ވިޔަފާރި

ޓޫރިޒަމްގައި މަޝްހޫރު ބަޔަކު ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާއެއް ހަދައިފި

Oct 12, 2015
6

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މަޝްހޫރު ގިނަ ބަޔަކު ގުޅިގެން އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އޭޓީއޭ) ގެ ނަމުގައި ޓްރެވަލް އެޖެންޓުންގެ އާ ޖަމިއްޔާއެއް ރަޖިސްޓްރީ ކޮށްފި އެވެ.

މި ޖަމިއްޔާގެ އެންމެ އިސްކޮށް ހަރަކާތްތެރިވަނީ މަޝްހޫރު ޓްރެވަލް ކުންފުނި، ލެޓްސްގޯ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ރިޔާޒު (ލެޓްސް ގޯ ރިޔާޒު) އާއި އިން މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު އަލީ (ބަނީ) ގެ އިތުރުން ކެޕިޓަލް ޓެރެވަލްގެ ވެރިޔާ ޔޫސުފު ރިފްއަތު (ކެޕިޓަލް ރިފްއަތު) އެވެ. އަދި މީގެ އިތުރުންވެސް މަޝްހޫރު ގިނަ ބަޔަކު މި ޖަމިއްޔާގެ ފައުންޑަރުންގެ ގޮތުގައި ހިމެނެ އެވެ.

އޭޓީއޭގެ ރައީސް ލެޓްސްގޯ ރިޔާޒު ވިދާޅުވީ މި ޖަމިއްޔާ އުފެއްދުމުގެ މަގުސަދަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ދިވެހިންނަށް އޮތް ފުރުސަތުތައް ތަނަވަސްކޮށްދިނުން ކަމަށެވެ.

"މައިގަނޑު ބޭނުމަކީ ގައުމުގެ އިގްތިސާދު ރަނގަޅު ކުރުން. އިންޑަސްޓްރީތަކަށް ސަޕޯޓް ކޮށްދިނުން. ރިސޯޓުތަކުގެ ވެސް އޮކިއުޕެންސީ ރަނގަޅު ކޮށްދިނުން،" ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ޖަމިއްޔާ އުފެއްދުމުގެ އަނެއް މަގުސަދަކީ ޒުވާނުންނަށް ފުރުސަތު ތަނަަވަސް ކުރުން ކަމަށެވެ.

"މި އިންޑަސްޓްރީއަށް ވަންނަން ތިބި ޒުވާނުންނަށް އޭޓީއޭގެ ފަރާތުން ރިސޯޓަށް ފޮނުވައިގެން ކުދިނަށް ތަމްރީންދޭނެ. އެހެންވެ އެގޮތަށް ފޮނުވައިގެން ތަމްރީން ދިނުން ވެސް މިއީ ބޭނުމެއް،" ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ޖަމިއްޔާގެ މައިގަނޑު އަނެެއް މަގުސަދަކީ އިގްތިސާދަށް ފައިދާ ކުރަނިވި ކަންތައްތަކެއް ކޮށްދިނުން ކަމަށެވެ.

"އަަޅުގަނޑުމެންގެ މަގުސަދެއް ރާއްޖެ މެދުވެރިކޮށް ވިޔަފާރި ކުރަން ބާރު އެޅުމަކީ ވެސް،" ރިޔާޒު ވިދާޅުވި އެވެ.

އޭޓީއޭ އުފެއްދުމާއެކު، އެ ޖަމިއްޔާ އިން މިހާރު ދަނީ ވަނީ އެކި ދާއިރާތަކާ ބައްދަލު ކުރަމުންނެވެ. އެ ގޮތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އާވެސް ވަނީ ބައްދަލުކޮށްފަ އެވެ.

ޓްރެވަލް އެޖެންޓުގެ އާ ޖަމިއްޔާއެއް އުފައްދާފައިވާއިރު، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓެރެވަލް އެޖެންޓްސް (މަޓާޓޯ) ގެ ނަމުގައި ވެސް އިތުރު ޖަމިއްޔާއެއް މިހާރު އޮވެ އެވެ.