ބައެއް ރަށްރަށުން ސާމްޕަލް ދޭން ދެކޮޅު ހަދާތީ އެކަމާއި ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މީގެ ކުރިން މާލޭގައި ވެސް ދުވަސްވީ ބައެއް މީހުންގެ ސާމްޕަލް ނަގަން އެދުމުން އާއިލާތަކުން އެކަމަށް ދެކޮޅު ހެދި މައްސަލަތަކެއް ވަނީ ފާހަގަކޮށްފަ އެވެ. ރޭ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވި ގޮތުގައި އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނެގުމުގައި މިވަގުތު ދަށްޗެއް ނެތެވެ. ނަމަވެސް ރަށްރަށުގައި ބަލި ނެތްކަން ޔަގީން ކުުރަން އެކްޓިވް ސަަވައިލަންސް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރާއިރު ބައެއް މީހުން އެކަމާ ދެކޮޅު ހަދަމުންދެ އެވެ.
ނަޒްލާ ވަނީ ހުރިހާ ރައްޔިތުންގެ ސަލާމަތަށްޓަކައި އެޗްޕީއޭއަށް އެއްބާރުުލުން ދިނުމަށް އެދިވަޑައިގެންފަ އެވެ.
"އަޅުގަނޑުމެން ފާހަގަ ކޮށްލަން ބައެއް ފަހަރު އެކްޓިވް ސަަވައިލަންސްއަށް އަޅުގަނޑުމެން ސާމްޕަލް ނަގަން އުޅޭއިރު، ހާއްސަކޮށް ރަށްރަށުން ސާމްޕަލް ނަގަން އުޅޭއިރު ބައެއް ބޭފުޅުން އެބަ ދެކޮޅު ހައްދަވާ. ބައެއް ބޭފުޅުންނަށް ހީވަނީ އެ ރަށުގައި ބައްޔެއް ނެތޭ، އެހެންވީމަ ތިމަންނަ ކީއްކުރަންހޭ ޓެސްޓް ކުރަންވީ... އެހެން ނަމަވެސް އަޅުގަނޑުމެންނަށް އެއްވެސް ރަށެއްގައި ބަލި އުޅޭކަން މި އެނގެނީ ކޮންމެވެސް ހިސާބަކުން ޓެސްޓް ކޮށްގެން. އެހެންވީމަ ބަލި އުޅޭތޯ ދެނެގަންނަން އެންމެ އަވަހަށް އަދި އެންމެ ފަސޭހައިން އެކްޓިވް ސަވައިލަންސްއަށް ސާމްޕަލް ނެގުން،"
ނަޒްލާ ވިދާޅުވީ އިއްޔެވެސް ބައެއް ރަށްރަށުން އެ މައްސަލަތައް ތަކުރާރުކޮށް ފާހަގަ ކުރެވިފައިވާ ކަމަށާއި ސާމްޕަލް ނެގުމަކީ އެ ކަމުގެ ސަބަބުން މީހާއަށް އެއްވެސް ގެއްލުމެއް ލިބޭނެ ކަމެއް ނޫން ކަމަށެވެ.
އަތޮޅުތަކުގެ 21 ރަށެއްގައި 77 މީހަކަށް ކޮވިޑް ބަލިޖެހިފައި ވެއެވެ.