ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ ބަލާއާފާތް

ކަރަންޓީނުގައި ގެއިން ބޭރަަށް: މުޅި ރަށަށް ނުރައްކާ!

ކޮވިޑް-19 އިގެ ކޭހެއް ފެނުމާއެކު މިދިޔަ ހުކުރު ދުވަހު ނ. އަަތޮޅުގެ ވެރިރަށް މަނަދުށް އަަރާ ފޭބުން މަނާ ކުރި އެވެ. އެއީ މާލެއިން އެ ރަށަށް ދިޔަ މީހަކު ކަރަންޓީނު މުއްދަތު ހަމަވުމަށް ފަހު ކުރި ޓެސްޓު ނަތީޖާ ޕޮޒިޓިވް ވެގެނެވެ. މާލެއިން އަތޮޅުތަކުގެ ރަށްރަށަށް ދާ މީހުން ހޯމް ކަރަންޓީނުގެ 14 ދުވަސް ފުރިހަމަ ކުރަން ޖެހެ އެވެ. އެޗްޕީއޭގެ ހޯމް ކަރަންޓީނު އުސޫލު ބުނާ ގޮތުން އެ މުއްދަަތުގައި އެއްވެސް މީހަކާ ކޮންޓެކްޓެއް ނުވެވޭނެ އެވެ. އަދި ގެއިން ބޭރަށް ނުކުމެވޭނީ ކަރަންޓީނު މުއްދަަތު ހަމަވެ ޓެސްޓެއް ހަދައި އޭގެ ނަތީޖާ ލިބުމަށް ފަހު ނެގެޓިވް ނަމަ އެވެ. މި ސިމްޕަލް ގަވާއިދަށް އެކަކަށް އަމަލު ނުކުރެވުމުން މުޅި މަނަދޫ މިހާރު އޮތީ ނުރައްކަލާ ކުރި މަތިވެފަ އެވެ.

ކޮވިޑް ލައިގަތް ފުރަތަމަ ދުވަސްވަރު، މިދިއަ މެއި މަހު މަނަދޫން މާލެ އައި މީހަކު ޕޮޒުޓިވްވުމާ ގުޅިގެން އެ ރަށުގައި ޓެސްޓުތަކެއް ހެދި އެވެ. އޭގެ ފަަހުން ވެސް ބަޔަކު ޕޮޒިޓިވްވި އެވެ. އެކަމަކު އުސޫލުތަކާ އެއްގޮތަށް ކަންކަން ދިއުމުން ރަަށު ތެރެއަށް ފެތުރޭ ގޮތް ނުވެ އަމާންކޮށް އޮތެވެ. އެއާހިލާފަށް މިދިޔަ ހަފުތާގެ ކޭހާއެކު މުޅި އެ ރަށް މިހާރު އޮތީ މޮނިޓަރިންގަ އެވެ.

މަނަދޫން އަވަސް އާ ވާހަކަ ދެއްކި މީހަކު ކިޔައިދިން ގޮތުގައި ޕޮޒިޓިވްވި މީހާގެ އަމަލުތަކުގެ ސަބަބުން ގިނަ ބައެއްގެ ނުރުހުން އެމީހާ އަށް އަމާޒުވި އެވެ. އެމީހާ ރަށަށް ގޮސް އާއްމުކޮށް މަގުމައްޗަށް ނުކުމެ އުޅެ ހެދި އެވެ.

"ރަށަށް އައިސް އުޅޭ އިރު އެހެން ނޭނގޭނެދޯ އަސްލު ކަަރަންޓީނު މުއްދަތު ހަމަވެފައި ކަމެއް. މިހާރު މިވީ ގޮތުން އަނެއްކާ ބޮޑު ބިރުވެރި ކަމެއްގައި މި ތިބެން ޖެހެނީ. ނަތީޖާ ދޭން ބެލި އިރު މިހުރީ ދޯނީގައި މަހަށް ގޮސް. އަދި، މިސްކިތަށް ދާނެ ކުޑަކުދިންނާއި މުސްކުޅިން ވެސް. އެމީހުނަށް ބަލި ޖެހުމުގެ ފުރުސަތު މިހާރު އެބަ އޮތް. ފަރުދީ ޒިންމާ އަދާ ކުރުމުގެ މުހިއްމު ކަން މި އެނގެނީ،" މަނަދޫ އިން ވާހަކަ ދެއްކި ޒުވާނަކު ކިޔައި ދިނެވެ.

މަނަދޫ ކޭހާ ގުޅިގެން މިހާރު 11 މީހަކު ވަނީ ކަރަންޓީނު ކޮށްފަ އެވެ. މީގެ ތެރޭ ދޯނީގައި އެ މީހާއާއެކު މަހަށް ދިޔަ މީހުނާއި އަމިއްލައަށް ކޮންޓެކްޓުވި ކަމަށް ބުނެ ކޮވިޑު ޓީމަށް އެންގި މީހުން ވެސް ހިމެނެ އެވެ.

އެޗްއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި އުސޫލުތަކާ ހިލާފުވާ ފަރާތްތަކުގެ ސަބަބުން މުޅި ރަށް ނުރައްކަލަށް ހުށަހެޅިގެން ދާ ދިއުމާމެދު ވިސްނަން ޖެހެ އެވެ. އަދި އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރަން ޖެހެ އެވެ.

