ލައިފްސްޓައިލް

ޑިގްރީ އޮތް މީހުން ވެސް ވަޒީފާ ގެއްލި އާދައިގެ މަސައްކަތަށް

ކޮވިޑް-19 އިގެ ސަބަބުން މިދިޔަ މާޗްމަހު އިންޑިޔާ ލޮކްޑައުން ކުރުމުގެ ސަބަބުން ވަރަށް ތައުލީމީ ގިނަ އަދަދެއްގެ މީހުންގެ ވަޒީފާތައް ވަނީ ގެއްލިފަ އެވެ. ލޮކްޑައުންގެ ސަބަބުން އެންމެ ބޮޑަށް ހާލުގައި ޖެހުނީ ކޮންމެ ދުވަހަކު އެ ކުރާ މަސައްކަތަކުން އެ ދުވަހެއްގެ ފުރާގު ހޯދައިގެން އުޅުނު މީހުންނެވެ. އާއްމުކޮށް ފަގީރު ގިންތީގެ އެންމެންނަށް ވެސް މި ލޮކްޑައުން ވެގެން ދިޔައީ ބަނޑުހައިހޫނުކަމާ ހަނގުރާމަ ކުރަން ޖެހުނު ސަބަބަކަށެވެ.

ލޮކްޑައުން ކުރިތާ ހައެއްކަ މަސް ވީއިރުވެސް ވަޒީފާ ގެއްލޭ މީހުން މަދެއް ނުވެ އެވެ. ކޮންމެ ދުވަހަކުވެސް އެތައް ހާސް ބައެއްގެ ވަޒީފާތައް އަދިވެސް ގެއްލެމުން ދެއެވެ. ވަރަށް ރަނގަޅަށް ކިޔަވައިގެން ތިބި މީހުންގެ ހާލަތު ވެސް ވަކިން ރަނގަޅެއް ނޫނެވެ.

އިންޑިއާ ޓުޑޭގައިވާ ރިޕޯޓެއްގައި ސުވާލުކޮށްފައިވާ 27 އަހަރުގެ އަންހެނެއް ކަމަށްވާ ސަރަސްވަތީ އަކީ މީގެ މިސާލެކެވެ. އޭނާއަކީ މާސްޓާޒް ޑިގްރީ އެއް މީހެކެވެ. ނަމަވެސް ކުރިން އަދާކުރަމުންދިޔަ ވަޒީފާ ގެއްލުމުގެ ސަބަބުން މިހާރު އޭނާ އުޅެނީ ކާރު ޕާކުކުރާ ތަނެއްގެ އެޓެންޑެންޓަކަށެވެ.

ސަރަސްވަތީ އާއެކު ނާސިކްގައި ހުންނަ ސޯލާ ޕެނަލް ތައްޔާރުކުރާ ތަނެއްގައި މަސައްކަތްކުރި ރުޕޭޝް ކުމާރު ނިރްމަލް އަށް ވެސް ވަޒީފާ ދޫކޮށްލާފައި އެނބުރި ރަށަށް ދާން މަޖްބޫރުވީ މި ބަލިމަޑުކަމުގެ ތެރޭގައި ވަޒީފާ ގެއްލިގެންނެވެ. މިހާޜު އޭނާ އަކީ ވެސް ކާރު ޕާކް ކުރާ ތަނެއްގެ އެޓެންޑެންޓެކެވެ.

އުއްތަރު ޕްރަދޭޝްގެ ބަލްރާމްޕޫރްގައި ދިރިއުޅޭ ކަމާލް މިޝްރާ، 31، އަކީ ވެސް ޑިގްރީއެއް އޮތް މީހެކެވެ. ނަމަވެސް މިއަދު އޭނާ ކުރާ މަސައްކަތަކީ ރިކްޝާ ދުއްވުމެވެ. އޭނާ ބުނި ގޮތުގައި އޭނާއާއެކު މަތީ ތައުލީމު ހާސިލުކޮށްގެން ބޮޑެތި ވަޒީފާތަކުގައި އުޅުނު ޑަޒަނެއްހާ މީހުން މިހާޜު ރިކްޝާ ދުއްވުމުގެ މަސައްކަތުގައި އުޅެ އެވެ.

"މިއީ ވަރަށް ވޭންހުރި ދަތުރެއް. އަމިއްލަ ރަށަށް އާދެވުނީ ވަރަށް ގިނަ ހުރަސްތައް ގިރާކޮށް ވަރަށް ހާލުގައި އުޅެގެން. އެގޮތުން 52 ވަރަކަށް ބެރިއަރު ހުރަސްކުރަން ޖެހުނު. މި ތަންތަން ހުރަސްކޮށްފައި ދާން ފެށުމުން ފުލުހުން ތަޅާ އަނިޔާކޮށް ހެދި. އެތައް ހާސް މޭލެއް ދުރުގައިވާ އަމިއްލަ ރަށާ ހަމަޔަށް ފޯރިއިރު އަހަރެމެންގެ ފައިގެ ފުންނާބާއި އިނގިލިތަކުން ލޭ އޮހޮރޭ. އެތަންތަން ފަސޭހަވީ ދެ މަހެއްހާ ދުވަހުން. ރަށަށް އަންނަން މަޖްބޫރުވީ އަހަރެމެން އެއްކޮށްފައި ހުރި ހުރިހާ ފައިސާކޮޅެއް ގެއްލުނީމަ،" ކަމާލް ބުންޏެވެ.

މި ބަލިމަޑުކަމުގެ ސަބަބުން ޕަންޖާބުގައި އެކަނިވެސް 10 ލައްކަ މީހުންގެ ވަޒީފާ ގެއްލިފައި ވެއެވެ.

ލޮކްޑައުންގެ ސަބަބުން އިންޑިޔާގައި ކޮވިޑް-19 ފެތުރޭ މިންވަރު ދަށް ވެފައި ނުވާއިރު އާދައިގެ މީހުންގެ ދިރިއުޅުމުގެ ހާލަތު ވަނީ އިންތިހާއަށް ގޯސްވެފަ އެވެ. ވަޒީފާތައް ގެއްލި މީހުން ބިކަވެފައިވާއިރު އެންމެ ފަގީރު މީހުން މިހާރު އުޅެނީ އަދި މާ ހާލުގައެވެ.
ޕަންޖާބު ޔުނިވަސިޓީގެ ދިރާސާއަކުން ދައްކާ ގޮތުގައި އިންޑިޔާގައި އެކި ވަޒީފާތަކުގައި އުޅޭ މީހުންގެ ތިންބައިކުޅަ ދެބައި މީހުންނަށް މި ބަލިމަޑުކަމުގެ ނޭދެވޭ އަސަރުކޮށް މީގެ ތެރެއިން ގިނަ ބައެއްގެ ވަޒީފާ ވަނީ ގެއްލިފަ އެވެ.