ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް މައުމޫން އަބްދުލްގައްޔޫމް

މައުމޫން ޑީއެޗުން ގެއަށް ވަޑައިގެންފި

Sep 14, 2020
1

ކޮވިޑް ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން ފަރުވާ ހޯއްދެވުމަށް ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް) ގައި އެޑްމިޓް ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކޮވިޑް ބަލީން މުޅީން ރަނގަޅުވެ، ހޮސްޕިޓަލް ދޫ ކުރައްވާ ގެއަށް ވަޑައިގެންފި އެވެ.

އުމުރުފުޅު މިހާރު 83 އަހަރުވެފައިވާ ރައީސް މައުމޫން މިއަދު ޑީއެޗުން ނުކުމެ ވަޑައިގެން ޓްވީޓެއް ކުރައްވާ ވިދާޅުވީ "މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން ކޮވިޑް ބަލިން ޝިފާ ލިބިގެން ހެޔޮ ހާލުގައި އަޅުގަނޑު މިއަދު ދަރުމަވަންތަ ހޮސްޕިޓަލުން ގެޔަށް އަތުވެއްޖައިން" ކަމަށެވެ.

އަދި އެކިއެކި ބަލިބަލި ތަހައްމަލު ކުރަމުންދާ ހުރިހާ އެންމެނަށް އަވަސް ޝިފާއަކަށް އެދި ވަޑައިގެން އެ މަނިކުފާނު ދުއާ ކުރައްވާފައި ވެސް ވެއެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓް

ރައީސް މައުމޫނަށް ކޮވިޑް ޖެހުނީ އޯގަސްޓް 25، 2020 ގައެވެ. ކުރީގެ ރައީސް މައުމޫންގެ އޮފީސްކޮޅެއް ހުރި ނަމެވެސް އެކަން އިއުލާން ކުރެއްވެވީ މަނިކުފާނު އަމިއްލަފުޅަށް ޓްވީޓް ކުރައްވައިގެނެވެ.

ރައީސް މައުމޫންގެ އެ ޓްވީޓްގައި އެ މަނިކުފާނަށް ކޮވިޑް ޖެހުނުކަން ޔަގީންކޮށް ދެއްވުމާއެކު ތައުބާ ސޫރަތުގެ 51 ވަނަ އާޔަތުން ބައެއް ވެސް ހިމަނުއްވާފައި ވެއެވެ، އެ އާޔަތުގެ މާނާގައި އޮންނަނީ މިހެނެވެ: "ކަލޭގެފާނު ވިދާޅުވާށެވެ. ﷲ އަޅަމެންނަށް ލިޔުއްވަވާފައިވާ ކަމެއް މެނުއީ އަޅަމެންނަށް ނުޖެހޭނެއެވެ."

ރާއްޖޭގައި 30 އަހަރު ދުވަހުގެ ދިގު ވެރިކަމެއް ކުރެއްވެވި ރައީސް މައުމޫން ކޮވިޑަށް ޕޮޒިޓިވްވެ ޑީއެޗްގައި އެޑްމިޓް ކުރެއްވުމުން އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދި ވަރަށް ގިނަ ބަޔަކު ހެޔޮ ދުއާ ފޮނުވި އެވެ. އަދި ރައީސް މައުމޫނު ވަނީ ޑީއެޗްގައި އޮންނަވައިގެން އެ އެންމެނަށް ޝުކުރު އަދާ ކުރެއްވެވި އެވެ. ޑީއެޗްގެ 20 ވަނަ ބުރީގައި އެ މަނިކުފާނު 21 ދުވަހު އޮންނެވި އެވެ.