރުގައި ހުރި މީހާ. އެމީހުން އެ ހުރިހާ ކަމެއް ކުރީ އަހަރެން ކުރިމަތީ، މިތާ ގަހުގައި އިންދާ." އެމީހާ ބުނެލިއެވެ.
"އޭނ! ގަހުގައޭ. ކަލޭތީ... ކަލޭތީ ކާކު؟ ކޮން އެމީހުންނެއް؟ ކޮން ހުރިހާ ކަމެއް؟" އަހަރެން ގަދަކަމުން ކަހަލަ ގޮތަކަށް ހިންދިރުވާލީމެވެ.
"ކަލޭ އަންހެނުން ގާތު އަހައިބަލަ." އަޑު އައީ ފަހަތުންނެވެ.
"މި ކޮން ކަންތައް ގަނޑެއްތަ؟" އަހަންނަށް އަޑު އަހަންވެސް އުނދަގޫވަމުން ދިޔައެވެ.
އެއާއެކު ކުއްލިއަކަށް ގުގުރައިލިއެވެ. ގުގުރީގެ އަޑުގަދަކަމުން ކަންފަތް ފަޅައިގެންދާ ވަރުވިއެވެ. އަހަންނަށް ކަންފަތުގައި އަތް އަޅައިލެވުނެވެ. އެއާއެކު ބާރުބާރަށް ހަޅޭއްލަވާ ގަނެވުނެވެ.
ކުއްލިއަކަށް ދެ ލޯ ހުޅުވާލެވުނެވެ. މި ހުރިހާ އިރު އުޅެވުނީ ހުވަފެނެއްގައި ކަން އެނގުނީ އެހައި ހިސާބުންނެވެ. އަވަސް އަވަހަށް ނޭވާލަމުން ދެވުނެވެ. އަހަންނަށް ބަލައިލެވުނީ ޒޫނާ ކޮބައިތޯއެވެ. އަހަންނާ ދިމާއަށް ބަލަހައްޓައިގެން ދެ ލޯ ބޮޑުކޮށްގެން ޒޫނާ އިނެވެ. ހައިރާންވެ އަންތަރީސް ވެފައި އިން ކަހަލަ ގޮތަކަށެވެ.
"ކިހިނެއްވީ؟ ކީއްވެ ހަޅޭއްލަވަނީ؟" ޒޫނާ ލަސްލަހުން ބުނެލިއެވެ.
އަހަންނަށް ބެލުނީ ޒޫނާގެ މޫނަށެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ހިންދިރުވާލެވުނެވެ. އޭރު އަތްދަނޑީގައި ހުރި އިސްތަށިތައް ކޮޅަށް ޖެހެނީއެވެ. ގަޔަށް ވެއްޓުނު ހީގަނޑުގެ ސަބަބުން މީހާ އެކުގައި ތުރުތުރު އަޅައިގަތެވެ.
"ކިހިނެއްވީ؟" އަނެއްކާ ވެސް ޒޫނާ އަހައިލިއެވެ. "ބާރުބާރަށް ވާހަކަދައްކާ އަޑު އިވިގެން އަހަންނަށް ވެސް ހޭލެވުނީ. ބަލައިލި އިރު ޖައި އޮތީ ލޯ މަރައިގެން."
"ހުވަފެނެއް، ފާޑެއްގެ ހުވަފެނެއް ފެނުނީ." ފުން ނޭވާއެއް ދޫކޮށްލަމުން ބުނެލީމެވެ.
"އެކަމަކު ހާދަ ރުންކުރުވެފަ ހާދަ ބާރަކަށް ވާހަކަދެއްކީ؟" ޒޫނާ ބަލައިލީ ސީދާ އަހަރެންގެ މޫނަށެވެ.
"އާނ! ޒޫނާއޭ ކިޔައިގެން ފާޑެއްގެ ވާހަކަތަކެއް ދެއްކީމަ ރުޅި އާދެވުނީ." އަހަރެން ބޭނުންވީ އެ މައުޟޫ ހުޅުވާލާށެވެ.
"އަހަންނޭ. ކޮން؟" ލުއި ގޮތަކަށް ހީނލަމުން ޒޫނާ އަހައިލިއެވެ.
"ޒޫނާ އަހަންނަށް އެއްވެސް ކަމެއް އޮޅުވާލައިފަ އޮންނާނެތަ؟ އެއްވެސް ޒަމާނެއްގައި ކުރި ކަމެއް ސިއްރުކޮށްފައި އޮންނާނެތަ؟" އަހަރެން އަހައިލީމެވެ.
