ލައިފްސްޓައިލް

ޔޫއޭއީގައި އުކުނު ފިލުވައި ދޭ ސެލޫނެއް!

ކޮރޯނާވައިރަހާ ހަނގުރާމަ ކުރުމުގައި އެންމެން ވަރަށް އަވަދިނެތި އުޅޭ މި ދުވަސްވަރު ޔޫއޭއީގެ ސެލޫނެއްގައި ވަރަށް ތަފާތު ޚިދުމަތެއް ދޭން ވަނީ ފަށާފަ އެވެ. މި ސެލޫނުން ދޭ ޚިދުމަތުގެ ވާހަކަތައް އެ ގައުމުގައި ވަނީ ވަރަށް ގަދަ ވެސް ވެފަ އެވެ. މި ސެލޫނުން ކުރާ ކަމަކީ ބޮލުގައި އުކުނު އަޅާފައިވާ މީހުންނަށް އުކުނާ ހަނގުރާމަ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ.

"އުކުނަކީ ރީތި އެއްޗެއް ނޫން،" މި މޮޓޯގެ ދަށުން ހިންގާ "ނޯ މޯ ލައިސް" ކިޔާ މި ސެލޫންގެ ބާނީ އަކީ އިޓަލީ މީހެއް ކަމަށްވާ ޕައޮލާ ފުރްޑޯ އެވެ. އޭނާ ބުނާ ގޮތުގައި މި ސެލޫނަކީ މި ރީޖަންގައި ވެސް ހުރި މިފަދަ ފުރަތަމަ ސެލޫނެވެ. މި ސެލޫން މުޅިން ޚާއްސަ ކޮށްފައިވަނީ އުކުނު ގޮއްވުމަށެވެ. މި ޒަމާނުގައި އެހާ ގިނަ ބައެއްގެ ބޮލުގައި އުކުނު އުޅެދާނެ ކަމަކަށް ގިނަ މީހުން ގަބޫލެއް ނުކުރާނެ އެވެ. ނަމަވެސް ތި ހީކުރުން މުޅިން ގޯހެވެ.

ސެލޫންގެ ވެރިޔާ ބުނި ގޮތުގައި ބޮޑު ބަލިމަޑުކަމެއް ޔޫއޭއީގައި ވެސް ފެތުރިފައި އޮތަސް ފާއިތުވީ މަހު އެކަނި ވެސް ޑުބާއީގައި ހުންނަ އޭނާގެ ސެލޫނުން 120 ކުދިންނަށް އުކުނު އަޅައިގެން ފަރުވާ ދީފައި ވެއެވެ. މީގެ ގޮތްޕެއް އަބޫ ދާބީގައި ވެސް ފުރްޑޯ ހިންގަ އެވެ.
ފުރްޑޯ ބުނި ގޮތުގައި ކޮވިޑް-19ގެ ބަލިމަޑުކަން ފެށުމުގެ ކުރިން މިއަށް ވުރެ ދެ ގުނަ އިތުރު އަދަދަކަށް އޭނާގެ ސެލޫންތަކުން މަހެއްގެ މައްޗަށް މީހުންނަށް ޚިދުމަތް ފޯރުކޮށްދެ އެވެ.

ފުރްޑޯ ބުނި ގޮތުގައި ތަރައްގީގެ މިޒަމާނުގައި އިސްތަށިގަނޑުގައި އުކުނު ހާލި ހެދުމަކީ މަދުން ނޫނީ ދިމާ ނުވާނެ ކަމެއް ކަމަށް ވަރަށް ގިނަ ބަޔަކަށް ގަބޫލު ކުރެވެ އެވެ. ނަމަވެސް ބޮލުގައި އުކުނު އެޅުމަކީ ވަރަށް ފަސޭހައިން ދިމާވެދާނެ ކަމެއް ކަމަށް އޭނާ ބުންޏެވެ.
އުކުނަކީ ވަރަށް ކުދިކުދި ސޫތްޕެކެވެ. މި ސޮރު ދިރިއުޅެނީ އިންސާނުންގެ ލޭ ބޮއިގެންނެވެ.

ކުރިން ގިނަ ބަޔަކަށް ގަބޫލު ކުރެވިފައި އޮންނަ ގޮތަށް އުކުނަކީ އެކަކުގެ ބޮލުން އަނެކަކުގެ ބޮލަށް ފުންމާ ނުވަތަ އުދުހޭ އެއްޗެއް ނޫނެވެ. ނަމަވެސް އުކުނު ހުރި ކުއްޖަކު ނުވަތަ މީހަކު އުކުނު ނެތް ކުއްޖެއްގެ ގައިގައި ޖެހިލެވިއްޖެނަމަ އުކުނު ފަސޭހައިން އަރާނެ އެވެ. އަދި ސްކޫލްގެ ކްލާހުގައި ހުންނަ މޭޒުންނާއި ޓެކްސީން އަދި މަތިންދާބޯޓުންނާއި ސިނަމާ ސީޓުން ވެސް އުކުނު އެރުމަކީ އެކަށީގެންވާ ކަމެކެވެ.
އަދި އެކަކުގެ އެއްޗެތި އަނެކަކާ ޝެއާ ކުރަންޏާ ވެސް ވަރަށް ފަސޭހައިން އުކުނު އެރުމަކީ އެކަށީގެންވާ ކަމެކެވެ.

