ސުޕްރީމް ކޯޓް

ޔައުގޫބުގެ މެންބަރުކަމާމެދު ސުވާލު އުފެދުމުން ސުޕްރީމް ކޯޓަށް

ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް) ގެ ކައުންސިލަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބް އަބްދުﷲ އައްޔަން ކުރެއްވުމުން އޭނާގެ މަޖިލީހުގެ ގޮނޑިއާމެދު ސުވާލު އުފެދިއްޖެ އެވެ. ގާނޫނީ ދާއިރާގެ ބޭފުޅުން އެ ސުވާލު އުފެއްދެވުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުމަށް ވަނީ ނިންމާފައެވެ.

އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ ކައުންސިލަށް މެންބަރުން ވަނީ އައްޔަން ކޮށްފަ އެވެ. އޮޑިޓަރު ޖެނެރަލް ހަސަން ޒިއަތު ވަނީ އެ ކައުންސިލަށް މެންބަރު ޔައުގޫބު ވެސް އައްޔަން ކުރައްވާފަ އެވެ. އަދި އޭނާ ވަނީ އެ މަގާމާއި ހަވާލުވެވަޑައިގެންފަ އެވެ.

އެއާއެކު ޔައުގޫބު މަޖިލީސް މެންބަރުކަމުން ވަކިވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ގާނޫނީ ބައެއް ބޭފުޅުން ވަނީ ސުވާލު އުފައްދަވާފަ އެވެ. ބައެއް ވަކީލުން ވިދާޅުވީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލަށް މެމްބަރު ކަން ގަބޫލު ކުރެއްވުމާއެކު ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ ފަހެއް އަދި 8 ގައި ބުނާ ސަރުތު ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރުގެ ކިބައިން ގެއްލި ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ވާ ގޮތުން އެ މެންބަރު މެންބަރުކަމުން ވަކި ވާނެ ކަމަށެވެ.

ގާނޫނު އަސާސީގައި ބުނާގޮތުން މަޖިލީހުގެ މެންބަރަކު މަގާމުގައި ހުރެ މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް އަދާ ނުކުރެވޭނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އެހެން ވަޒީފާއެއް އަދައެއް ނުކުރެވޭނެ އެވެ.

ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއަކީ މިނިވަން މުސްތަގިއްލު ޝަހުޝެއް ކަމަށް އެ ގާނޫނުގައި ބުނެފައިވެއެވެ.

ނަމަވެސް އިއްޔެ ވަގުތެއްގައި ޔައުގޫބު ވަނީ އައިސީއޭއެމްގެ ކައުންސިލުން އިސްތިއުފާ ދެއްވާފައެވެ.

ނަމަވެސް މަޖިލީހުގައި އޭނާ ފުރުއްވަމުން ގެންދެވި ގޮނޑިއާމެދު ސުވާލު އުފައްދަމުން ގެންދާތީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުމަށް ކުރީގެ ފަނޑިޔާރު މުހައްމަދު ހަލީމް ވަނީ ނިންމަވާފައެވެ. އޭނާ ވިދާޅުވީ ހަފްތާ ފެށުމާއެކު އެ މައްސަލަ ހުށައަޅުއްވާނެ ކަަމަށެވެ.

ޔައުގޫބު ވިދާޅުވީ އޭނާ އެ މަގާމާއި ހަވާލުވެވަޑައިގެންނެވީ ގާނޫނީ ލަފާ ހޯއްދެވުމަށްފަހު ކަމަށާ ނަމަވެސް ގާނޫނީ ބޭފުޅުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދުމުން މަގާމުން އިސްތިއުފާ ދެއްވީ ކަމަށެވެ.