ކުޅިވަރު

ޕީއެސްޖީ މާސޭ: ފަހުވަގުތު ފަސް ރަތް ކާޑު

އޮލިމްޕިކް މާސޭ އަތުން ޕީއެސްޖީ ބަލިވާން ދިޔަ މެޗުގެ އެންމެ ފަހު ވަގުތުގައި ފަސް ކުޅުންތެރިންނަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފި އެވެ.

ފްރާންސްގެ ކްލެސިކޭގެ ނަމުން މަޝްހޫރުވެފައިވާ މި ދެ ޓީމުގެ ކުރިމަތިލުމުގައި ޕެރިސްގެ ޕާކްޑެސް ޕްރިންސަސް ސްޓޭޑިއަމްގައި ކުޅުނު މެޗުން މާސޭ އަތުން ޕީއެސްޖީ ބަލިވީ 1-0 ންނެވެ. މެޗުން ޕީއެސްޖީ ބަލިވުމަށް ވުރެ ސަމާލުކަން ހުއްޓުނީ މެޗުގެ އެންމެ ފަހު ވަގުތު ހިންގައި ދިޔަ ހަމަނުޖެހުން ތަކަށެވެ.

ދިހަ ރީނދޫކާޑާއެކު ޖުމުލަ 15 ކާޑު މެޗުގައި ދެއްކި އެވެ. ރަތްކާޑުގެ ތެރެއިން ތިން ކާޑު ދެއްކީ ޕީއެސްޖީ އަށެވެ. އެންމެ ފުރަތަމަ ދަނޑުން ފޮނުވާލީ ދެ ޓީމުގެ ދެ ވާތު ބެކެވެ. ޕީއެސްޖީގެ ލައިވިން ކަޒާވާ އަދި މާސޭގެ ޖޯޑަން އަމާވީ އެވެ. އެ ދެ ކުޅުންތެރިން ވަނީ އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކަށް ހަމަލާ ދީފަ އެވެ. އެންމެ ފުރަތަމަ މައްސަލަ ޖެހެން މެދުވެރިވީ މާސޭގެ ސްޓައިކަރު ޑަރިއޯ ބެނެޑޭޓޯ، ޕީއެސްޖީގެ މިޑްފީލްޑާ ލިއެންޑްރޯ ޕަރޭޑޭސްއަށް ފައުލު ކުރުމުންނެވެ. ޕީއެސްޖީން އަވަހަށް ޖަހަން އުޅުނު ހީލޭޖެހުން ލަސް ކުރުވުމަށްޓަކައި ބެނެޑޭޓޯ ވަނީ އެ ބޯޅަ ދުރަށް ފޮނުވާލަފަ އެވެ. އެކަމާ ގުޅިގެން އެ ދެ ކުޅުންތެރިންގެ މެދުގައި ކުރިމަތިލުން ހިނގި އެވެ. އޭގެ ކުރިން ދެ ކުޅުންތެރިން ވެސް ވަނީ ރީނދޫ ކާޑު ދައްކާފަ އެވެ. އެ ހަމަނުޖެހުމާ ގުޅިގެން އެ ދެ ކުޅުންތެރިންނަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދެ ކުޅުންތެރިން ދަނޑުން ފޮނުވާލި އެވެ.

ދެން ދަނޑުން ފޮނުވާލި ކުޅުންތެރިޔަކީ ނޭމާ އެވެ. ވީޑިއޯ އެސިސްޓެންޓް ރެފްރީ ދެއްކީ، މާސޭގެ އަލްވާރޯ ގޮންޒާލޭޒްގެ ގައިގައި ނޭމާ ޖެހިތަނެވެ. އެކަމާ ގުޅިގެން އޭނާއަށް ރަތް ކާޑު ދައްކައި ފޮނުވާލި އެވެ. ދަނޑުން ފައިބައިގެން ދަމުން ބަދަލު ރެފްރީ ގާތު ނޭމާ ބުނީ އަލްވާރޯ ގޮންޒާލޭޒްގެ ނަސްލީ ގޮތުން ދިމާ ކުރިކަމަށާއި އޭނާގެ ގައިގައި ޖެހީ އެހެންވެ ކަމަށެވެ.

ކްލެސިކޭގެ މަންޒަރުތައް އެހާ ހިސާބުން ނިމުނީއެއް ނޫނެވެ. ޕީއެސްޖީގެ އެންހަލް ޑީ މާރިއާ ކުޅު ޖެހި ކަމަށް ބުނެ އަލްވާރޯ ގޮންޒާލޭޒް، ރެފްރީ ގާތު ޝަކުވާ ކުރި އެވެ. ކޮރޯނާ ވައިރަސްގެ ހާލަތުގައި ކުޅުންތެރިޔަކާ ނުވަތަ އޮފިޝަލަކާ ދިމާވާ ގޮތަށް ކުޅު ނުޖެހުމަށް ވަނީ ގަވާއިދަށް ބަދަލު ގެނެސްފަ އެވެ. އެކަން ކޮށްފިނަމަ ރަތް ކާޑު ދައްކަން ޖެހޭނެ އެވެ.

އެހެން ނަަމަވެސް ވީއޭރުން ފެންނަގޮތުގައި ޑިމާރިއާ ކުޅު ޖަހަނީ އަލްވާރޯއާ ދިމާލަށްވާ ގަޮތަކަށް ނޫނެވެ. އެހެންވެ އެކަމުގައި ރަތް ކާޑެއް ދައްކަން ނުޖެހޭ ކަމަށް ރެފްރީ ނިންމި އެވެ. ޕީއެސްޖީ މެޗުން ބަލިވީ 31 ވަނަ މިނެޓްގައި މާސޭގެ ފްލޮރއަން ތޫވަން ކާމިޔާބު ކުރި ލަނޑުންނެވެ.