ލައިފްސްޓައިލް

އެއްފައި ނެތަސް އަޒުމާއެކު ދަނޑުވެރިކަމުގައި

އިންޑިޔާގެ ފޮރެސްޓް ސާވިސް އޮފިސަރު މަދޫ މީތާ ސޯޝަލް މީޑިއާގައި އިއްޔެ ޕޯސްޓްކުރި ވީޑިއޯއަކަށް މިހާރު ދުނިޔޭގެ ސަމާލުކަން ވަރަށް ބޮޑަށް ވަނީ ލިބިފަ އެވެ. މި ވީޑިއޯ ފެންނަނީ އެއް ފައި ބުރިކޮށްލާފައިވާ މީހަކު ދަނޑިގަނޑު ޖަހައިގެން އެއް އަތުން ދަނޑުވެރިކަން ކުރުމުގައި ހޭބޯނާރާ އުޅޭ ތަނެވެ. އެއް އަތުން ދަނޑިގަނޑު ބެލެންސް ކުރަމުން އަނެއް އަތުން ދަނޑުވެރިކަމަށް ބޭނުންކުރާ ހަތިޔާރަކުން އެ މީހާ މަސައްކަތް ކުރަމުންދާ ތަން ވީޑިއޯ އިން ފެނެ އެވެ.

"ޔަގީންކަމެއް އޮތިއްޔާ މަގެއް ފެންނާނޭ" ދިވެހި ބަހުގެ މުހާވަރާއެއްގައި ބުނެފައި އޮވެ އެވެ. މި މީހާ އަކީ މި މުހާވަރާގައި ބުނާ ބަހުގެ ތެދުކަން ހާމަވާ ރަނގަޅު މިސާލެކެވެ. އެއް ފައި ނެތް ހާލުގައި ވެސް އޭނާ ހިތްވަރު އެލުވާނުލާ ކުރާ މަސައްކަތަކީ ތައުރީފު ހައްގު މަސައްކަތެކެވެ.

އަހަރެމެންގެ ތެރެއިން ގިނަ މީހުން ސުފުރާ މައްޗަށް ކާން އަރާފައި އެ ކާނާ ލިބުނީ ކޮން ގޮތަކަށްތޯ ޚިޔާލު ވެސް ކޮށް ނުލާނެ އެވެ. އެ ކެއުމުގައި ހުރި ކާ އެއްޗިއްސަކީ ކިހާ ބުރަ މަސައްކަތުން ބަޔަކު ހައްދާފައިވާ އެއްޗެހި ތޯ ވެސް ވިސްނާ ނުލާނެ އެވެ. އަހަރެމެން ހިތްހަމަޖެހިލައިގެން ތިބެ ކައިގެން ނުކެވިފައި ހުންނަ ބައި ކުނިއެއްޗަށް އަޅާލާފައި އަތްދޮވެގެން ދާއިރު އެ ކާއެއްޗިއްސަކީ ބަޔަކު ދަލާއި ލޭ އޮހޮރުވައިގެން ކުރާ ބުރަ މަސައްކަތުން ހައްދާފައިވާ އެއްޗެހިކަމެއް އެއްގޮތަކަށް ވެސް ހިތަކަށް ވެސް ނާރުވަ އެވެ.

އެއްފައި ބުރިކޮށްލާފައިވާ މީހަކު ދަނޑު ހައްދަން ކުރާ މަސައްކަތް މި ވީޑިއޯ އިން ބަލާފައި ފަހަރެއްގައި މި މަސައްކަތުގެ އަގު ކޮންމެވެސް ވަރަކަށް ވަޒަން ކުރެވިދާނެ ކަމަށް އުންމީދު ކުރެވެ އެވެ.

މި ވީޑީއޯ އަށް ކޮމެންޓުކުރި މީހަކު ބުނި ގޮތުގައި ހަގީގީ ހީރޯއިންނަކީ މިފަދަ މީހުންނެވެ. އެމީހާއަށް ހެޔޮ ދުއާ ކުރަމުން އެމީހާ އިތުރަށް ބުނެފައިވަނީ ތިމާގެ ހާލަތު ކޮންމެ ގޮތަކަށް ހުއްޓަސް އެއްވެސް ބަހަނާއެއް ނުދައްކާ ވީ ވަރަކުން ހިތްވަރާއެކު މަސައްކަތްކުރުމުގައި މިމީހާ އަކީ ނަމޫނާ އެއް ކަމަށެވެ.

"ބުރަ މަސައްކަތް އެމީހާ އެ ކުރަނީ އޭނާގެ ބަނޑުހައިހޫނުކަން ފިލުވަން،" ކޮމެންޓުގައި ވެއެވެ.

އެހެން މީހަކު ކުރި ކޮމެންޓެއްގައި ބުނެފައިވަނީ މި މީހާ މި ކުރާ މަސައްކަތަކީ މިފަދަ އެހެން މީހުން ވެސް ބަލި ހާލާ މެދު ރޯން ނުތިބެ ނޫނި ސަލާން ޖަހަން މަގުމަތީގައި ނުތިބެ އެމީހަކަށް ކުރެވުނު މަސައްކަތެއް ކުރަން ފަށަން ހިތްވަރު ލިބޭނެ ވީޑިއޯ އެއް ކަމަށެވެ.
"ރެސްޓޯރަންޓަކުން ކެޔަސް ގޭގައި ކައްކައިގެން ކެޔަސް ކާ އެއްޗެތި އިސްރާފު ނުކުރުމަށް ވެސް މިފަދަ މީހުންގެ މަސައްކަތުން އިބުރަތް ހޯދައިގެން އަހަރެމެން މަސައްކަތް ކުރަން ޖެހޭނެ،" އިތުރު މީހަކު ބުނެފައި ވެއެވެ.

މި މީހާގެ ހާލަތު ފެނިފައި އޭނާއަށް އެހީވާން ބޭނުންވާ ކަމަށް ވެސް ބައެއް މީހުންގެ ކޮމެންޓުތަކުގައި ވެއެވެ. ނަމަވެސް މި ރިޕޯޓުގައި އޭނާގެ ނަމާއި ރަށް ހިމަނާފައި ނުވުމުން ބައެއް މީހުން ވަނީ އޭނާއަކީ ކާކުކަން އަންގައިދިނުމަށް އެދިފަ އެވެ.