ވާހަކަ

ފަޅިކޭތަ

(ފުރަތަމަ ބައި)

"ޅަފުރައިގެ ގުޅުމޭ މިއަދު އާވަނީ އުފަލާ އުއްމީދޭ މި ހާސިލު ވަނީ..." ޓީވީ ސްރީނަށް އަރަމުން ދިޔަ ލަފުޒުތަކާ އެއް ވަރަށް އަޑުތައް އިވެމުން ދިޔައެވެ.

އެއީ ސާދާ އާއި ސާރާއާއި ސާޔާ އެވެ. އެއް ވަރެއްގެ އެއް ޚިޔާލެއްގެ ތިން ބެއިންނެވެ. ތިންބެއިން ވެސް ފޯރީގައި ލަވަ ކިޔަމުން ދިޔައެވެ. މައިކު ހިފައިގެން އެކަކު އަނެއްކެއްގެ މޫނަށް ބަލައިގެން ތިބެ ހެމުންނެވެ. މިޔުޒިކާ އެއްވަރަށް ތިންބެއިންގެ އަޑާއި ފައި ވެސް ހަރަކާތް ކުރަމުން ދިޔައެވެ. މުޅި މާހައުލު ގުގުމަމުން ދިޔައީ މަސްހުނި ހުނުމާއި މިޔުޒިކީ އަޑުންނެވެ.