"ތިބުނީ؟" ޒޫނާ އެނދުން ތެދުވެ މޭޒުމަތީގައި ހުރި ފެންފުޅިން ފެން ތަށްޓެއް އަޅައި އަހަންނަށް ދިއްކޮށްލިއެވެ.
"އަހަންނާ މެރީ ނުކުރާއިރު، ނޫނީ ރަށުގައި އުޅެނިކޮށް ވިޔަސް." އަހަރެން ބުނެލީމެވެ.
ބަދަލުގައި ޒޫނާ އަނގަޔަކުން ނުބެއެވެ. އޭނާ އިން ގޮތަށް އިނީއެވެ. އަހަރެންގެ މޫނަށް ބަލަހައްޓައިގެންނެވެ.
"މާނައަކީ؟" އަހަރެން ހިތުގައި ބާނިތަކެއް ދުވެގަތެވެ.
"އާނ!" ޒޫނާ ތުންފަތަށް ބާރު ކޮށްލަމުން ބުނެލިއެވެ. "އެކަމަކު ތި ހުވަފެނުގައި ވީގޮތް ބުނެދީބަލަ. އަހަރެން ހުރިހާ ވާހަކައެއް ކިޔައިދޭނަން."
އަހަންނަށް ފެނުނު ހުވަފެނުގައި ކަން ހިނގައިދިޔަ ގޮތް ހުލާސާކޮށް ޒޫނާއަށް ކިޔައިދިނީމެވެ. ދެކެވުނު ވާހަކަތަކާއި ތުއްތު ކުއްޖާގެ ރުއިމުގެ އަޑުގެ ވާހަކަތައް ވެސް ބުނެދިނީމެވެ.
"އަހަންނަކަށް ނޭނގެ ޖައިއަށް ތި ގޮތަށް ހުވަފެން ފެންނަންވީ ސަބަބެއް ވެސް. މީހުން ބުނަނީ ހުވަފެނަކީ ބިލާހެކޭ. އެކަމަކު..." ޒޫނާ ގިސްލެވެން ފެށުނެވެ.
"އެކަމަކު ކިހިނެއްވީ؟" އަހަރެން އަހައިލީމެވެ.
"ލައްކަ ދުވަހުން، ވަރަށް މަސައްކަތުން އަހަރެން ތިޔަ ހަނދާންތަކާ ދުރަށްދެވުނީ. އެ ހަނދާންތައް އާވާ ކޮންމެ ފަހަރަކު އަހަންނަށް ފާޑެއްގެ
އުނދަގޫތަކެއް ކުރިމަތިވޭ. ބުނަން ނޭނގޭ ކަހަލަ ގޮތްތަކެއް މެދުވެރިވޭ." ޒޫނާ އިސްޖަހައިލައިގެން އިނދެ ބުނެދިނެވެ.
"ކޮން؟" ހައިރާންކަމާއެކު އަހަރެން އަހައިލީމެވެ.
"އޭރު އަހަރެންގެ އުމުރުންވާނީ ބާރަ އަހަރު. އަހަރެން އުޅުނީ ރަށުގަ. މަންމަ އިނދެގެން އުޅުނީ ދޮންބައްޕައާ..." ޒޫނާ ރޯންފެށިއެވެ.
ޒޫނާއަށް ވަގުތު ދީގެން އަހަރެން އިނީމެވެ. ކެތްތެރިކަމާއެކު އަޑުއަހާށެވެ. ވެގެން އުޅޭގޮތާއި ވާން އުޅޭ ގޮތް އެނގެން ބޭނުންވާތީއެވެ.
"ބޮޑުދައިތަ ވަރަށް ބޮޑަށް ބަލިވެގެން ކުއްލިއަކަށް މަންމައަށް ފުރަން ޖެހުނީ. އަތޮޅު ހޮސްޕިޓަލަށް ގެންދަން. އެ ދުވަހުގެ ރޭ... " ޒޫނާ ގިސްލަމުން ގިސްލަމުން ކުރިއަށް ގެންދިޔައެވެ. "އެ ދުވަހުގެރޭ އަހަރެން ނިދައިފަ އޮއްވާ... ފައިގައި ފިރުމާހެން ހީވެގެން އަހަންނަށް ލޯ ހުޅުވާލެވުނީ. އަހަރެންގެ ދުނިޔެ އެކުގައި ހުއްޓުނުހެން ހީވި. ދެ ލޯ ބޮޑުވެ މީހާ އެކުގައި ގަނޑުވި. މުޅި މަންޒަރު އެކުގައި ހުއްޓުނުހެން ހީވި. ކުރިމަތިން ފެންނަން ހުރީ ދޮން ބައްޕަ. އެއްވެސް... އަހަރެން އަވަސް އަވަހަށް ދެ ލޯ މަރައިލިން. މޫނު އަނެއް ފަރާތަށް އަނބުރައިލިން. އެކަމަކު އަހަންނަށް... އަހަންނަށް ސަލާމަތެއް ނުވެވުނު."