"މަދުން ނަމަވެސް ފުރަބަންދު ކަރަންޓީނުގައި ތިބޭ މީހުން އަޅުގަނޑުމެންނަށް އެބަ ފެނޭ މިހާރަކަށް އައިސް ކޮންމެވެސް ވަރަކަށް ގައިޑްލައިންތަކާ ހިލާފުވާތަން. މިގޮތަށް އުސޫލުތަކާ ހިލާފުވާ ފަރާތްތަކުގެ ސަބަބުން ތިމާގެ ރަށަށް. މާނައަކީ ތިމާގެ އާއިލާ އާއި އަވަށްޓެރިންނާއި ގާތްތިމާގެ މީހުންނާއި ރަށުގެ އެހެން މީހުން ވެސް ނުރައްކަލަށް އެބަ ހުށަހެޅޭ،" ނަޒްލާ ވިދާޅުވި އެވެ.

ކައުންސިލްތަކުގެ ޒިންމާ ބޮޑު

ގުދުރަަތީ ގޮތުން ރާއްޖެ އޮތް ގޮތުގެ ސަބަބުން ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތުގައި ކުރިއަރައި ދެވިދާނެ ކަމަށް ބުނެ، މީގެ ހަ މަސް ކުރިން އާއްމުން ވާހަކަ ދެއްކި އެވެ. އޭރު ބުނަމުން އައީ އަތޮޅުތަކުގެ ތެރެއަށް ބަލި ނު ފެތުރުނިއްޔާ ސަލާމަތް ވެވޭނެއޭ އެވެ.

މިދިޔަ މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކޮވިޑް ވައިރަސް މާލެ ސިޓީން "ނުކުމެ" ގާތްގަނޑަކަށް ރާއްޖޭގެ ހުރިހާ އަތޮޅަކަށް "ހިނގައްޖެ" އެވެ. އެހެން ކަމުން މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮވިޑް ފެތުރިފައިވާ ކަމުގެ ނިޝާން ނަންބަރުތަކުން ދައްކަ އެވެ. އެގޮތުން 25 ރަށެއްގައި ކޮވިޑްގެ ބަލި މީހުންއެބަ ތިއްބެވެ. އެ ރަށްރަށުގައި 89 ބަލި މީހުން އެބަތިއްބެވެ. އެއީ 82 ދިވެހިންނާއި ހަތް ބިދޭސީންނެވެ.

އެންމެ މުހިއްމު ރޯލެއް އަަދާ ކުރާނެ އެއް ބަޔަކީ ރަށު ކައުންސިލެވެ. މި ދުވަސްވަރު ހަރުކަށި ކަމާއެކު ނަމަވެސް އެޗްޕީއޭގެ ފިޔަވަޅުތަކަށް ސަމާލުވާން މަޖުބޫރު ކުރެވެން އެބަ ޖެހެ އެވެ. ކަރަަންޓީނު އުސޫލާ އެއްގޮތަށް އަމަލު ކުރޭތޯ މޮނިޓާ ކުރުމާއި ފިޔަވަޅު އެޅުން ވެސް ހިމެނޭ ގޮތަށެވެ. އެހެން ނޫނީ މުޅި ރަށަށް ގެއްލުން ވާނެ އެވެ.

މީގެ ކުރިން އެކި ރަށްރަަށުން ޕޮޒިޓިވްވާ ކޭސްތައް ފެނުމާ ގުޅިގެން އަވަސްއާ ވާހަކަ ދެއްކި ކައުންސިލަރުން ވިދާޅުވާ ގޮތުގައި، ބައެއް މީހުން ކަރަންޓީނުގެ އުސޫލުތަކާ ހިލާފު ވެއެވެ. އަދި އެކަން ކައުންސިލުގެ ސަމާލުކަމަށް ގެންދާ މީހުންވެސް ތިބެ އެވެ. އެކަމަކު ހޯމް ކަރަންޓީނު އުސޫލާ ހިލާފުވެގެން މިހާތަނަށް ޖޫރިމަނާ ކޮށްފައި ވަނީ އެންމެ މީހެކެވެ. އެއީ، ކ. ގުރައިދޫ މީހަކަށް 2500 ރުފިޔާގެ ޖޫރިމަނާ އެކެވެ.

އަނެއްކާވެސް ފަރުދީ ޒިންމާ

ކޮވިޑް-19 ގައި ރާއްޖެއަށް އައި "ސެކަންޑް ވޭވް" ތިރިވަމުން އަންނަަ މަންޒަރު އެޗްޕީއޭގެ ޑޭޝްބޯޑުން މިހާރު ފެނެ އެވެ. ވޭވްގެ ތިރިވުން އެގޮތަށް ހިފަހައްޓާ ލެވޭނީ ފަރުދީ ޒިންމާ އަދާ ކޮށްގެނެވެ.

"ލިބިފައި އޮތް ކުޑަކުޑަ ކުރިއެރުން ވެސް އަޅުގަނޑުމެންނަށް ގެއްލިގެން ހިނގައިދާނެ. ފާއިތުވި ހަ މަސް ދުވަހު މި ކުރި ބުރަ މަސައްކަތް، އަދި ރައްޔިތުން ވެސް ތަހައްމަލު ކުރަން ޖެހުނު އުނދަގޫތައް އެއްވެސް ބޭނުމެއް ނެތި ބޭކާރު ވެގެން ހިނގައިދާނެ.. މި ކަންކަމަށް ސަމާލުވުމަށް އިލްތިމާސް ކުރަން" ނަޒްލާ ވިދާޅުވި އެވެ.

އެޗްޕީއޭގެ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހާ ހަމައަށް އެކި ރަށްރަށަށް 2،705 މީހުން ކަރަންޓީނަށް ފޮނުވި އެވެ. އޭގެ ތެރެއިން 121 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 9،000 ހުރަސްކޮށްފަ އެވެ.