"އަހަރެން ހިތަށް އަރާނީ އަހަރުމެންގެ މި ސުވަރުގެ ވެސް ބަދަލުވަނީއޭ. އެކަމަށް މާގިނަ ދުވަހެއް ދެން ނެތޭ." ތަންކޮޅެއް ދުރުގައި މަންޒަރު ބަލަން އިން އިސްމާއިލް ބަލައިލީ އޭނާގެ އަނބި ނަފީސާގެ މޫނަށެވެ.
"އިސްމާއިލް އެންމެ ފުރަތަމަ ދުވަހު ވެސް ބުނީމެއްނު ތިހެން. އެއްފަހަރާ ތިން އަންހެން ދަރިން ލިބުމަކީ ކޮންމެ ކޮންމެ މީހަކަށް ލިބޭ ނިއުމަތެއް ނޫނޭ."
"އާނ. އަހަރެން ގަބޫލުކުރާ ކަމެއް ނޫން އެ. އަންހެން ދަރިންނަކީ ފަކުރެއް، ނަޖިހެއް ނޫން. މީ ޖާހިލިއްޔަ ޒަމާނެއް ނޫން. ފިރިހެން ކުއްޖަކު ލިބެންދެން ކުދިން ހޯދާހޯދާ ތިބޭކަށް،" ނަފީސާގެ ޖުމުލަ ފުރިހަމަ ނުވަނީސް އިސްމާއިލް ފެށިއެވެ. "ބައެއް މީހުންނަށް އަދިވެސް ނުވިސްނެނީ. ބައެއް ފިރިހެނުންގެ ވިސްނުން ހަނީ. ހީވަނީ އަންހެން ދަރިއަކު ހޯދަނީ އަނބިމީހާއޭ. ހަގީގަތުގައި އެއީ އެއްވެސް މީހެއްގެ ބާރު އޮންނަ ކަމެއް ނޫން. ދަރިންނަކީ މާތްﷲ ދެއްވާ ނިއުމަތެއް. އަމާނާތެއް. އެއީ ﷲގެ ހަދިޔާއެއް. އަންހެން ދަރީންނަކީ ޖަވާހިރެއް. އެ ޖަވާހިރުގެ އަލިކަމުން އަހަރުމެންގެ މި ކުޑަކުޑަ ގެއަށް ލިބޭ އަލިކަން ނުފެނޭތަ؟ އެކަން އެންމެ ރަނގަޅަށް އިހުސާސް ކުރެވޭނީ އެނގޭނީ ނަފީސާއަށް."
"ތިއުޅެނީ އެ ހިތި މާޒީ ހަނދާންކޮށްދީ އަހަރެން ރޮއްވަންތަ؟" ނަފީސާ ސޯފާގައި ހަމަޖެހިލިއެވެ. "އެ ކިހާ ވޭން ހުރި ކަމެއް؟ ދަރިއަކު ނުލިބިގެން ދެމަފިރިން ފިކުރު ބޮޑުވެ، ނުކައި ނުބޮއި ކިތައް ދުވަސް ހޭދަކުރިން؟"
"ކޮންމެ ކަމަކީ ވެސް އިމްތިހާނު. އަހަރުމެންނަށް އޮތީ އިހުލާސްތެރި ހިތަކާއެކު ދެންނެވުން. ނިކަން ދެކިބަލަ ޑޮކުޓަރުން އުއްމީދު ކަނޑައިލައިފަ ތިއްބާ އަހަރުމެން މާޔޫސް ނުވެ ދެންނެވި ދެންނެވުން އެ ކަލާނގެ އިޖާބަ ކުރެއްވި ގޮތް. އެއްމާބަނޑު ތިން އަންހެން ދަރިން. މި ކުޑަ ކަމެއްތަ؟ ކުޑަ ނިއުމަތެއްތަ؟ މީ އަހަރެން މި ދައްކާވާހަކަ. އިހުލާސްތެރިކަމަކީ ހުރިހާ ވެސް އެއްޗަކީ. ﷲއަށް ހާލިސްކޮށް، އެކަލާނގެ ހަޟްރަތުގައި ދެންނެވޭ ގޮތް ހުރިހާ ވެސް ކަމަކީ."
"އިސްމާއިލް ކަހަލަ ހެޔޮލަފާ ފިރިއެއްގެ އޯގާތެރިކަމުގެ މޭވާ އެއީ. އެ ކުދިން މިއަދު އެގޮތަށް މަޖާ ނަގާ ތިއްބަސް މާދަމާ އަންނާނީ ރޮމުން ގިސްލަމުން ނޫން ކަމެއް ނޭނގޭނެ. އެކުދިންގެ ހަޔާތުގައި ހިފާނީ ފުރިހަމަ ކޭތައެއް ކަމެއް، ފަޅިކޭތައެއް ކަމެއް ނޭނގެ. ފަޅިކޭތައެއް ހިފައިފި ނަމަ އެދުވަހަކުން އަހަރެން ހިތްފަޅި ފަޅިވާނެ. ދިރިހުއްޓާ ވަޅުލާން ޖެހޭނެ." ނަފީސާ ބަލައިލީ ޓީވީ ކައިރީގައި ކަރޯކޭއަށް އަޑާއި ފައި ހަމަ ކުރަމުން ދިޔަ ތިން ބެއިންނަށެވެ.
"އަހަރެން ދިރި ހުރިހާ ހިނދަކު، މި ހަށީގައި ނޭވާ ލެވޭހާ ހިނދަކު، އެކުދިންނަށް މަގު ދައްކައިދޭނަން،" އިސްމާއިލް އަޒުމާއެކު ބުނެލިއެވެ. "މަގޭ ދަރިންނަކީ ކޮންމެ ކަނޑަކަށް ހެޔޮ، ކޮންމެ މޫސުމަކަށް ފައްކާ، ކޮންމެ ކަހަލަ މުސީބާތަކަށް ކެތްކުރާ ކުދިންނަށް ހަދައިދޭނަން. ފަޅިކޭތައެއް ހިފުމުގެ ކުރިން، ނަފީސާގެ ހިތްފަޅިފަޅިވުމުގެ ކުރިން ގަދަކަމުން ނަމަވެސް އެ ކޭތައަކުން އެކުދިން ވީއްލުވާނަން."

