ދުނިޔެ

އިޒްރޭލުން ފުލުފުލުގައި ގާޒާއަށް ބޮން އަޅައިފި

އިޒްރޭލުން މިއަދު ފަލަސްތީނުގެ ގާޒާއަށް ބޮން އަޅައި ވަރުގަދަ ހަމަލައެއްދީފި އެވެ. ގާޒާއަށް މިއަދު ހަމަލަ ދިން އިރު ގާޒާ ބަންދުކޮށް އިޒްރޭލް ސިފައިން ވަނީ ހިސާރެއްގެ ތެރެއަށް ގެންގޮސްފަ އެވެ.

ފަލަސްތީނުގެ ރަސްމީ ނޫސް އެޖެންސީ "ވަފާ" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިޒްރޭލްގެ މަތިންދާ ބޯޓުތަކުން ގާޒާ ސްޓްރިޕްގެ އުތުރުގެ ބައިތު ލަހިޔާގެ އަމާޒުތަކަށް މިސައިލް ހަމަލަތަކެއް ދީފައި ވެއެވެ. އޭގެ އިތުރަށް ހަމަލަ ދިން ތަންތަނުގެ ތެރޭގައި މެދުތެރޭ ގާޒާގެ ދާރުލް ބަލާހް އާއި ދެކުނު ގާޒާގެ ހާން ޔޫނިސް ވެސް ހިމެނެ އެވެ. މި ހަމަލަތަކުގައި މުދަލާއި ތަކެއްޗައް ބޮޑެތި ގެލުން ލިބިފައިވެ އެވެ. އެކަމަކު މިއިން އެއްވެސް ހަމަލައެއްގައި މީހަކަށް ގެއްލުންވި ކަމަކަށް ރިޕޯޓްތައް ބުނެފައެއް ނުވެއެވެ.

މިއަދު ހެނދުނު އިޒްރޭލްގެ އެއްގަމު ސިފައިން ނެރުނު ބަޔާނެއްގައި ބުނީ އެމީހުން ފަލަސްތީނުގެ ހަމާސްގެ އަމާޒުތަކަށް 10 ހަމަލަ ދީފައިވާނެ ކަމަށެވެ.

އިޒްރޭލުން ގާޒާއަށް ފުލުފުލުގައި ދިން ހަމަލާތަކަކީ އިއްޔެ ގާޒާ އިން އިޒްރޭލަށް ފޮނުވާލި ރޮކެޓް ހަމަލާއެއްގެ ބަދަލު ހިިފުމެއް ކަމަށް ވަނީ ބެލެވިފަ އެވެ.

ޔަހޫދީ އިޒްރޭލުން އިއްޔެ ބުނެފައި ވަނީ ގާޒާ ސްޓްރިޕުން އިޒްރޭލަށް ރޮކެޓް ބޭނުން ކޮށްގެން ދެ ހަމަލަ ދިން ކަމަށެވެ. އެތަނުން އެއް ހަމަލަ އިޒްޜޭލްގެ އަޔަން ޑޯމް އެންޓި މިސައިލް ސިސްޓަމުން ދިފާއުކޮށް ނާކާމިޔާބު ކޮށްލާފައިވާ ކަމަށާއ އަނެއް ހަމަލަ އަމާޒުވީ ބަނދަރު މަތީ ސިޓީއެއް ކަމުގައިވާ އަޝްޑޯޑް އަށެވެ. އަދި އެ ހަމަލައިގައި ދެ މީހަކު ޒަހަމްވި ކަމަށް ވެސް އިޒްރޭލުން ބުނެފައި ވެއެވެ.

ގާޒާއަށް ދިން ހަމަލައާ ގުޅިގެން ހަމާސް އިން މިއަދު އިޒްރޭލަށް އިންޒާރު ދެމުން ބުނީ އެމީހުންނަށް އެއްވެސް ހަމަލައެއް ދީފިނަމަ އޭގެ ބަދަލު ހިފާނެ ކަމަށެވެ. އިޒްރޭލުން ދިން ހަމަލަތަކާއި ގުޅިގެން ފަލަސްތީނުގެ އިސްލާމިކް ޖިހާދުން ބުނެފައި ވަނީ ޖިހާދު ކުރާ ފަރާތްތަކުން އިޒްރޭލަށް ހަމަލަ ދީފައިވާނެ ކަމަށެވެ. އެކަމަކު އެ ޖަމާއަތުން އެ ހަމަލަ ދިން ފަރާތެއް ނުބުނެ އެވެ. އަދި ހަވާލެއް ވެސް ނުވެއެވެ.

ފަލަސްތީނުގެ ތެރެއިން ރޮކެޓް ހަމަލަތައް އިޒްރޭލަށް އަމާޒުވީ ޔޫއޭއީ އާއި ބަހުރައިން އިން އެމެރިކާގެ ވައިޓް ހައުސް ގައި އިޒްރޭލާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރުމުގެ އެގްރީމެންޓެއްގައި ސޮއި ކުރި ވަގުތުގަ އެވެ.