ހަބަރު

ފެނަކައިގެ ހިދުމަތަށް އައިއެސްއޯ ސެޓްފިކެޓް

ބައިނަލް އަގްވާމީ ފެންވަރަށް ފެނަކަ ކޯޕަރޭޝަންގެ ހިދުމަތްތަށް ސެޓިފައި ކޮށްފި އެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ އެކުންފުނިން އައިއެސްއޯ 9001:2015 ކޮލިޓީ މެނޭޖްމަންޓް ސެޓްފިކެޓާއި އައިއެސްއޯ 45001:2018 އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ ސެޓްފިކެޓް ހާސިލް ކޮށްފައިވާ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ އައި އެސްއޯ އަށް ސެޓިފައި ވުމަށް ކުރެވުނު މަސައްކަތުން މިހާރު އެ ކުންފުނީގެ ލަނޑުދަނޑިއާއި، ލަނޑުދަނޑި ހާސިލްކުރުމަށް މަސައްކަތް ކުރަން ޖެހޭ ގޮތުގެ އުސޫލުތަކާއި، ލަނޑުދަނޑި ހާސިލްކުރުމަށް ކުރެވޭ މަސައްކަތް ވަޒަންކުރާނެ މިންގަނޑުތަކާއި، މަސައްކަތްތަކާއި ގުޅުންހުރި މުހިއްމު މައުލޫމާތު އެއްކުރެވޭ ފޯމެޓްތަކާއި، ރިޕޯޓުތައް ހުށަހަޅަންޖެހޭ ފަރާތްތަކާއި، މަސައްކަތްތައް ބަލައި ޗެކު ކުރާނެ އިންތިޒާމް ހަމަޖެހި އަމަލު ކުރަމުންދާ ކަމަށެވެ.

އާ މިންގަނޑުގެ ދަށުން ކޮންމެ ޑިޕާޓްމަންޓަކަށްވެސް ހާސިލްކުރަންޖެހޭ ސްމާޓް ލަނޑުދަނޑިތަކެއް ކަނޑައެޅިފައި ހުރުމާއިއެކު އަދި މި ލަނޑުދަނޑިތައް ކުންފުނީގެ ތަސައްވުރާއި، ވަކި ވަކި މުވައްޒަފުންގެ ކީ ޕާފޯމަންސް އިންޑިކޭޓާސް އާއި ގުޅުވިފައި ހުންނާނެ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފަ އެވެ.

ފާއިތުވެ ދިޔަ މާޒީގައި އާންމު ރައްޔިތުންގެ މެދުގައި ފެނަކަ އާއިމެދު ގެއްލިފައިވާ އިތުބާރު އަނބުރާ ހޯދާ، އެކުންފުނިން ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ދެފުށް ފެންނާނެހެން ނަޒާހަތްތެރި ކަމާއިއެކު ކުރެވުނު މަސައްކަތުން ހިދުމަތް ދިނުމަށް އެކަށޭނަ ވަސީލަތް ގާއިމްކޮށްފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

ފެނަކަ އިން އިތުރަށް ބުނީ ކުންފުނީގެ ހިންގުމަށް އައި ފުރިހަމަ ބަދަލާއިއެކު ލިބުނު އެންމެ ބޮޑު ހިންހަމަޖެހުމަކީ 2018 ވަނަ އަހަރާއި ހަމައަށް ކުންފުނި ހިންގަމުންދިޔައީ ދަރަނީގެ ތައްގަނޑު ޖަހައިގެންކަމަށް ވީނަމަވެސް ފާއިތުވެ ދިޔަ 2019 ވަނަ އަހަރު ނިންމާލީ ކުންފުނީގެ ހަޔާތުގައި ފުރަތަމަ ފަހަރަށް ފެނަކަ ކޯޕަރޭޝަން އަރަނި ކުންފުންޏެއްގެ ގޮތުގައި ނަފާ ތައްގަނޑު ޖަހައިގެން ކަމަށެވެ.

އައިއެސްއޯގެ 9001:2015 ސްޓޭންޑަޑަކީ ދުނިޔޭގެ އެންމެ މަޝްހޫރު ކޮލިޓީ މެނޭޖްމަންޓް ސިސްޓަމެވެ.