އިސްމާއިލް ކޮޅަށް ތެދުވެލިއެވެ. ކުރަހާ ހަރުގައި ހުރި ފުރޭމަށް ފުންކޮށް ބަލައިލިއެވެ. ދެވަނަ ސިކުންތުގައި ނަފީސާގެ މޫނަށް ބަލައިލިއެވެ. ފެންކުލަ ޖައްސާ ފިހި ނަގަމުން ހިނިތުންވެލިއެވެ. ހުދުކުލައިގެ އެ ފުރޭމުގައި ފިހިގަނޑު ޖައްސާލިއެވެ. ފަރުވާތެރިކަމާއެކު ދެތިން ރޮނގު ކުރަހައިލިއެވެ. ނަފީސާ ކޮޅަށް ތެދުވެ ދެތިން ފިޔަވަޅު ކުރިއަށް އަޅައިލިއެވެ. އޭނާ ހުއްޓެވުނެވެ. ފަރިތަކަމާއެކު އިސްމާއިލް ކުރަހަމުން ދިޔަ މަންޒަރު ފެނުމުންނެވެ. އިސްމާއިލްގެ އަތްމަތި އަވަސް ހަރަކާތްތަކާ އެކު ދެތިން އަކުރު އަޅައިލުމުންނެވެ. ނަފީސާ ނޭވާ ހިފަހައްޓައިލިއެވެ. ލަފުޒު ފުރިހަމަ ވަންދެން އޭނާ ހަރަކާތެއް ނެތި ހަނު ހުރީއެވެ.

"ފަޅިކޭތަ." ނަފީސާގެ އަޑު ބޭރު ނުވާ ވަރަށް އޭނާ މަޑުމަޑުން ކިޔައިލިއެވެ.
"އާނ، ފަޅިކޭތަ." އިސްމާއިލް ފަސްއެނބުރި ބަލައިލާ ނަފީސާގެ މޫނަށް ބަލައިލަމުން ހިނިތުންވެލިއެވެ.

***

ހެނދުނުގެ ވަގުތެވެ. ގަޑިން އަށެއް ޖަހަން، ގަޑީގެ ކަށި ފައި ކުރުކުރަމުން ދިޔައެވެ. ގެއާ އިންވެގެން އޮތް ބަންޑާރަ ބިމުގައި ހުރި މިދިލި ގަސްތަކާ ދިމާއިން ވާތަކެއް ހޭރި ގަތް އަޑުން މުޅިތަނުގެ ހިމޭންކަން ނެތިގެން ދިޔައެވެ. ގޯތިތެރޭގައި ހުރި ޖަނބުރޯލު ގަހުގައި އިން ކޮވެލި އިރުއިރު ކޮޅާ ގޮވާލައެވެ. ހީވަނީ ފަތިހުގެ ހާލާއެކު އެ ސޮރުގެ ޑިއުޓީ ފެށިފައިވާހެންނެވެ. ގިފިލީގައި ހުރި ފަޅޯ ގަހަށް ތިރިކޮށްލި ކާޅުގެ ބައިގަނޑު ވެސް ދޭތެރެ ދޭތެރެއިން ކޯޅޭ އަޑު އިވެމުން ދިޔައެވެ. މުޅިތަނަށް ވެރިވެފައި ވަނީ ތެތް ފިނީގެ އަސަރެވެ. މުޅި މާހައުލުވަނީ ފުސްބުރާފައެވެ.

އެއަޑުތަކާ އެކު މަސްހުނިވަމުން ދިޔައީ ޅަ ކުއްޖެއްގެ ރުއިމުގެ އަޑެވެ. އަޑު އައީ ޖަނބުރޯލު ގަސްދޮށާ ދިމާއިންނެވެ. ޖަނބުރޯލު ގަސްދޮށުގައި ހުރި ފަތްޖެހި އެނދާ ދިމާއިންނެވެ. ފަތްޖެހި އެނދުގައި އޮތް ނޫކުލައިގެ ސަތަރިގަނޑުގެ އެއްކޮޅުން އޮތީ އިރިފައެވެ. އެދިމާއިން ފެންތިކިތަކެއް އޮހެމުން ދިޔައެވެ. ސާފު ރަތްކުލައެއްގެ ފެންތިކި ތަކެކެވެ. ފަތްޖެހި އެނދުގެ މެދުގައި އަހަރާ ގާތްކުރާ ޅަ އަންހެން ކުއްޖަކު ރޯން އިނެވެ.