ޒޫނާ ގިސްލަމުން ގިސްލަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ. އަހަރެން ޒޫނާ ގާތަށް ޖެހިލީމެވެ. އޭނާގެ ކޮނޑުގައި ހިފައިލަމުން އަހަރެންގެ މޭގައި ލައްކޮށްލީމެވެ.
"ދޮންބައްޕަ އަހަރެންގެ އުފާތައް ފޭރިގަތް. ގަދަކަމުން އަހަންނާ... އަހަންނަށް ވީނުވީއެއް ވެސް ނޭނގޭ. ދެން ލޯ ހުޅުވާލެވުނު އިރު އޮތީ ހުރިހާ ކަމެއްވެ ނިމިފަ. އޮވެވުނީ ގޮތް ވެސް އެނގުނީ އެހައި ހިސާބުން،" ދެފަހަރުން އެއްފަހަރު ނޭފަތް ދަމައިލަމުން ޒޫނާ ކުރިއަށް ގެންދިޔައެވެ. "އެދުވަހު މުޅި މީހާ ހުރީ ގަބުވެފައި ހުންނަ ގޮތެއް ވެފަ. ސްކޫލަށް ދިޔައިރު ވެސް ކުލާހުގައި ވެސް އިނދެވުނީ ގަބުއަރައިފަ. ކުދިންވެސް މުދައްރިސުން ވެސް އެވާހަކަ ދެއްކި. ބަދަލުގައި އަހަންނަށް ހިނިތުންވެލެވެނީ. އިތުރު އެއްޗެއް ނުބުނެވޭ. ވާހަކަ ދައްކާނެ މޫޑެއް ވެސް ނުހުރޭ."
އަހަރެން ޒޫނާގެ ކޮނޑުގައި ފިރުމައިލަ ދިނީމެވެ. އޭނާގެ ފަން އިސްތަށިގަނޑުގައި އިނގިލިތަކުން ފުނާ އަޅައިލަދެމުންނެވެ.
"އަހަރެން ހީކުރީ އެރެއަށް ފަހު ދެން އެކަހަލަ ކަމެއް ނުވާނޭ. އެކަމަކު... އެކަމަކު އެއީ ކުރެވުނު ކުށްހީއެއް. ޖެހިގެން އައިރޭ ވެސް އޭނާ އަހަންނާ ކުރިމަތިލީ... އޭނާ ބޭނުން ފުރިހަމަވީމަ އެހައި ހިސާބުން ނިކުމެގެންދިޔައީ، އަހަންނަށް ވާނެ ގޮތެއް އަޅާނެ ވޭނެއް އޭނާއެއް ބަލައެއް ނުލާ. ގަދަކަމުން މަޖުބޫރުން އަހަންނަށް އެހެން ހެދި އިރު އޭނާ ހިތަކަށް ނާރާ އަހަރެންމީ އޭނާގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއްކަމެއް ވެސް..."
"ހިތްވަރުކުރޭ." އަހަރެންގެ ކެތްތެރިކަން ކޮޅުން ލާގޮތްވިއެވެ.
"އެ ޒަމާނުގައި މޯބައިލް ފޯނެއް ނުގެންގުޅޭ. މަންމައަށް ގުޅޭނެ ގޮތެއްނޯވެ. މި ވާހަކަތައް ހިއްސާކުރާނެ މީހަކު ނެތް،" ޖުމުލަތައް ބުރިކުރަމުން ގިސްލަމުން ޒޫނާ ކުރިއަށް ގެންދިޔައެވެ. "އަހަންނަށް ރަނގަޅަށް ނުނިދޭތާ ހިތްހަމަ ޖެހުމުގެ ނޭވާއެއް ބޭރުކޮށް ނުލެވޭ. ކާހިތްކެނޑި ދުނިޔެމަތީން މުޅީން ފޫހިވާ ގޮތްވާން ފެށި. އެންމެ ފަހުން ބަނޑާއި ބޮލުގައި ރިއްސާވަރުން އެނދުން ތެދުވެ އުޅެން އުނދަގޫވާ ވަރުވި، ހިނގައިލިޔަސް ވެއްޓޭހެން ހީވާތީ ދުވަހުގެ އިރު އަރާ އޮއްސެންދެން އަހަރެން އޮންނަނީ އެނދުގައި. ރުއިން ނޫންކަމެއް ނުކުރެވޭ. މުޅި މީހާ ހުރީ ނަފުސާނީ ގޮތުން ބަލިވެފަ. އެކަމަކު އަހަރެން އެހާލުގައި އޮއްވާ ވެސް ކޮންމެ ރެޔަކު އޭނާ އައިސް އޭނާ ބޭނުންވާ ކަންކަން ނިންމައިފަ ނުކުމެގެންދަނީ. އަހަރެން އޮތީ ކޮން ހާލެއްގައިތޯ ވެސް ބަލައިވެސް ނުލާ."
