ވާހަކަ

ގިސް

(ފަހު ބައި)

އަހަންނަށް ނޭވާ ހިފަހައްޓާލައިގެން ޒޫނާގެ ވާހަކައިގެ ތެރެއަށް ގެނބިފައި އިނދެވުނެވެ.

"ހުރިހާކަމެއް ނިމެން ނެގީ ފަޅި ސިކުންތެއް. މަންމަގެ ހަޅޭއްކާއި ދޮން ބައްޕަގެ ވޭނީ ގިސްލުމުގެ އަޑާއެކު އަހަންނަށް ލޯ މަރައިލެވުނު. ބިރުން ރޫރޫ އަރައިގަނެވުނު. ފައިން ފެށިގެން ކަންފަތާހަމައަށް ނޭނގޭ ތުރުތުރެއް ދުވެގަތް،" ޒޫނާ ނޭފަތް އެތެރެއަށް ދަމައިލަމުން ކުރިއަށް ގެންދިޔައެވެ. "އަޑު މަޑުވެ މުޅިތަން ހިމޭންވުމުން އަހަންނަށް ލޯ ހުޅުވާލެވުނު. ބޯއަރިކޮށްލާ ތިރިއަށް ބަލައިލެވުނު. މުޅިތަން... މުޅި ތަޅުން އޮތީ ލެއިން ކަޅިވެފަ... ދޮންބައްޕަ އޮތީ އެނދު ކައިރީ އުއްޑުން ވެއްޓިފަ... ބޮލުގެ އެތަން މިތަން ފަޅައިގެން ގޮސް ލޭތައް ފައިބަމުން ދިޔަ... އަހަންނަށް ބަލައިލެވުނީ އެނދު މައްޗަށް ބެޑު ޝީޓުގައި ވެސް ހުރީ ގަނޑުލޭ... ކަޅު ލޭ... އަހަރެން މޫނުގައި އެއްޗެއް ހުރިހެން ހީވެގެން އަތް ޖައްސާ ބަލައިލިން... އަތުގައި އުނގުޅުނީ ވެސް ލޭ... އަހަންނަށް ބިރުން ހަޅޭއްލަވާ ގަނެވުނު.."

ޒޫނާ ރޯންފެށިއެވެ. ބާރުބާރަށެވެ. އޭނާގެ ހަށިގަނޑުގައި ލުއި ތުރުތުރެއް އަޅަމުން ދިޔައެވެ. ބުނާނެ އެއްޗެއް ނޭނގިފައި އަހަންނަށް އިނދެވުނެވެ. އޭނާ ކިޔައިދިން ވާހަކަތަކުންނެވެ. ހީވަނީ އެ މަންޒަރު ފެންނަހެންނެވެ. އެ އިހުސާސްތައް ކުރެވޭހެންނެވެ. ލޯ މަރައިލުމުން އަހަންނަށް ވެސް ކަޅުކުލައިގެ އެ ލޭތައް ސިފަވަމުން ދިޔައެވެ. ދޮންބައްޕަގެ ބޮލުގެ އެތަން މިތަނުން ފަޅައިގެން ގޮސް ހުރި ތަންތަން ފެންނަމުން ދިޔައެވެ.

ޒޫނާގެ ގިސްލުމުގެ އަޑު ފަނޑުވަމުން ދިޔައެވެ. މަޑުމަޑުން އޭނާ ހަމައަކަށް އެޅެމުންދިޔައެވެ.

"އަހަންނަށް މަންމަ ފެނުނީ އެތައް އިރެއް ވީފަހުން... އަހަރެން އޮތް އެނދާ ދިމާ ތިރިއަށް ވެއްޓިފައި އޮއްވާ... އެނދާ ދިމާއަށް އަތްދިއްކޮށްގެން އޮއްވާ... އަހަރެން މަންމާއޭ ކިޔާ ދުއްވާގަތިން.. މަންމަގެ ގައިގައި އޮޅުލައިގަތިން. ބާރުބާރަށް ގޮވަމުން މަންމަގެ މޫނުގައި ފިރުމަމުން." ޒޫނާ ދެތިން ފަހަރަކު ނޭފަތް އެތެރެއަށް ދަމައިލިއެވެ. "މަންމަގެ މުޅި ގައިގާ ވެސް އޮތީ ހުސް ލޭ. މޫނުގައި ވެސް ލޭ... އަހަންނަށް އިނގިލި ޖައްސާލެވުނީ މަންމަގެ ނޭފަތުގަ. ނޭވާ ނުލާހެން ހީވެގެން.."