ފަސޭހައިން އުކުނު އަޅަނީ ހަމައެކަނި ކުޑަކުދިންގެ އިސްތަށިގަނޑަކު ނޫނެވެ. ބޮޑެތި މީހުންނަށް ވެސް މި މައްސަލަ ދިމާވެ އެވެ.
ފުރްޑޯ ބުނިގޮތުގައި އުކުނު ފިލުވައިދޭ ސެލޫނެއް ފެށުމުގެ ޚިޔާލު އައީ އޭނާގެ ދެ ދަރިން ކުރެ އެއް ކުއްޖަކަށް މި މައްސަލަ ދިމާވުމުންނެވެ.

"އަހަންނަށް އެ ފަހަރު އިހްސާސް ކުރެވުނު އުކުނު ފިލުވާ ޝޭމްޕޫތަކުން އެހާ ރަނގަޅަށް އިސްތަށިގަނޑުގައި ހުންނަ ލީ ތައް ފިލުވާ ނުލެވޭކަން. އަދި ޝޭމްޕޫ އިން ދޮވުމަށް ވުރެ އިތުރު ފަރުވާ އުކުނު އަޅާފައިވާ އިސްތަށިގަނޑަށް ބޭނުންވާކަން،" ފުރްޑޯ ވިދާޅުވި އެވެ.

މި މައްސަލަ ހައްލުކުރަން ފުރްޑޯ ވަނީ އުކުނު ފިލުވުމަށް ޚާއްސަ މެޝިންތަކެއް އޭނާގެ ސެލޫންގައި ބަހައްޓާފަ އެވެ. މި މެޝިން މަސައްކަތް ކުރަނީ ކަރަންޓް ފުނަލެއް މަސައްކަތް ކުރާ ފަދަ ގޮތަކަށެވެ. އެ ފުނަލުގައިވާ ސަކްޝަން ސިސްޓަމުން އިސްތަށިގަނޑުގައި ހުންނަ އުކުނާއި ލީތައް ދަމާލަ އެވެ.

މިގޮތަށް އުކުނުތައް އިސްތަށިގަނޑުން މުޅިން ފިލުވާލުމަށްފަހު އަލުން އުކުނު އެޅިޔަ ނުދޭން ބޭނުންވާ ބައެއް ކަހަލަ ޕްރޮޑަކްޓްތައް ވެސް އިސްތަށިގަނޑުގައި ބޭނުން ކުރެ އެވެ. މި ޕްރޮޑަކްޓަކީ ނެޗުރަލް، އޯގަނިކް އަދި ކެމިކަލް ފްރީ އެއްޗެކެވެ.

ފުރްޑޯގެ ސެލޫނުން އުކުނު ފިލުވުމުގެ ޚިދުމަތް ބަހާލާފައި އޮންނަނީ ތިން ބަޔަކަށެވެ. ފުރަތަމަ ސްޓޭޖުގައި އޮންނަނީ އުކުނު ހުރި މިންވަރު ބެލުމަށް އިސްތަށިގަނޑު ރަނގަޅަށް ބެލުމެވެ. ދެ ވަނަ އަށް ކަރަންޓު ފުނަލުން ހުރިހާ ލީ އާއި އުކުނުތައް ދިމާލުމެވެ. ތިން ވަނަ އަށް ޕްރިވެންޓިވް ޓްރީޓްމަންޓެވެ.

ފުރްޑޯ ބުނި ގޮތުގައި ސެލޫނަށް ދާން ބޭނުން ނުވާ މީހުންނަށް އެ ސެލޫންގެ ސްޓާފުން ގެއަށް ފޮނުވައިދީގެން ވެސް ޚިދުމަތް ދެއެވެ.
ފުރްޑޯ ބުނި ގޮތުގައި އާންމުކޮށް އެންމެ ފަހަރަކު ފަރުވާ ހޯދައިގެން އިސްތަށިގަނޑުން އުކުނު ފިލުވާލެވެ އެވެ. ނަމަވެސް މާ ގިނަ އަދަދެއްގެ އުކުނު ހުރި ނަމަ ދެ ވަނަ ފަހަރަކަށް ވެސް ބޭނުން ކުރެވެ އެވެ. މި ސެލޫނުން އުކުނު ފިލުވުމުގެ ޓްރީޓްމަންޓެއް ހަދައިދެނީ 395 ދިރްހަމް (ގާތްގަނޑަކަށް 107 ޔޫއެސް ޑޮލަރު) އަށެވެ. ފަރުވާ އަށް ފަހު ހަފުތާއެއް ވަންދެން ހިލޭ ފޮލޯ-އަޕް ހަދާދެ އެވެ. ސެލޫންގެ ވެރި މީހާ ބުނި ގޮތުގައި އިސްތަށިގަނޑުގައި އުކުނު ހުރިނަމަ ސްކޫލްގައި ކުދިން ބުލޫކުރުމުގެ މައްސަލަ ތަކާ ވެސް ކުދިންނަށް ކުރިމަތި ވެއެވެ.