ލައިފްސްޓައިލް

ލޮކްޑައުންގައި އެކަނި އުޅުނު މީހުން މާ އުފާވެރި!

ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކުގެ މީހުން ގެއިން ބޭރަށް ނުނިކުމެ ހައެއްކަ މަސް ދުވަސް ހޭދަކުރަން ޖެހުނެވެ. މި ލޮކްޑައުންގެ ދުވަސްވަރަކީ ގިނަ ބަޔެއްގެ ހަޔާތުގައި މިހާތަނަށް ދުށް އެންމެ އުނދަގޫ ދުވަސްތަކެވެ. މިކަމުގެ ސަބަބުން ގިނަ ބަޔަކަށް ނަފްސާނީ ބޮޑެތި އުނދަގޫތައް ތަހައްމަލުކުރަން ޖެހިފައިވާތަން ވެސް ވަނީ ފެނިފަ އެވެ. ޑިޕްރެޝަން އާއި އެންޒައިޓީގެ ޝިކާރައަކަށްވީ މީހުން ވެސް މަދެއް ނޫނެވެ. ހަދާނެ ނުހަދާނެ ގޮތެއް ކުރާނެ ނުކުރާނެކަމެއް ނޭގި މުޅި ދިރިއުޅުން ހުއްޓުމަކަށް އައި މީހުން މީގެ ތެރޭގައި ހިމެނެ އެވެ.

މިގޮތަށް ގޭތެރޭގައި ބަންދުވެފައި ތިބުން އެއްބަޔަކަށް ވުރެ އަނެއްބަޔަކަށް އިތުރަށް އުނދަގުލެވެ. ވަޒީފާ ގެއްލުމުގެ ބިރު ބައެއް މީހުންނަށް އޮތް އިރު ފައިސާ ނުލިބި ބަނޑަށް ޖެހިދާނެކަމުގެ ބިރު ވެސް ގިނަ ބަޔަކު ތަހައްމަލު ކުރި އެވެ.

ނަމަވެސް ސައިންސްވެރިންގެ ވަރަށް ފަހުގެ ހޯދުމެއް ބުނާ ގޮތުގައި ލޮކްޑައުންގައި އެންމެ ބޮޑަށް ނަފްސާނީ ގޮތުން އަސަރު ކުރީ އެހެން މީހުންނަށް ބަރޯސާ ވެގެން ތިބެން ޖެހުނު މީހުންނަށެވެ. އެއީ ފިރިމީހާ އަށް ނަމަވެސް ދަރިންނަށް ނަމަވެސް ކޮންމެވެސް އެހެން ބަޔަކަށް ބަރޯސާ ވެގެން ނުވަތަ އެހެން ބަޔަކު ބުނާ ގޮތަކަށް ކަންތައްތައް ކޮށްގެން ތިބެން ޖެހުނު މީހުންނަށެވެ.

ޑަނޫބޭ ޔުނިވަސިޓީގެ ސައިންސްވެރިން މި ފަހަރުގެ ދިރާސާގައި ބެލީ އޮސްޓްރިޔާގެ ރައްޔިތުންގެ ތެރެއިން 1000 މީހެއްގެ ދިރިއުޅުމަށެވެ. މި މީހުންގެ ދިރިއުޅުން ވަޒަންކުރީ އެ ގައުމު ލޮކްޑައުން ކުރިތާ އެއް މަސް ފަހުންނެވެ. ލޮކްޑައުންގައި އެމީހުންގެ އެކި ގުޅުންތައް ހުރި ގޮތާއި ނަފްސާނީ ދުޅަހެޔޮކަން ހުރި މިންވަރަށް މި ދިރާސާގައި ބަލާފައި ވެއެވ.

މި ސާވޭގެ ސައިންސްވެރިން ބެލި މުހިއްމު އެއް ކަމަކީ ކައިވެނީގެ ކޮލިޓީ އެވެ. އަދި ދެމަފރިންނަށް ސްޓްރެސް، ޑިޕްރެޝަން، އެންޒައިޓީ، އާއްމު ދިރިއުޅުމުގެ ހާލަތު، އަދި ނިދި ލިބޭ މިންވަރަށެވެ. އެއީ މިކަންކަން ދެނެގަނެގެން ނޫނީ އެމީހުންގެ ނަފްސާނީ ދުޅަހެޔޮކަން ވަޒަން ނުކުރެވޭނެތީ އެވެ.

ސައިންސްވެރިންގެ މި ހޯދުމުގެ ނަތީޖާ ދެއްކި ގޮތުން ކައިވެނީގެ ގުޅުން ރަނގަޅުނަމަ އަދި ދެމަފިރިންނަކީ އެކަކު އަނެކަކަށް ލޯތްބާއި އަޅާލުން އަދި އެހީތެރިކަން ދީގެން އުޅޭ ބައެއް ނަމަ އެމީހުންގެ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅެވެ. އަނެއްކޮޅުން ދެމަފިރިންގެ މެދުގައި މައްސަލަތައް ގިނަ ނަމަ އެމީހުންގެ ނަފްސާނީ ދުޅަހެޔޮކަން ވަރަށް ބޮޑަށް ގޯހެވެ.
ސައިންސްވެރިންނަށް އިތުރަށް ހޯދުނު ގޮތުގައި ހިތްހަމަނުޖެހޭ ކައިވެންޏެއްގައި އުޅުމަށްވުރެ އެކަނި ދިރިއުޅުން ނަފްސާނީ ދުޅަހެޔޮކަމަށް މާ ރަނގަޅެވެ.

އެގޮތުން އެކަނި ދިރިއުޅޭ މީހުންގެ ނަފްސާނީ ދުޅަހެޔޮކަން މާ ރަނގަޅުކަމަށް މި ދިރާސާގައި ފާހަގަ ކޮށްފައި ވެއެވެ.
ސައިންސްވެރިން ބުނަނީ ކައިވެނީގެ ގުޅުމުގައި ކުނި ޖެހޭ ވަރަކަށް ނަފްސާނީ ގޮތުން އެމީހާގެ ހާލަތު ދަށްވެފައި ވެއެވެ. އެހެންވީމާ އެފަދަ މީހުން އެކަނި މާއެކަނި ދިރިއުޅުން އެމީހުންގެ ނަފްސާނީ ސިއްހަތަށް މާ ރަނގަޅެވެ.
މިއީ ލޮކްޑައުން ތަޖުރިބާކުރި ގިނަ މީހުން އެއްބަސްވާނެ ނަތީޖާއެއް ކަމަށް ބެލެވެ އެވެ.