ޒޫނާ އަޑުން އަޑު ނަގާ ރޯންފެށިއެވެ. ބާރުބާރަށެވެ. އަހަރެން ވެސް ހާސްވާ ގޮތްވިއެވެ. ކަންބޮޑުވާ ވަރުވިއެވެ. އޭނާ މަސަލަސްކުރެވޭތޯ އެތައް މަސައްކަތެއް ކުރެވުނެވެ. އޭނާ ހިތުގައި ޖެހޭ ގޮތް ވެއްޖެ ނަމަ ދެން ކަންތައް ވެދާނެ ގޮތް ވިސްނޭތީ ކަންބޮޑުވަމުން ދިޔައެވެ.
"ޒޫނާ،" އަކުރުތަކަށް ދަމައިލަމުން އަހަރެން ބުނެލީމެވެ. "ހަމަޖެހިލާ.. ނިމިފައި އޮތްކަމަކާ ކިތައްމެ ވަރަކަށް ވިސްނިޔަސް އެކަމެއް ދެން ރަނގަޅެއް ނުވާނެއްނު."
"އެނގޭ. އެކަމަކު އަހަންނަށް... އަހަންނަށް ވިސްނެނީ... އަހަރެންގެ ހިމާޔަތުގައި އެ މަންމަވީ ގުރުބާނުގެ މަތިން އަހަންނަށް ވިސްނެނީ.. އަހަންނަށް ޓަކައި އެވަރު ބޮޑު ކަމެއް ކުރީތީ ދެރަވަނީ... އަހަރެންގެ ދިފާއުގައި މަންމަގެ އަތުން މަންމަގެ ފިރިމީހާގެ ފުރާނަ..." ޒޫނާ އަނެއްކާ ވެސް ރޯން ފެށިއެވެ.

އަހަރެން ބޭނުންވީ އެވާހަކަތައް ހުއްޓާލާށެވެ. ކަންތައްވީ ގޮތް ސާފުވީމައެވެ. އިތުރަށް އެ މައުޟޫޢުގައި ވާހަކަދައްކާ ނަމަ ޒޫނާއަށް ވެދާނެ ގޮތެއް އަންދާޒާކޮށްލަން ވެސް ނޭނގޭތީއެވެ. މަޑުމަޑުން އެނދުން ތެދުވީމެވެ. ޒޫނާގެ ކޮނޑުގައި ހިފައިގެންނެވެ. އަހަރެން ނުކުތީ މައިގެ ތެރެއަށެވެ. މައިގެތެރެއިން ބޭރަށް ނުކުމެވޭ ގޮތަށް ހުރި ދޮރު ހުޅުވާލުމަށްފަހު ޒޫނާއާއެކު ބޭރަށް ނުކުމެލީމެވެ.

އޭރު މުޅި ތަނުގައި ރަސްކަން ކުރަމުންދިޔައީ މަޑު ފިނިކަމެކެވެ. މާހައުލުގައި ހުވަނދުލެވިފައި ވަނީ އުނިމަލުގެ ތާޒާ ވަހުންނެވެ.

"ކުޑަކޮށް ހަމަޖެހިލާ... ފުންކޮށް ނޭވާލައިބަލަ،" އަހަރެންގެ މޭގައި ޒޫނާ ލައްކޮށްލަމުން ބުނެލީމެވެ. "މި ހިތްގައިމު މީރު ވަހާއި މި ތާޒާ ފިނިކަމާ، މި ހިމޭން މާހައުލުން ބުނެދެނީ ކޮންކަމެއް؟"

ޒޫނާ އަނގަޔަކުން ނުބުނެއެވެ. އަހަރެން ބޭނުންވީ އޭނާގެ ސިކުނޑި އެހެން ދިމާއަކަށް އަނބުރާލާށެވެ. ތަފާތު އެކި ވާހަކަތަކުގެ ޖާދޫއިން އޭނާގެ ވިސްނުން އަނބުރާލާށެވެ.

