ހަބަރު

ރާއްޖެއާ އިންޑިއާއާދެމެދު ފެރީގެ ހިދުމަތް ފަށައިފި

Sep 21, 2020
1

އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު ކާގޯ ފެރީގެ ހިދުމަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.

ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ފައްޓަވައި ދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި އިންޑިއާގެ ސްޓޭޓް ޝިޕިން މިނިސްޓަރު ޝްރީ މަންސުހް އެލް މަންޑަވިޔާ އެވެ.

ކޮޗިނަށް ފަށާ ފެރީއަކީ ރާއްޖެ އާއި އެހެން ގައުމަކާ ދެމެދު ކަނޑު ހުރަސްކޮށް ޝެޑިއުލް ފެރީގެ ހިދުމަތް ފަށާ ފުރަތަމަ ފަހަރެވެ. އެ ހިދުމަތް ކުރިއަށް ގެންދަން ނިންމާފައި ވަނީ ކޮޗިން – ކުޅުދުއްފުށި – މާލެ އާ ދެމެދުގައި ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

"އެމްސީޕީ ލިންޒް" ނަމަކަށް ކިޔާ އެ ބޯޓު ޓުޓިކޯރިން އިން ފުރައިގެން މާދަމާ ކޮޗިން ބަނދަރަށް ކައިރި ކުރުމަށް ފަހު ރާއްޖެއަށް ދަތުރު ފަށާނެ އެވެ. މި ހިދުމަތުގެ ދަށުން އަންނަ ފުރަތަމަ ކާގޯ ފެރީ ކުޅުދުއްފުށްޓަށް ކައިރިކުރަނީ އަންނަ ހޮނިހިރު ދުވަހެވެ. އޭގެ ތިން ދުވަސް ފަހުން މާލެއަށް ވަނުމަށް ތާވަލު ކޮށްފައިވާއިރު، އެ ބޯޓު ރާއްޖޭން ފުރާނީ 10 ދުވަސް ފަހުންނެވެ.

ފުރަތަމަ އަންނަ ކޮންޓެއިނަރު ބޯޓުގައި މެޝިނަރީ އާއި، ފަރުނީޗަރާއި ކާބޯތަކެތީގެ އިތުރުން ބޭހުގެ ސަމާނު ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ކާގޯ ފެރީގެ ހިދުމަތާއެކު ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އުތުރުގެ ކުޅުދުއްފުއްޓަކީ ފެރީގެ އެއް މަންޒިލަށް ވުމާއެކު، އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ގޮތުން ކުރި އެރުން ލިބި، ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓަށް އަދި އިންޑިއާ މެދުވެރިކޮށް ބައިނަލްއަގްވާމީ މާކެޓަށް ނެރެން ފަސޭހަ ވެގެންދާނެ ކަމަށް ވެސް މި ސަރުކާރުގެ ބުނެފައި ވެއެވެ.

މި ހިދުމަތުގެ ސަބަބުން އިންޑިއާ އިން ރާއްޖެ އަށް މުދާ އެތެރެ ކުރުމުގައި ލުއި ފަސޭހަ ކަމެއް ލިބޭނެ ކަމަށައި ކޮލޮމްބޯ އާއި ދުބާއީ މަގުން ރާއްޖެއަށް އެތެރެކުރާ އަގަށް ވުރެ ކުޑަ އަގެއްގައި މުދާ އެތެރެ ކުރެވޭނެ ކަމަށް ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ވަނީ ވިދާޅުވެފައިވެ އެވެ.

ނަމަވެސް، ކޮޗިން ފެރީއާއެކު ދެ ގައުމުގެ މެދުގައި މުދާ އުފުލުން ފަސޭހަވެގެން ދިޔުމުގެ ބަދަލުގައި އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެ ބައެއް ވިޔަފާރިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރާ އިންޑިއާއާ ވަރަށް ކައިރި ބަދަހި ގުޅުމެއް އުފައްދައްފައި ވެއެވެ. އަދި އެ ގުޅުމާއެކު ރާއްޖޭގައި ގައިމުވެ ތިބޭ އިންޑިއާ ސިފައިން އިތުރު ކުރާ މައްސަލަ ހޫނުވެ، "އިންޑިއާ އައުޓު" ގެ ނަމުގައި ދިވެހިންގެ ގިނަ ބަޔަކާއި އިދިކޮޅު ފަރާތްތަކުން ވަނީ ކެމްޕޭނެއް ފަށާފަ އެވެ. އިންޑިއާ ފެރީ ދަތުރުތަކުން މި މައްސަލަ އިތުރަށް ގޯސް ވެދާނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ލަފާ ކުރެ އެވެ.