ހަބަރު

އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުން މަނާކުރިޔަސް ރާއްޖެއަށް ދައްޗެއް ނެތް

Sep 15, 2020
1

އިންޑިއާ އިން ފިޔާ ލިބުން ދަތިވެ، ބޭރަށް އެކްސްޕޯޓު ކުރުން އިއްޔެ ފެށިގެން މަނާކޮށްފައިވީ ނަމަވެސް، އެ ނިންމުމުން ރާއްޖެ އިސްތިސްނާވާނެކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އިންޑިއާގައި އެންމެ ގިނައިން ފިޔާ އުފައްދާ ކަރްނާޓަކާ އާއި އަންދްރަ ޕްރަދޭޝް އަށް ކުރި ވިއްސާރައިގެ ސަބަބުން ފިޔާ ދަނޑުތައް ވަނީ އެއްކޮށް ހަލާކުވެފަ އެވެ. މީގެ ސަބަބުން ފިޔާ ލިބުން ދަތިވެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.

އިންޑިއާ އަކީ މުޅި ދުނިޔޭގައިވެސް އެންމެ ގިނައިން ފިޔާ އެސްޕޯޓު ކުރާ ގައުމެވެ. ނަމަވެސް، އިއްޔެ އިން ފެށިގެން އެއްވެސް ބާވަތެއްގެ ފިޔާ އިންޑިއާ އިން ބޭރުކުރުން ސަރުކާރުން ވަނީ މަނާކޮށްފަ އެވެ. ރާއްޖޭ ހިމެނޭ ގޮތަށް މި ސަރަހައްދުގެ ގައުމުތަކުން އިންޑިއާ އިން ބޭރު ކުރާ ފިޔާއަށް ވަރަށް ބޮޑަށް ބަރޯސާވެ އެވެ.

ނަމަވެސް، އިންޑިއާ އިން ރާއްޖެއަށް ފިޔާ ފޯރުކޮށްދެނީ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށްވާއިރު، އިންޑިއާ ސަރުކާރުގެ އެ ނިންމުމުން ރާއްޖެ އިސްތިސްނާވާނެކަމަށް ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އިންޑިއާއިން ވަނީ މިދިޔަ މަހު ފިޔާއާއި އަލުވިއާއި ހަނޑުލާއި ހަކުރާއި ފުށާއި ބިހާއި މުގު ހިމެނޭހެން ޒަރޫރީ ބޭނުންތަކަށް އެ ގައުމުން ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ކޯޓާ އާ ކޮށްދީފަ އެވެ.