"ވިސްނައިލަބަލަ.. ތުނިތުނި ހެދުމުގައި ޒޫނާ ތިހެން ހުންނައިރު... ހާމަކަންމަތީ އަހަރެންގެ ހިތް ތެޅެމުންދާ އަޑު ޒޫނާއަށް އިވޭއިރު އެ ވިންދުތަކުން އެ ބުނަނީ ކީކޭތަ؟ މި ހިތުގެ ރާގުތައް ކިޔަނީ ކޮން ލަވައެއްތަ؟"

ޒޫނާގެ ގިސްލުމުގެ އަޑު މަޑުމަޑުން ހިނދެމުން ދިޔައެވެ. އޭނާ ހަމައަކަށް އެޅެމުންދާހެން ހީވަމުން ދިޔައެވެ. އެހެންވެ ލަސްލަހުން ވައި އަޑު އަހަރެން ވާހަކަދެއްކީމެވެ.

"މި ކިހާ ރޮމޭންޓިކް ސީނެއް. ކިހާ ހިތްގައިމު މާހައުލެއް. މިތަނުން، މި ފަޒާއިން، މިހާރު ދުވަނީ ލޯބީގެ މީރު ވަސް. ދެ ހިތެއް މެހުމުން ދުވާ އިޝްގީވަސް. އިވެނީ ދެ ހިތެއްގެ ވިންދުގެ އަޑު."
"ދެން؟" ޒޫނާ ޗުސް ޖަހައިލިއެވެ.
"ކިހިނެއްވީ؟" އަހަރެން ލަސްލަހުން އަހައިލީމެވެ.
"އަދި އަހަރެން އެއް ވާހަކަ ބުނަ ބޭނުން." ދޭތެރެއަކުން ނޭފަތް އެތެރަށް ދަމައިލަމުން ޒޫނާ ބުނެލިއެވެ.
"މަނައެއް ނޫން. ބުނަންވީ މާތް ސާހިބާ." އަހަރެން ބޭނުންވީ މަޖާކޮށްލާށެވެ.
"ދެން." ޒޫނާ މޫނު ހިއްލައިމުން އަހަރެން މޫނަށް ބަލައިލިއެވެ.
"އަމިއްލައަށް ވާހަކައެއް ދައްކާފަ އަމިއްލައަށް ރޯން ބޭނުން ނަމަ ނުދެއްކިއްޔާ ރަނގަޅުވާނީ." އަހަރެން ޒޫނާގެ ތިރީ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލީމެވެ.
"އެއްލުނު ސަފުހާއެއް ނިންމާލަން." ޒޫނާ ލަސްލަހުން ބުނެލިއެވެ.

ޒޫނާ ބުނީ ކީކޭކަން އަހަންނަށް ދޭހަވިއެވެ. އެހެންވެ އަހަން ވިސްނައިލަން މަޖުބޫރުވިއެވެ. ޑޮކުޓަރު ދެއްކި ވާހަކަތައް ސިކުނޑީގައި ތެޅިގަތެވެ. އަމުދުން މި ދުވަސްވަރު މާބޮޑަށް ހިތުގައި ޖެހޭ ކަހަލަ ކަންކަން މެދުވެރިވެއްޖެ ނަމަ ދެން ވެދާނެ ގޮތެއް އަންދާޒާ ކޮށްލަން މަޖުބޫރުވީމައެވެ.
"އަހަންނަށް މައާފުކުރާތި." ޒޫނާ ނޭފަތް ދަމައިލަމުން ބުނެލިއެވެ.
"އާނ ކީކޭ؟" އަހަރެންގެ އަތުގައި ޒޫނާ ހިފައި ތަޅުވާލުމުން އަހަންނަށް ތެޅި ގަނެވުނެވެ.
"އަހަންނަކީ ޖައި ހީކުރި ކަހަލަ މީހަކަށް ނުވީމަ، އަހަންނަށް މާފުކޮށްދޭތި. އަހަންނަށް މަޖުބޫރުވީ. މަޖުބޫރުވީ." އަނެއްކާ ވެސް ޒޫނާއަށް ގިސްލެވެން ފެށުނެވެ.
"ޒޫ... އަނެއްކާ ވެސް." އަހަންނަށް ހިފައިލެވުނީ ޒޫނާގެ ދެ ކޮނޑުގައެވެ.
"އާނ! އަހަރެން ބޭނުން މިރޭ މި ހުރިހާ ކަމެއް ސާފުކޮށްދޭން." ޒޫނާ އަހަންނާ ދިމާއަށް އެނބުރިލިއެވެ.