އެ ކުއްޖާގެ ބޮލުގެ އިސްތަށިތައް ވަނީ ހޭވިފައެވެ. އޭނާގެ އަތުގައި އޮތީ ހިރުނދެކެވެ. އިރުއިރު ކޮޅުން އެ ހިރުނދު އަނގަޔަށްލައެވެ. އަނގައިން ހިރުނދު ނެއްޓޭ ކޮންމެ ފަހަރަކު ރޮއިގަނެއެވެ. ބައެއް ފަހަރު ކުސްތަޅައި ގަނެއެވެ. އެ ކުއްޖާ ރޮއިގަންނަނީ ހިރުނދު އަނގަޔަށް ނުލެވުމުންނެވެ. އަނގަޔާއި އަތް ދިމާ ނުވުމުންނެވެ. ކުއްޖާ ރޮއިގަންނަ ކޮންމެ ފަހަރަކު އަނގައިން ސޮނިތައް ފައިބާން ފަށައެވެ. ހިރުނދު އަނގަޔަށްލުމަށް ފަހު ކޮންމެ ފަހަރަކު ވެސް ހިރުނގަނޑު ޖައްސާ ބާރުކޮށްލައެވެ. އެއާއެކު އަނގައިން ސޮނިތައް ފައިބާވަރު އިތުރުވެއެވެ. އަނގައިން ފައިބާ ސޮނިތައް އެޅެމުންދަނީ ހާމައަށް އޮތް އެ ކުއްޖާގެ މޭމައްޗަށެވެ. މޭމައްޗަށް ގިނަވާ ސޮނިތައް މަގު ހަދައިލައިފައި ފައިބަމުން ދިޔައީ އުނުގައި އޮތް ހުދުކުލައިގެ ފުއްޕި ޖަނގިލަށެވެ. އެކުއްޖާ ދޭތެރެއަކުން ގައިގެ އެތަން މިތަނުގައި އަތް ޖައްސާލަމުން ހިރުވާލައެވެ. އެއިން ކޮންމެ ފަހަރަކު ރޯންފަށާއިރު ހީވަނީ ތޫނު ކަށްޓެއް ހަރައިލުމުން، އަނިޔާއެއް ލިބުމުން ރޯން ފަށާހެންނެވެ.

އެ ކުއްޖެއްގެ ރުއިމުގެ އަޑު ދިޔައީ ފަހަރަކަށް ވުރެ ފަހަރެއް ބާރުވަމުންނެވެ. އެ ރުއިމުގެ އަޑާއި މާހައުލުގެ އަޑުތައް މަސްހުނި ވަމުން ދިޔައެވެ. ބައެއް ފަހަރު ގަހުގައި ތިބި ކާޅުތައް ކޯޅިގަންނަ އަޑު މާ ބާރުވެއެވެ. ދޭތެރެއަކުން ގުޑުގުޑާއެއް ދަމާލާ އަޑު އެ އަޑުތަކުގެ ތެރެއަށް އިތުރުވަމުން ދިޔައެވެ. ގޯތިތެރެއަށް ވަދެގެން އައީ ޒުވާން އަންހެނެކެވެ. އޭނާގެ ބޮލުގައި ބަނޑިޔަލެއް، ކިހިލީގައި ބަނޑިޔަލެއް ހުއްޓެވެ.

