ސްކޫލް

މާލޭ ސިޓީ ސްކޫލް ބަންދަށް އިތުރު ދެ ހަފުތާ

ކުރިއަށް އޮތް ދެ ހަފުތާގައި ވެސް ކިޔެވުން ކުރިއަށްގެން ދާނީ އޮންލައިންކޮށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެޑިއުކޭޝަނުން މިއަދު ބުނީ ކޮވިޑް-19 އިގެ ހާލަތަށް ރިއާޔަތްކޮށް ކަމާ ގުޅުންހުރި އިދާރާތަކުގެ ލަފާގެ މަތިން ކުރިއަށް އޮތް ދެ ހަފުތާގެ ކިޔެވުން ވެސް އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، މާލެ ސިޓީ ސްކޫލްތަކުގެ ކިޔެވުން 1 އޮކްޓޯބަރުގެ ނިޔަލަށް އޮންލައިންކޮށް ކުރިއަށް ގެންދާނެ އެވެ. ބަންދު ދެ ހަފުތާ އަށްފަހު ބަލި ފެތުރޭ ގޮތް ބަލައި އެ ނިންމުން އަލުން މުރާޖާ ކުރާނެ އެވެ.

ސްކޫލްތަކުގެ ކިޔެވުމަށް އައި ބޮޑު ބަދަލާއެކު ގެއްލުނު ފިލާވަޅުތައް އަންނަ އަހަރު ފުރިހަމަކޮށް، ދިރާސީ އާ އަހަރު ފެށުމަށް ނިންމާފައި ވަނީ އަންނަ އަހަރުގެ އޮގަސްޓް 10 ގައެވެ. އާ ދިރާސީ ކަލަންޑަރުގައިވާ ގޮތުން، މި އަހަރުގެ ދެ ވަނަ ޓާމު ފަށާނީ އަންނަ އަހަރު ޖެނުއަރީ 10 ގަ އެވެ. އަދި ޖޫން 24ގެ ނިޔަލަށް ދެ ވަނަ ޓާމު ދެމިގެންދާނެ އެވެ.

މާލެ ސިޓީގެ ސްކޫލްތައް ބަންދުކޮށް ކިޔެވުން މެދުކަނޑާލުމަށްފަހު ތިން މަސް ފަހުން ސްކޫލްތައް ވަނީ ހުޅުވާފަ އެވެ. އަލުން ހުޅުވާލީ ގްރޭޑް 9 އަކުން މަތީގެ ގްރޭޑް ތަކަށެވެ. އެހެންނަމަވެސް ސްކޫލްތައް އަލުން ބަންދުކުރީ މާލެ ސިޓީގައި ޕޮސިޓިވް ކޭސްތައް އިތުރުވާން ފެށުމުންނެވެ.

ކޮވިޑްގެ ކޭސްތައް މަދު ނުވިނަމަވެސް، އަންނަ އޮކްޓޫބަރު މަހު ބާއްވާ ގްރޭޑް 11 އާއި 12ގެ ދަރިވަރުންގެ ފަހު އިމްތިހާނަށް ފަރިތަކޮށްދިނުމަށް މާލެ ސިޓީގެ ބައެއް ސްކޫލުތަކުގައި ދަނީ ދަރިވަރުން ސްކޫލަށް ގެންގޮސް ފަރިތަކުރުމުގެ ކްލާސްތައް ބާއްވަމުންނެވެ. މި ކްލާސްތައް ކުރިއަށްގެންދަނީ އޮންލައިން ކްލާސްތައްވެސް ހިމަނަައިގެނެވެ.