އޭނާ ބަލައިލީ ސީދާ އަހަރެންގެ ލޮލަށެވެ. މިލަ ހަނދުވަރާއެކު ބޭރުގައި ދިއްލާފައިވާ ބައްތިތަކުގެ ފަނޑު އަލިކަމުން މަންޒަރުތައް ސާފުކޮށް ފެންނަމުން ދިޔައެވެ. އަހަންނަށް ވެސް ބަލައިލެވުނީ ޒޫނާގެ ދެ ލޮލަށެވެ. އެ ދެ ލޮލުން ބުނެދެނީ ތެދެވެރިކަމެވެ. ފެންނަނީ ސާފުކަމެވެ. ތާހިރުކަމެވެ.
"އެ ހުރިހާ ކަންތައް ގަނޑެއް ނިމިގެން ދިޔައިރު އަހަރެން ހުރީ މުޅީން މޮޔަވެފަ. ނަފުސާނީވެފަ. ހެދޭ ނުހެދޭ ގޮތެއް ނޭނގޭވަރުވެފަ. ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭވަރު ވެފަ. މަގުމަތިން ފިރިހެނަކު ފެނުނަސް އަހަންނަށް ހީވަނީ އެމީހަކު އަންނަނީ އަހަންނާ ބެހޭށޭ. އެހެންވެ އަޑުގެ ނެތްތަނަށް އެހެން ގޮވަމުން އަހަރެން މުޅި މަގުގައި ދެކޮޅަށް ދުވެނަގަނީ. އެންމެފަހުން ރަށުގެ ކަތީބަށް އެކަން ބޮޑުވެގެން އަހަރެން ގެންދިޔައީ ގުރައިދޫއަށް،" ޒޫނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. "އެއްގޮތަކުން އެއީ އެމީހުންނަށް ކުރެވުނު ވަރަށް ރަނގަޅު ކަމެއް. އެހެން ނޫންނަމަ އަހަރެން މިހެން ފެންނާކަށް ނުހުންނާނެ."
"އެހެންތަ؟" އަހަންނަށް އަހައިލެވުނެވެ. "އެތަނުގައި.."
"އާން! އޭރު އަހަންނަކަށް ވެސް ނޭނގެ އަހަރެން އިނީ ބަލިވެކަމެއް ވެސް. ބަނޑަށް ހަތަރުމަސްކަން އެނގުނީ ޑޮކުޓަރު ބަލައި ޓެސްޓު ހެދިފަހުން." ޒޫނާ އޮޅުންފިލުވާދިނެވެ.
"ދެން." އަހަންނަށް ފާޑެއްގެ ގޮތްތަކެއްވާން ފެށިއެވެ.

މޭކަރާ ގޮތެވެ. ބޯ އަނބުރާގޮތެވެ. ހީވަނީ ހަށިގަނޑު ފުރެމުންދާހެންނެވެ. ދެ ފަރާތުން ބޮލުގައި އެއްޗެއް ބާއްވާ ފިއްތަމުންދާހެންނެވެ. ބޮލަށް ބަރުޖެހެމުން ދިޔައެވެ.