އޭނާ އަޅާ ފިޔަވަޅާއެކު ބޮލުގައި ހުރި ބަނޑިޔަލުގައި ހުރި ފެނުން އުފެދެމުންދާ ބާނިތަކުގެ ސަބަބުން ފެންތިކިތައް ދުރަށް ބުރަމުން ދިޔައެވެ. ހަމަ އެ ބާނިތައް ކިހިލީގައިވާ ބަނޑިޔަލުން ވެސް އުފެދެމުން ދިޔައެވެ. ދެ ބަނޑިޔަލުން ފެންތައް ދުރަށް ބުރަމުން ދިޔައެވެ. ބައެއް ފެން ތިކި ތަކުގެ ކުންނަކީ އެ އަންހެން މީހާއެވެ. އަވިން އަންދައިފައިވާ މޫނުގެ ހަންގަނޑުން މުތެއް ފަދައިން ރޮނގުތަކެއް ކުރަހަމުން ކަނދުރާއާ ދިމާއަށް ފެންތިކިތައް ތިރިއަށް ފައިބަމުން ދިޔައެވެ. ކިހިލީގައިވާ ބަނޑިޔަލުން ބުރަމުން ދިޔަ ފެންތިކިތައް އަމާޒުވަމުން ދިޔައީ އޭނާގެ ތުނިތުނި ހެދުމުގެ ބަންދާ ދިމާއަށެވެ. ހެދުމުގައި ޖެހޭ ކޮންމެ ފެންތިއްކެއް ހެދުމުގެ ތެރެއަށް ފޭދިގެންގޮސް ގައިގައި ހެދުން ތަތްކޮށްލައެވެ. ހަށިގަނޑުގެ ދޮންކަން ފޮތިގަނޑުން ފާޅުވެއެވެ. ކޮންމެ ފިޔަވަޅަކާއެކު އެހަރަކާތް ތަކުރާރުވަމުން ދިޔައެވެ.

އެއީ ސާރާއެވެ. ކިހިލީގައި ހުރި ފެންބަނޑިޔާ ބަހައްޓާލުމަށްފަހު ބޮލުގައި ހުރި ބަނޑިޔާ ވެސް އަށިގަނޑު މަތީގައި ބަހައްޓަލަމުން މަތި ޖަހައިލިއެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ މޫނުގައި ހުރި ފެންތައް އަތުން ފޮހެލިއެވެ. ސާރާ ބަލައިލީ ރޯން އިން އޭނާގެ ދަރިފުޅު ޝެޒާ އަށެވެ. ލުއި ގޮތަކަށް ހިނިތުންވެލަމުން ސާރާ ހިނގައިގަތީ ދަރިފުޅާ ދިމާއަށެވެ. ދަރިފުޅަށް ސާރާ ފެނުމުން ރުއިމުގެ އަޑު ބާރުކޮށްލަމުން ތެދުވެވޭތޯ އުޅުނެވެ.

"ކިހިނެއްވީ މަންމަގެ ދޫނި؟ އަވަހަށް ހުއްޓައިލާ." ދަރިފުޅު ނަގައި މޫނުގައި ބޮސްދެމުން ސާރާ ވައި އަޑުން ބުނެލިއެވެ. "މިއޮތީ އައްޗިކޮށްލައި ފައެއްނު."

ސާރާ އުރައިލުމާއެކު ޝެޒާ ހަރަކާތްތަކެއް ކުރަން ފެށިއެވެ. އޭނާގެ މޫނު ސާރާ މޭމައްޗާ ދިމާއަށް ގެންދާން އުޅުނެވެ. ސާރާ އެކަން ދެނެގަތެވެ.

"ދޫނި ބަނޑުހައިވީ ދޯ؟" ފަތްޖެހި އެނދުގައި ސާރާ އިށީނެވެ. "އަވަހަށް އުޅޭ ދޯ ބަނޑުފުރައިލަން. މަންމަ އަދި ބަދިގެއަށް ވަންނަން ޖެހޭނެ."