"ޕިސްޕިސް." ބޭއިހުތިޔާރުގައި އަހަންނަށް އަޑު ލައްވާލެވުނެވެ.
"އޭނާ އޮތީ އެ ވާހަކަ މީހަކާ ހަމައަށް ހިނގައްޖެ ނަމަ މަންމަ މަރައިލާނެ ކަމަށް އިންޒާރު ވެސް ދީފަ. ބިރުވެސް ދައްކާފަ." ޒޫނާއަށް ކެތް ނުވާވަރު ވުމުން ހުއްޓައިލިއެވެ.
އޭނާ އަޑުން އަޑު ނަގައި ރޯން ފެށިއެވެ. ބާރުބާރަށެވެ. ބަދަލުގައި އަހަރެން އިނީއެވެ. އޭނާއަށް ވަގުތު ދީގެންނެވެ. ޒޫނާގެ ބޮލުގައި އިނގިލިތަކުން ފުނާ އަޅައިދެމުން ކޮނޑުގައި ފިރުމައިދިނީއެވެ. އިރުކޮޅެއް ފަހުން ޒޫނާ ހަމައަކަށް އެޅުނެވެ.
"މަންމައަށް އާދެވުނީ ދެ ހަފުތާ ފަހުން. މަންމަ އާއިރު ވެސް އަހަރެން އޮތީ ނުތެދުވެވިފަ. ތެދުވާނެހާ ހިތްވަރު ވެސް ނެތިފަ. ކާ އެއްޗެއް އަރުތެރެއަށް ނުލާތާ ދެ ދުވަސްވީމަ ގައިގައި ހިރިލެވޭނެހާ ހަކަތަ ވެސް ނެތިފަ. މަންމައަށް އަހަރެން ފެނުމުން ކަމެއް ގޯސްވިކަން އެނގުނު. އަހަންނަށް ކާންދީ ބޭސްދީ ކަންތައްކޮށް ހަމައަކަށް އެޅުމުން މަންމަ ސުވާލުކުރި،" ޒޫނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. "އަހަރެން ބުނީ ކަންކަން ވާގޮތް ބަލައިލަން ދަންވަރު ކޮޓަރިއަށް ވަނުމަށް. އިތުރު އެއްވެސް އެއްޗެއް އަހަރެން މަންމަ ގާތަކު ނުބުނަން. އަހަރެން ބުނީ ކީކޭކަން މަންމައަށް އެނގުނީ ކަމެއް ނޫނީ ނޭނގުނީކަމެއް ނޭނގެ. މަންމަ މޫނަށް ގޮތެއް ހަދައިލަމުން ކޮޓަރިން ނުކުމެގެން ދިޔައީ."
"އެރޭ ދަންވަރު. އެރޭ އައީ ތަންކޮޅެއް ލަހުން. އަހަރެން ހީކުރީ މަންމައައީމަ ދެން އެކަމުން ސަލާމަތްވާނެ ކަމަށް. ނަމަވެސް ކަންތައް ވީއެހެންނެއް ނޫން. އޭނާ އައިސް އަހަންނަށް ދިނީ އިންޒާރު. މަންމަގެ ފުރާނަ ބޭނުން ނަމަ އޭނާ ބުނާގޮތަށް ކަންތައް ކުރުމަށް. އެއިން ވާހަކައެއް މަންމައަށް އިވިއްޖެނަމަ މަންމަގެ ފުރާނަ ދުއްވާލުމަށްފަހު އަހަރެންގެ ބޮލުގައި އެކަން އަޅުވާނެކަމަށް ބުނި. އަހަންނަށް ދެއްކޭނެ ވާހަކައެއް ކުރާނެ ޝަކުވާއެއް ނެތި އޮންނަން ޖެހުނީ."
"ދެން މަންމަ؟" އަހަންނަށް އަހައިލެވެނެވެ.
"ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވުނީ. އޭނާ ސިހިފައި ތެދުވި. ކުރިމަތީގައި ހުރީ މަންމަ. މަންމަގެ އަތުގައި އޮތީ ލަކުޑި ބުރިއެއް. އަހަންނަށް ބާރުބާރަށް ހަޅޭއްލަވާ ގަނެވުނީ." (ނުނިމޭ)