"އަހަރެން ގާތު ބަނޑުބޮޑުކަމަށް ބުނީ ޑޮކުޓަރު ސުހައިލް. އެއީ އަހަންނާ ހަވާލުވެ އެތަނުގައި ހުރި ޑޮކުޓަރު. ވަރަށް ވާހަކަދެއްކުމަށްފަހު އެކި ގޮތްގޮތަށް ވިސްނައިދިނުމަށްފަހު އެހެންބުނީ ވެސް. އަހަރެން ގޮތްގޮތަށް އުޅެންފަށައިފި ނަމަ ދަރިފުޅަށް ގެއްލުންވާނެ ކަމަށް ވެސް ކިޔައިދިން. ބައެއް ކަންކަން ނުކުރުމަށް ބުނެދިން،" ޒޫނާ ތަންކޮޅެއް ދުރަށް ޖެހިލިއެވެ. "އެނގޭތަ އަހަންނަށް ކުރެވުނު މޮޅުކަމެއް. ޑޮކުޓަރ ސުހައިލް ފެންނައިރަށް އޭނާއާ ދިމާކުރަން ފެށެވުނީ. އަހަރެންގެ ބަނޑަށް އޭނާ ދަރިއަކު ލައިދީފިޔޭ ކިޔާ އަޑުގެ ނެތްތަނަށް ހަޅޭއްލެވެން ފެށުނީ. އެ ކިޔެނީ ކީކޭކަމެއް އޭރަކު ނުވިސްނޭ. ވިސްނަން ބޭނުން ވެސް ނުވީ. މީހުން ގިނަހެން ހީވާތަނެއް ވެއްޖެ ނަމަ ތަކުރާރުކޮށް އެހެން ގޮވާންފެށީ. ދެން އެނގޭތަ ވީގޮތެއް؟ އަހަރެން ހުންނަހިސާބަށް ޑޮކުޓަރު ނައިސް ދުރުގައި އުޅެންފެށީ. އަހަންނަށް އެކަންވީ އަދި މާ މަޖާ ކަމަކަށް. އެހެންވެ އަހަރެން ޑޮކުޓަރު ނުކުރަން ބުނި ކަންކަން ކުރާންފެށީ."
"އެ ކޮންކަމެއް؟" އަހަރެން އަހައިލީމެވެ.
"ތަންތަނަށް އަރައި ދުވެ ފުމެ އުޅެންފެށީ، ބަނޑުގައި އަމިއްލަ އަތުން ތަޅައި. އެގޮތް މިގޮތަށް ތެޅެންފެށީ. އެ ހަމަ އަހަރެން ގަސްތުގައި ކުރިހާ ކަންކަން. ބޭނުންވީ އެ ޑޮކުޓަރު އަހަރެން ގާތަށް ގެންނަން. އޭނާ ނާންނީސް އަހަރެން ރަނގަޅަށް ނޫޅޭނަމޭ ކިޔާ ހަޅޭއްލަވަން ވެސް ފެށީ. ދެން އެނގޭތަ ވީގޮތެއް؟" ޒޫނާ އައިސް އަހަރެންގެ އަތުގައި ހިފިއެވެ. "އަހަރެން ބުލީޑްވާން ފެށީ. އޭރު ބަނޑަށް ފަސްމަސްވަރުވާނެ. ވަރަށް ހާލުބޮޑުވެ މާލެ ގެނެސް ފަރުވާދިން ކަމަށްވަނީ. އަހަންނަކަށް އޭރު ވީގޮތެއް ސާފެއްނުވޭ. އޭގެފަހުން، ހަމައަކަށް އެޅިގެން ވަރަށް ފަރުވާކޮށްގެން މިހާ ހިސާބަށް މިއާދެވުނީ."

ޒޫނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނާ އަހަރެންގެ ގައިގައި ބައްދާލިއެވެ. އަހަރެންގެ އުނަގަނޑުގައި ދެ އަތް އަޅުވާލަމުންނެވެ.

