ވިޔަފާރި

މަޝްހޫރު ވާލްޕޫލް ބްރޭންޑުގެ ސާމާނު ވިއްކާ ފިހާރައެއް ހުޅުވައިފި

Jan 10, 2015

ދުނިޔެއަށް މަޝްހޫރު "ވާލްޕޫލް" ބްރޭންޑުގެ އުފެއްދުންތައް ވިއްކާ ފިހާރައެއް ރީފް ސައިޑުން މިރޭ ހުޅުވައިފި އެވެ.

ފަރީދީ މަގު (ސީގަލް ކެފާ) ކައިރީގައި ހުޅުވި ވާލްޕޫލް އުފެއްދުންތައް ވިއްކާ މި ފިހާރަ ހުޅުއްވައި ދެއްވީ ރީފް ސައިޑްގެ މެނޭޖިން ޑިރެކްޓަރު ހަސަން ޒާހިރާއި ވާލްޕޫލް ކޯޕަރޭޝަންގެ ސީނިއަ ޑިރެކްޓަރު އިންދްރަ ސިނާ އެވެ.

ރީފް ސައިޑުން މިރޭ ހުޅުވި މި ފިހާރާގައި ވާލްޕޫޕް ބްރޭންޑުގެ އައިސް އަލަމާރި އާއި ދޮންނަމެޝިނާއި ވޯޓާ ހީޓާ ފަދަ ގިނަ ސާމާނު ލިބެން ހުރެ އެވެ.

ވާލްޕޫލްގެ ސީނިއަ ޑިރެކްޓަރު ސެނާ ވިދާޅުވީ އެ ކުންފުނިން މި އުފެއްދުން ވިއްކުމަށް ރާއްޖެ ހިޔާރުކުރީ އޭޝިއާ ސަރަހައްދަށް މި ބްރޭންޑް ފުޅާކުރުމަށް ކަމަށެވެ.

"އިންޑިއާގައި މި ބްރޭންޑު ވިއްކާތާ 20 އަހަރު ވެއްޖެ. އަޅުގަނޑުމެންނަކީ ޗައިނާގައި ވެސް މަޝްހޫރު ބްރޭންޑެއް. އެހެންވެ ވިސްނުން ހުރީ ރާއްޖެއަށް،" ސެނާ ވިދާޅުވި އެވެ.

ވާލްޕޫލްގެ އުފެއްދުންތައް ރާއްޖޭގައި ވިއްކަން ފެށުމުގެ ގޮތުން ރީފް ސައިޑާއި ވާލްޕޫލް ކޯޕަރޭޝަނާ ދެމެދު މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ. މި އެއްބަސްވުމުގައި ރީފް ސައިޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޒާހިރު (ރާޑޯ ޒާހިރު) އެވެ. އަދި ވާލްޕޫލް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިންދުރަ ސެނާ އެވެ.

ރީފް ސައިޑުގެ ސަލްމާން ހަސަން ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި ވާލްޕޫލްގެ ފިހާރަތައް ހުޅުވުމުގެ ވިސްނުން އެބަހުރި ކަމަށެވެ.