ދަރިފުޅަށް ގާތުންދޭން އިށީނދެ ސާރާ ހަމަޖެހިލިއެވެ. ޝެޒާ ވެސް ފަޔަށް ވައްތަރު ޖައްސަމުން ގާތުން ބޮމުން ދިޔައެވެ. ސާރާ ބަލައިލީ ޝެޒާގެ މޫނަށެވެ. އެ މޫނަށް އަރައިފައިބަމުން ދިޔަ އުފާވެރި ކުލަތައް ފެނިފައި ސާރާ ހިނިތުންވެލިއެވެ. ގުޑުގުޑާގެ އަޑު އިވުމުން ސާރާއަށް ސިހުން ލިބުނެވެ. އޭނާއަށް ބަލައިލެވުނީ އަޑު އިވުނު ދިމާއަށެވެ. އެއަޑު އައީ ޖޯއްޔާ ދިމާއިންނެވެ. ޖޯލީގައި އޮތީ ހަސަންމަނިކެވެ. އެއީ ސާރާގެ ފިރިމީހާ، ވަހީދުގެ ދޮންބައްޕައެވެ. ސާރާގެ ދޮންބަފާބެއެވެ. ހަސަންމަނިކު އޮތީ ކަޅި ޖަހައި ނުލާ ސާރާއަށް ބަލާށެވެ. ސާރާއަށް އެ މަންޒަރު ފެނުނެވެ. އެއާއެކު އޭނާއަށް ކަމެއް ހަނދާވިއެވެ. އޭނާ އަވަސް އަވަހަށް އަތުން ނިވާކޮށްލިއެވެ. ސާރާ ލަދުން އިސްޖަހައިލެވުނެވެ. އޭނާ ރަކިވީއެވެ. އިސް އުފުލައިލަން ވެސް ނުކެރި އޭނާ އިނީއެވެ. ސާރާ މަޑުމަޑުން ހަސަންމަނިކަށް ނުފެންނާނެހެން އަނެއް ފަރާތަށް އެނބުރިލިއެވެ.

ގުޑުގުޑާގެ އަޑު އަވަސްވަމުން ދިޔައެވެ. އެއާ އެއްވަރަށް ސާރާގެ ނޭވާތައް ވެސް އަވަސްވަމުން ދިޔައެވެ. އޭނާގެ ހިތުގެ ހިނގުން ވެސް އަވަސްވަމުން ދިޔައެވެ. ކުއްލިއަކަށް ކަމެއް ހަނދާންވުމުން ތެދުވާހެން ސާރާ ތެދުވިއެވެ. ޝެޒާ ފަތްޖެހި އެނދުގައި ބައިންދާލުމަށްފަހު ހެދުން ރަނގަޅު ކޮށްލަމުން ބަދިގެއާ ދިމާއަށް ދުއްވާގަތެވެ. އޭނާގެ ފަހަތުން ހަސަންމަނިކު ވެސް ގުޑުގުޑާ ހިފައިގެން ދިޔައެވެ.

މުޅި ތަނުގައި ވަނީ ދުމެވެ. ސާރާ ދެ އަތް ހަރަކާތްކުރަމުން ބަދިގެއަށް ވަނެވެ. އޭނާއަށް ތަންދޮރު ވަކިވާވަރުވީ އިރުކޮޅެއް ފަހުންނެވެ. އޭނާއަށް އޯކަށް ދެމެވޭ ގޮތްވާން ފެށިއެވެ. މުޅި ތަނުގައި ހުރީ އެނދި ރިހައިގެ ވަހެވެ. މުޅި ބަދިގޭގައި ވަނީ އެ ވަހުން އެއްވަސް ވެފައެވެ. އޭނާ ބަލައިލީ ދުމަށްޓާ ދިމާއަށެވެ. ދުމަށި މަތީގައި އޮތް އަތްދޮށް ނަގައި އުނދުނާ ދިމާއަށް ގުދުވެލިއެވެ. އޭނާ ނޭވާ ހިފަހައްޓައިގެން ހުރެ އުނދުން މަތީގައި ހުރި ތެލި ބޭލިއެވެ. މަޑުމަޑުން ތެލި އަރިކޮށްލިއެވެ. ތެލީގައި ހުރި ރިހަތައް ވަނީ ކަޅުވެފައެވެ. ހިލަވެފައެވެ. ތެއްޔާލައި ހިކިފައެވެ.