"ސޮރީ." ޒޫނާ ލަސްލަހުން ބުނެލިއެވެ.
"ކީއްވެ ސޮރީ؟ ތިއިން އެއްވެސް ކަމެއްގައި ޒޫނާގެ ކުށެއް އެބައޮތްތަ؟" އަހަންނަށް ބުނެލެވުނެވެ.
"ކުށްވެރިއަކީ އަހަރެން. ތިންމަރުގެ ޒިންމާ ނަގަން ޖެހޭނީ ޚުދު އަހަރެން." ޒޫނާ ހިތްދަތި ގޮތަކަށް ބުނެލިއެވެ.
"ކޮން ތިނެއް؟" ވިސްނައިލަމުން ބުނެލެވުނެވެ.
"މަންމަގެ މަރު. ބައްޕަގެ މަރު. ދަރިފުޅުގެ މަރު. މަންމައަކީ ގާތިކަށްވީ އަހަރެން.."
ޒޫނާގެ ވާހަކަތައް މާގިނަހެން ހީވުމުން އަހަރެން އޭނާ ހުއްޓުވީއެވެ. ޒޫނާގެ ތުންފަތަށް އަހަރެންގެ ޝަހާދަތް އިނގިލި ހުރަސްކޮށްލީއެވެ. އެހައި ހިސާބުން އަހަރެން ބުނީ ކީކޭކަން ޒޫނާއަށް ވިސްނުނެވެ. އޭނާ ވާހަކަތައް ހުއްޓައިލިއެވެ.
"ދިރިއުޅުމަކީ އެކަހަލަކަމެއް. އެހެން ނޫނަސް ތިޔައީ މާޒީ. މާޒީ ފަހައި ދުވެގެން ލިބޭނެ ކުޅިފަހެއް ނޯންނާނެ. މާޒީއަކީ އަބަދުވެސް މާޒީ. ދެން އޮތީ ކުރިމަގު. ޒޫ މިއަދު ވިސްނަންވީ ބަނޑުގައި ތިއޮތް ދަރިފުޅާ މެދު. ޒޫގެ އަމިއްލަ ހާލާމެދު. ޒޫއަށް ރަނގަޅަށް އެނގޭނެ ޒޫއަކީ ކޮންހާލަތެއްގައި ހުރި މީހެއްކަން." އަހަރެން ބެލީ ޒޫނާއަށް ވިސްނައިދެވޭތޯއެވެ.
"އަހަންނަށް އުފާވެރި ދިރިއުޅުމެއް ލިބޭނެތަ؟ ދަރިއަކު އުފަން ކުރެވޭނެތަ؟ ހިތްހަމަ ޖެހިލައިގެން އުޅެވޭނެތަ؟" ޒޫނާ އެއް ފުލުފުލުން ސުވާލުތައް އަމުނައިލިއެވެ.
"ހުރިހާ ސުވާލުގެ ޖަވާބަކީ އިންޝާﷲ ވާނޭ." އަހަރެން ޒޫނާގެ ގައިގައި އޮޅުލައިގަތީމެވެ. "އެކަމަކު ކެތްތެރިވާން ޖެހޭނެ. އަހަރެންގެ ބަސް އަހަންވާނެ. ބުނާގޮތަށް އުޅެންވާނެ. ޒޫއަކީ ހައިރިސްކު މީހެއް. މި ބުނީ ބަނޑުވީމަ އިތުރަށް ސަމާލުވާން ޖެހޭނޭ ޑޮކުޓަރު ބުނެފަ އޮތީ. އަދި މިއުޅެނީ ހަމައަކަށް ނޭޅި، އެހެން ހުއްޓާ ޕްރެގްކަން މި އެނގުނީ. އެކަމަކު އުއްމީދުކުރަންވާނެ. ރަނގަޅު ގޮތް މެދުވެރި ކުރައްވާނެ. ހުރިހާ ވެސް ބޭހަކީ ދުޢާ. ހެޔޮދުޢާ. އިޚްލާސްތެރި ދުޢާ. މިއަދު އަހަރެން ޑޮކުޓަރާ ވާހަކަ ވެސް ދެއްކިން. ވަރަށް ބަލައިގެން ވަރަށް ސަމާލުވެގެން އުޅެވިއްޖެ ނަމަ ހުރިހާ ކަމެއް ނޯމަލްވާނެ ބުނި. މާ ބޮޑަށް ހާސްނުވާން ބުނީ ވެސް."
"ތީ އަހަރެން ހިތްހަމަ ޖައްސަން ދައްކާ ވާހަކައެއް. އަހަންނަށް އެނގޭ ޑޮކުޓަރުން ބުނި ވާހަކަ. އެމީހުންގެ މާބޮޑު އުއްމީދެއް ނެތް. މިހާރު ވެސް އަހަރެން ހިތުގެ ވިންދު ހުއްޓިދާނެ. މިހާރު ވެސް ހިތުގެ ހިނގުމަށް ބުރޫ އަރާފާނެ. މިހާރު ވެސް އަހަރެން އެއްކޮށް ހުއްޓިދާނެ."
"ޒޫ! ކާކަށް ތި ނޫން ގޮތެއް އޮތީ؟ ކާކަށް ޔަގީންކަމެއް އޮތީ؟ ނެތެއްނު. ތަންކޮޅެއް ފަހިކޮށް ވިސްނަން ހިނގައިބަލަ. މިހުރިހާ ވާހަކަތަކެއް ޒޫގެ ބޮލުން ނެރެވުނީމަ ޒޫއަށް ކިހާ ހިތްހަމަ ޖެހުން ލިބިއްޖެ. ބޮލަށް ލުއި ވެއްޖެއްނު. ދެން ވިސްނަބަލަ އަހަންނަށް އެ ހުވަފެން އެ ފެނުނީ ޒޫއަށް ރަނގަޅަކަށްކަން. އެހެންނޫނީ ޒޫ އުޅެން ޖެހޭނީ މިހުރިހާ ބަރު، ބޮޑެތި ވާހަކަތައް ތިޔަ ކުޑަކުޑަ ސިކުނޑިއަށް އަޅާ ބަރާކޮށްގެން ނޫންތަ؟" އަހަރެން ޒޫނާގެ ބުރަކަށީގައި ފިރުމައިލަދިނީމެވެ.

