ދުނިޔެ

ހޫތީންގެ އަމާޒުތަކަށް ސައުދީ ކޯލިޝަނުން ހަމަލާދީފި

ސައުދީ އަރަބިއްޔާ އިސްވެ އޮވެގެން އުފައްދާފައިވާ ކޯލިޝަނުން ޔަމަންގެ ހޫތީ ހަނގުރާމަ ވެރިން ކޮންޓްރޯލް ކުރާ ސަންއާ ސަރަހައްދު ތަކަށް ވައިގެ 11 ހަމަލައެއް ދީފި އެވެ. މިކަން ހޫތީންގެ ހަބަރުތައް ފަތުރާ ނޫސް އެޖެންސީ ސަބާއިން ވެސް ވަނީ ޔަގީން ކޮށްދީފަ އެވެ.

އިއްޔެ ހަމަލާތައް އަމާޒުވީ ވެރިރަށް ސަންއާގެ އެއާޕޯޓްގެ ވަށައިގެންވާ ސަރަހައްދު ތަކާއި ސަބާ ސިޓީގެ އުތުރާއި މެދުތެރެ އަށެވެ. މި ހަމަލަ ތަކުގައި އެއްވެސް މީހަކަށް އަނިޔާ އެއް ލިބުނު ކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ސައުދީގެ އަލް އަރަބިއްޔާ ނޫހުން ރިޕޯޓު ކުރި ގޮތުގައި ކޯލިޝަނުގައި ހިމެނޭ ބާރުތަކުން ހަމަލަ ދިނީ ސަންއާ ގައިވާ ހޫތީ ސިފައިންގެ މަރުކަޒު ތަކާއި އަސްކަރީ ތަންތަނަށެވެ. މި ހަމަލަ ތަކުގައި އުތުރު ސަންއާގެ އަލް ޑެލްމީ ވައިގެ މަރުކަޒު ގައި އޮތް ހަތަރު ޑްރޯން އަކަށް ހަމަލަދީ ނައްތާލާފައި ވެއެވެ. މި ހަމަލަ އާއި ގުޅޭގޮތުން ރަސްމީ އެއްވެސް މައުލޫމާތެއް ސައުދީ ކޯލިޝަންގެ ތެރެއިން އަދި އައިސްފައެއް ނުވެއެވެ.

ހޮނިހިރު ދުވަހު ސަންއާ ގައިވާ ހޫތީންގެ ދެ އަމާޒަކަށް ވެސް ސައުދީ ކޯލިޝަނުން ހަމަލާ ދިނެވެ. ބެލެވޭ ގޮތުގައި މި ހަމަލަތައް ދިނީ ބުރާސްފަތި ދުވަހު ސައުދީއަށް ހޫތީން ބެލެސްޓިކް މިސައިލާއި ޑްރޯން ބޭނުން ކޮށްގެން ދިން ހަމަލާގެ ބަދަލު ހިފައި ފިލާވަޅެއް ދިނުމުގެ ގޮތުންނެވެ.

ސައުދީއަށް ބުރާސްފަތި ދުވަހު ހަމަލަ އެއް ދެވުނު ކަމަށް ސައުދީ ކޯލިޝަނުން އެއްބަސްވެފައެއް ނުވެ އެވެ. އެކަމަކު ސައުދީއަށް އަމާޒުވި ބެލެސްޓިކް މިސައިލަކާއި ގޮވާ ތަކެތި ބަރުކޮށްފައިވާ ޑްރޯންތަކެއް އަމާޒަށް ވާސިލް ވުމުގެ ކުރިން ހަލާކު ކޮށްލެވިފައިވާ ކަމަށް ބުނެފައި ވެއެވެ.

ޔަމަންގެ ދާހިލީ ހަނގުރާމާގައި މިހާތަނަށް އެއް ލައްކައަށް ވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. މި ހަނގުރާމަ ފެށުނީ ޔަމަނުގައި އޮތް ސައުދީގެ މަދަދު ލިބޭ ރައީސް އަބުދުއްރައްބު މަންސޫރު ހާދީ ގެ ސަރުކާރު 2014 ވަނަ އަހަރު ހޫތީން ވައްޓާލައި ވެރިރަށް ސަންއާއި އަދި އެހެނި ހެން މުހިންމު ސަރަހައްދު ތައް ހިފުމާއި ގުޅިގެންނެވެ، ސައުދީ ކޯލިޝަނުން ހޫތީންނާ ދެކޮޅަށް ހަނގުރާމަ ކުރަނީ ކުރީގެ ރައީސް އަބުދުއްރައްބު ހާދީއަށް އަލުން ވެރިކަން ހޯދައި ދޭށެވެ. ހޫތީނަށް ވާގިވެރި ވަނީ އީރާނެވެ.