ސާރާ އަވަސްއަވަހަށް ތެލި ހިފައިގެން ދުންހޮޅިން ނުކުތެވެ. ދެތިން ފިޔަވަޅު އެޅުނު އިރަށް މީހެއްގެ ގައިގައި ޖެހުމުން އަތުގައި ހުރި ތެލި ދޫވިއެވެ. ސާރާއަށް ހަޅޭއްލަވާ ގަނެވުނެވެ. ނަމަވެސް އޭނާގެ އަޑެއް ބޭރެއް ނުވިއެވެ. މީހަކު އޭނާގެ އަނގަމަތީގައި އަތްއެޅީއެވެ. ސާރާ ނޭވާ ހާސްވެގެން ތެޅިގަތެވެ. ކޮންމެވެސް ގޮތަކުން އޭނާއަށް ނޭވާލެވޭ ގޮތްވިއެވެ. އޭނާއަށް އަވަސްއަވަހަށް ނޭވާލެވުނެވެ. ނަމަވެސް، އަނގަމަތީގައި އެމީހަކު ހިފަހައްޓައިގެން ހުރީއެވެ. ވަރަށް ބާރަށެވެ.

އޭނާގެ ކަނދުރާއާ ދިމާއިން އެމީހާ މޫނު ޖައްސަމުން ދިޔައެވެ. އެމީހާގެ ތުނބުޅީގެ އިސްތަށިތައް ސާރާގެ ކަނދުރާ މަތީގައި ކާއްތަމުން ދިޔައެވެ. ސާރާއަށް ހީވީ އޭނާގެ ކަނދުރާއަށް ތިނޯސްތަކެއް ހަރަމުންދާ ހެންނެވެ. އޭނާގެ އަނެއް އަތުން ސާރާގެ ބަނޑުގެ މަސްތަކާ ކުޅެމުން ދިޔައެވެ. ސާރާއަށް ބަލައިލެވުނެވެ. އެއީ ކާކުތޯއެވެ.

"ފުއްލާގެ ބަނޑުކޮޅު." އެއީ ހަސަން މަނިކުގެ އަޑެވެ.

އޭނާ ވާހަކަދައްކަމުން ދިޔައީ ވައި އަޑުންނެވެ. ހީވަނީ މަސްތުވެ ޢަމަލުވެފައިވާ ހެންނެވެ. ސާރާ ގާތަށް ފާޑަކަށް ރުޅި ވެސް އާދެވުނެވެ. ސާރާ ތެޅިގަތް ގޮތުން ހަސަންމަނިކުގެ އަތުން އޭނާ ވީއްލުނެވެ. އޭނާ ހަސަންމަނިކާ ދުރަށް ޖެހިލިއެވެ.

"ކީއްވެ ދުރަށްދަނީ؟ އެކަކަށް ވެސް ނޭނގޭނޭ. އާދޭ. ރޭގަ ޓަކި ޖެހީމަ ނުހުޅުވީ ކީއްވެ؟ އެ ސޮރު ވެއްދީ ދޯ؟ މިހާރު ބުނެފީމެއްނު ކެތްވާނީ ވަކިވަރަކަށޭ. ގަދަ ހަދަން އުޅެންޏާ ލިބޭނީ ލަނޑޭ. އަނިޔާއޭ." ހަސަންމަނިކު އިންޒާރުގެ ރަނގަބީލުގެ ވާފަށަ ދަމާލިއެވެ.

ހަސަންމަނިކު އަނެއްކާ ވެސް ސާރާއާ ގާތަށް ޖެހިލިއެވެ. ސާރާ ބިރުން ތުރުތުރު އަޅައިގަތެވެ. އޭނާ ފަހަތަށް ޖެހެމުން ދިޔައެވެ. ސާރާގެ ފުންނާބު ޖެހުނީ ފާރުގައެވެ. ސާރާގެ ބުރަކަށި ވެސް ފާރުގައި ޖެހުނެވެ. ތެޅިގަލުން ރާނާ ސިމެންތި ނުޖަހާ ހުރި އެ ފާރުން އުފުލިފައިވާ ގައުތަކުން ބައެއް ގައުތައް ސާރާގެ ބުރަކަށްޓަށް ހެރެމުން ދިޔައެވެ. ސާރާގެ ނޭވާ އަވަސްވަމުން ދިޔައެވެ. ހަސަންމަނިކު ދެ އަތް ފާރުގައި ޖައްސާލިއެވެ. (ނުނިމޭ)