ދެ ކަންފަތުގައި އަޅައިލެވިފައިވާ އަތް ނަގައި ނިތްކުރިއަށް ހެޔޮކޮށްލީމެވެ. ފުން ނޭވާއެއް ބޭރުކޮށްލީމެވެ. މާޒީގެ ހަނދާތަކުން ސިކުނޑީގައި ކުރެހުނު ތަސްވީރުތައް މައްޗަށް އަރައިގެން ދިޔަ ކަހަލައެވެ. އިރުކޮޅެއް ކުރިން އިވުނު އަޑު އިވޭތޯ ކަންފަތް ސަމާލުކޮށްގެން އޮތީމެވެ. ނަމަވެސް، އިންތިޒާރުގެ ގިޓާގެ ނަރުތަކުން ޖެހޭ ހިމޭން މިޔުޒިކީ އަޑު ނޫން އަޑެއް ނީވިއެވެ. އެ މިޔުޒިކާ ގުޅެނީ ދިގު ދެމިހެންދާ އެ ނޭވާތަކުގެ އަޑެވެ. މާނޭވާއަކަށް ވެސް، ފުން ނޭވާއަކަށް ވެސް ނުވާ އެ ނޭވާތަކެވެ. އެއީ ފާޑެއްގެ ގިސްލުމެކެވެ. ހަނދާންތަކުން ސިކުނޑި ބަރުވާ ކޮންމެ މޫސުމެއްގައި، ކޮންމެ ދުވަސްވަރެއްގައި ނިދިފައި އޮންނަ އިރު ޒޫނާއަށް ދިމާވާކަމެކެވެ. މޭކަށިގަނޑު މައްޗައް ހިއްލައި ދެފައި ތިލަ އެނދުގައި ވިއްދައިގެން އޮވެ ގިސްލުމެވެ. ގިސްލަގިސްލާ ރުއިމެވެ. ފުރަތަމަ ކޮޅު އަހަރެން ހާސްވިއެވެ. ކަންބޮޑުވިއެވެ. ވާނުވާ ބަލަން އުޅެވުނެވެ. ނަމަވެސް، މިހާރު މުޅީން ބަދަލުވެއްޖެއެވެ. ހަދަންވީގޮތް އެނގުނީއެވެ.

