ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑް މީހުންގެ އަދަދު 30 މިލިއަނާ ކައިރިއަށް

ބަލާއާފާތެއްގެ ގޮތުގައި ފެތުރިފައިވާ ކޮވިޑް-19 ބަލި ޖެހުނު މީހުންގެ އަދަދު ދުނިޔޭގައި ގާތްގަނޑަކަށް 30 މިލިއަނަށް އަރައިފި އެވެ.

ކޮވިޑް ބަލީގެ މައުލޫމާތު އާންމު ކުރާ ޖޯންސް ހޮޕްކިންސް ޔުނިވާސިޓީން އާންމުކުރި ހިސާބުތަކުތަކުގައިވާ ގޮތުގައި ދުނިޔޭގައި ކޮވިޑް ޖެހުނު މީހުން ގެ އަދަދު 29190588 އަށް އަރާފައި ވެއެވެ. އަދި އެ ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 927245 އަށް އުފުލިފައި ވެއެވެ.

ކޮވިޑްގައި މަރުވާ މީހުންގެ އަދަދު އަންނަ އޮކްޓޯބަރު މަަހުގެ ތެރޭގައި އެއް މިލިއަނަށް އަރާނެ ކަމަށް ވެސް އެ ޔުނިވާސިޓީން ބުނެފައި ވެއެވެ. އެ ޔުނިވާސިޓީގެ މައުލޫމާތު ބިނާ ކުރަނީ އެކި ގައުމު ތަކުގެ ސަރުކާރުތަކުން ދޭ ރަސްމީ މައުލޫމާތުތަކަށް ބަލައިގެނެވެ.

އެކަމަކު ކޮވިޑް ޖެހުނު މީހުނާއި އެ ބަލީގައި މަރުވި މީހުންގެ އަދަދު ރަސްމީކޮށް ހާމަ ކޮށްފައިވާ އަދަދުތަކަށް ވުރެ މާ ބޮޑަށް ވެސް އަދަދު މަތިވާނެ ކަމަށް ސިއްހީ ތަޖުރިބާކާރުން ދެކެ ވަޑައިގަންނަވަ އެވެ. މިގޮތަށް ދިމާ ވަނީ އެކި ގައުމުތަކުގައި ޓެސްޓް ކުރާ އަދަދު ތަފާތުވުމާއި ބަލި ޖެހުމުން ރިޕޯޓު ކުރުން ލަސްވުމާއި ބައެއް ގައުމުތަކުން ބަލި ޖެހުނު ހަގީގީ އަދަދު ރިޕޯޓު ކުރަން ފަސްޖެހުން ފަދަ ކަންކަމުގެ ސަބަބުންނެވެ.

ކޮވިޑް ބަލި ފުރަތަމަ ފެނުނު ޗައިނާގެ ސިއްހީ ދާއިރާގެ އިސް އޮފިޝަަލެއް ކަމުގައިވާ ވޫ ގުއިޒެން ވިދާޅުވީ ކޮވިޑް ޖެހުނު މީހުންގެ އަދަދު 30 މިލިއަނާ ހަމަކުރާއިރު ކޮވިޑް-19 އަށް ވަރަށް އަވަހަށް ފުރިހަމަ ވެކްސިނެއް ވެސް ޗައިނާ ގެނެސްދޭނެ ކަމަށެެވެ. މިގޮތުން އަންނަ ނޮވެމްބަރު ނުވަތަ ޑިސެމްބަރުގައި ޗައިނާގެ ވެކްސިނެއް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

ޗައިނާ އަކީ ދުނިޔޭގައި އެންމެ ގިނައިން ވެކްސިން އުފައްދާ ވެސް ގައުމެވެ. އަދި ކޮވިޑް ބައްޔަށް ވެކްސިނެއް ހޯދަން ބުރަކަށް އެންމެ ބޮޑަށް މަސައްކަތުގައި އޮތް އެއް ގައުމެވެ. ކޮވިޑް-19 އަށް އަމާޒުކޮށް އުފައްދަން މަސައައްކަތް ކުރާ އެންމެ އުންމީދީ 30 ވެކްސިނުގެ ތެރެއިން ނުވަ ވެކްސިނެއްގެ މަސައްކަތް ކުރަމުން ދަނީ ޗައިނާގެ ކުންފުނި ތަކުންނެވެ.

މިދިޔަ ހަފުތާގައި ޔުނިވާސިޓީ އޮފް ހޮންކޮންގް އިން ބުނެފައި ވަނީ އެމީހުން ޗައިނާގެ ރިސާޗަރުންނާއި ގުޅިގެން އުފައްދާ ނޭފަތައް ސްޕްރޭ ކުރާ ވެކްސިނެއްގެ ކްލިނިކަލް ޓްރައިލް ފެށުމަށް ވެސް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ދުނިޔޭގެ ގިނަ ގަމުތަކަކުން ވެކްސިން އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނައިރު ތަފާތު ގޮތްގޮތަށް އެކަން ކުރިޔަށް ގެންދިޔަ ނަމަވެސް ޗައިނާއިން ބުނެފައި ވަނީ ކޮވިޑް ވެކްސިނަކީ ސިޔާސީ ނުވަތަ ހާރިޖީ ކަންކަމާ ގުޅުވައިގެން ބޭނުން ކުރާ ހަތިޔާރަކަށް ނުހަދާނެ ކަމަށެވެ. އަދި ޗައިނާ އާއި ގުޅުން އޮންނަ ހުރިހާ ފަރާތްތަކަށް ވެކްސިން ފޯރުކޮށްދޭނެ ކަމަށެވެ.

ޗައިނާގެ ސިއްހީ ތަޖުރިބާކާރުން ވިދާޅު ވަނީ އެންމެނަށް ވެކްސިން ދޭން ނުޖެހޭނެ ކަމަށެވެ. ވެކްސިން ދިނުމަގައި އިސްކަން ދޭ ފަރާތްތަކުގެ ތެރޭގައި ސިއްހީ ދާއިރާ ގެ އޮފިޝަލުންނާއި ބޭރު ގައުމުތަކުގައި ކޮވިޑް- 19 އިގެ ބިރުވެރި ކަމަށް ހުށައެޅިފައިވާ ޗައިނާގެ ރައްޔިތުން ހިމެނެ އެވެ.

މިއާ ހިލާފަށް ސަައުތު ކޮރެއާގެ ބޮޑު ވަޒީރު ޗުންގް ސްޔޭ ކްޔުން ކެބިނެޓް ބައްދަލުވުމެއްގައި ވިދާޅުވީ އެ ގައުމުން 30 މިލިއަން މީހުންނަށް ނުވަތަ ގައުމުގެ އާބާދީގެ 60 ޕަސެންޓް މީހުންނަށް ވެކްސިން ފޯރުކޮށް ދޭނެ ކަމަށެވެ. މިގޮތުން ޑަބްލިއުއެޗްއޯ އިސްވެ އޮވެ އުފައްދާ ކޮވެކްސް ސްކީމުން 10 މިލިއަން މީހުނަށް ވެކްސިން ފޯރުކޮށްދޭނެ ކަމަށް ވެއެވެ. އަދި 40 މިލިއަން ޑޯޒްގެ ވެކްސިން ސަރުކާރުތަކުން އަމިއްލަ ކުންފުނިތަކުން ގަންނާނެ އެވެ.