އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު ކާގޯ ފެރީގެ ހިދުމަތް މި މަހު ފެށުމާ ގުޅޭގޮތުން، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިއަދު ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ސަންޖޭ ސުދީރުއާ ބައްދަލުކުރައްވައިފި އެވެ.
އިންޑިއާގެ ކޮޗިންއާއި ދިވެހިރާއްޖެއާ ދެމެދު މިމަހު ފެށުމަށް ތައްޔާރުވަމުންދާ ފެރީ ދަތުރުތަކުގެ އިތުރުން، އިންޑިއާގެ އެހީގައި ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވާ ޓްރާންސްޕޯޓުގެ ދާއިރާއާ ގުޅުންހުރި ބައެއް މަޝްރޫއުތަކާ ގުޅޭގޮތުންކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.
ފެރީގެ ހިދުމަތުގެ މަޝްވަރާތައް މިދިއަ އަހަރު ފެށިގެން ކުރަމުން އައިސް، އެ ހިދުމަތް ފަށާ ކަމަށް އިއުލާނު ކޮށްފައި ވަނީ، މިދިއަ މަހު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާއެކު ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކަށް ފަހު އެވެ.
ކޮޗިނަށް ފަށާ ފެރީއަކީ ރާއްޖެ އާއި އެހެން ގައުމަކާ ދެމެދު ކަނޑު ހުރަސްކޮށް ޝެޑިއުލް ފެރީގެ ހިދުމަތް ފަށާ ފުރަތަމަ ފަހަރެވެ. އެ ހިދުމަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ކޮޗިން – ކުޅުދުއްފުށި – މާލެ އާ ދެމެދުގައި ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.
އެގޮތުން، މިމަހުގެ 26 ވަނަ ދުވަހު ފުރަތަމަ ބޯޓު ރާއްޖެ ބަނދަރު ކުރާނެ ކަމަށް ރިޕޯޓުތައް ބުނެފައިވީ ނަމަވެސް، ހިދުމަތް ފަށާ ތާރީހެއް ސަރުކާރުން އަދި މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.
ކާގޯ ފެރީގެ ހިދުމަތާއެކު ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އުތުރުގެ ކުޅުދުއްފުއްޓަކީ ފެރީގެ އެއް މަންޒިލަށް ވުމާއެކު، އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ގޮތުން ކުރި އެރުން ލިބި، ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓަށް އަދި އިންޑިއާ މެދުވެރިކޮށް ބައިނަލްއަގްވާމީ މާކެޓަށް ނެރެން ފަސޭހަ ވެގެންދާނެ ކަމަށް ވެސް މި ސަރުކާރުގެ ބުނެފައި ވެއެވެ.
ނަމަވެސް، ކޮޗިން ފެރީއާއެކު ދެ ގައުމުގެ މެދުގައި މުދާ އުފުލުން ފަސޭހަވެގެން ދިޔުމުގެ ބަދަލުގައި އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެ ބައެއް ވިޔަފާރިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.