ގަބޫލުކުރިޔަސް ނުކުރިޔަސް އެކަން އަހަންނަށް ގުޅުވެނީ ނަފުސާނީ ބަލިމަޑުކަމަކާއެވެ. ނަފުސާނީ މައްސަލައަކާއެވެ. ޔަގީންވަނީ ޒޫނާ އަކީ އެބަލީގެ ފުރަތަމަ މީހާއަށް ނުވާނެކަމެވެ. އެކަން ނިންމާނީ އަހަރެންނެއް ނޫންކަން ވެސް އެނގެއެވެ. މިއީ އަހަރެންގެ ތަޖުރިބާއެވެ. އަހަރެންގެ ހަޔާތުގެ ކުލަވަރުން ލިބުނު ފިލާވަޅުތަކެވެ. އުމުރުގެ އަދަދަށް ދެ ހައެއް ގުނުނީ މިހެން ކަން ތަޖުރިބާކުރާން އޮއްވައެވެ. ޒޫނާގެ މި ބައްޔަށް ލައްކަ ފަރުވާ ކުރެވިއްޖެއެވެ. ނަމަވެސް ހައްލެއް ހޯދޭގޮތެއް ނުވެއެވެ. ދެން ހައްލެއް ހޯދުމެއް ވެސް ނެތެވެ.
އަހަރުމެން މި ތިބީ އަސުރުން ތިރިވެފައެވެ. މަޣުރިބަށް ގޮވާން ކައިރިވެފައެވެ. ދިރިއުޅުމުގެ އަޑި ގުޑާންތަކުގައި ހިނގާ ހިނގާ ހަންމަތަވެފައެވެ. މައިންބަފައިން ގެއްލި، އެމީހުންގެ މަގާމަށް އަހަރުމެން އުފުލިފައެވެ. ކައިވެނީގެ މޭވާ ދޮންވެ ފައްކާވެ އެ މޭވާތަކުން އިތުރު ކުރިތައް ފަޅައިފައެވެ. މިހުރިހާ ދުވަސްވީއިރު ވެސް ބަދަލު ނުވީ އެންމެ ކަމެކެވެ. ޒޫނާއަށް މި ދިމާވާކަންކަމެވެ.

ދުވަސްކޮޅުކޮޅުން އޭނާއަށް އެ ދިމާވާ ގޮތެވެ. ނިދީގައި އެ ގިސްލާ ގިސްލުމެވެ. ރޯ ރުއިމެވެ. މޮޅުކަމަކީ އޭނާ ހޭލުމުން އެއިން ކަމެއް ހަނދާން ނުހުންނަކަމެވެ. އެއީ އެއްގޮތަކުން ނަސީބެކެވެ. ހިތްދަތިވެ ރޮވޭގޮތް ވުމުން ނޭވާލުމަށް ދަތިވެ ކުރުކޮށް ނޭވާލެވޭ އިރު ގިސްލެވުނަސް ޒޫނާ ގިސްލަނީ ހަނދާންތަކުގެ މަކާނުން އުދާސްތައް ބޭރުވާ ދުވަސްވަރުއެވެ. ބޭއިހިތުޔާރުގައި ނަމަވެސް އެ މަންޒަރުތައް ފެންނަ ދުވަސްވަރުގައެވެ. ފަށަމުން އަހަރެން ބުނެދިނީ އެ ވާހަކައެވެ. އަހަރުމެންގެ ވާހަކައެވެ. ޒޫނާއަށް ޖިންސީ ގޯނާއެއް ނުވާ ވާހަކައެއް ނޫނެވެ. ލެއިން ތަތްތެޅިފައިވާ މާޒީއެއް ނެތް ވާހަކައެއް ނޫނެވެ. ހިތްދަތި ދުވަސްތަކެއް ހޭދަނުކުރާވާހަކައެއް ނޫނެވެ. އަހަރުމެން ދިރިއުޅެނީ އެ ހިތި މާޒީއާ އެކުގައެވެ. ޒޫނާގެ 'ގިސް' ދުވަސްކޮޅުކޮޅުން އަޑުއަހަމުންނެވެ. (ނިމުނީ)