އިންސާފު ހޯދައިދޭން ފުރުސަތު ލިބުމުން އެކަންކަން ނުކޮށްތިބެ އަނިޔާގެ ވާހަކަ ދެއްކުމަކީ މާނައެއް އޮތް ކަމެއް ނޫން ކަމަށް ވިދާޅުވެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން، އެމްޑީޕީއަށް ފާޑުވިދާޅު ވެއްޖެ އެވެ.
މީގެ 17 އަހަރު ކުރިން ސެޕްޓެމްބަރު 19 ގައި މާފުށީ ޖަލުގައި ސިފައިން އަނިޔާކޮށް މ. އޭޝިޔާ، ހަސަން އީވާން ނަސީމް ވަނީ މަރާލާފަ އެވެ. އަދި ޖެހިގެން އައި ދުވަހު ޖަލުގައި ބަޑި ޖެހުމުގެ ސަބަބުން ބަޔަކު މަރުވި ބަޔަކު ޒަހަމްވި އެވެ.
އީވާން ނަސީމްގެ މަރަށް 17 އަހަރުވުމާ ދިމާކޮށް އެމްޑީޕީން ވަނީ ބަޔާނެއް ނެރެފަ އެވެ. އަދި އެ ޕާޓީގެ ރައީސްކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާ ކުރީގެ ރައީސް ނަޝީދު ވެސް ވަނީ އެ ހަނދާންތައް އައު ކުރައްވާ ކުރީގެ ރައީސް މައުމޫނަށް ފާޑުވިދާޅުވެފަ އެވެ.
އެމްޑީޕީން ވަނީ ޖަލުގައި ހިނގި ބަޑިޖެހުމުގެ ހާދިސާގެ ފުރިހަަމަ ތަހުގީގެއް އަދިވެސް ހިންގިފައިނުވާ ކަމަށް ބުނެފަ އެވެ.
އެ ކަމަށް އިޝާރާތް ކުރައްވާ މެންބަރު އަލީ ހުސައިން ވިދާޅުވީ އިންސާފު ހޯދައިދޭން އެތައް ފަހަރަކު ފުރުސަތު ލިބިވެސް އިންސާފާއި އަދާލަތު ގާއިމު ކުރުމުގެ ބަދަލުގައި އަނިޔާގެ ވާހަކަ ދައްކަކާ ދައްކާ ތިބުމަކީ އެއްވެސް މާނައެއް އޮތް ކަމެއް ނޫން ކަމަށެވެ.
އިންސާފު ހޯދައިދޭން ފުރުސަތު އެތަކެއް ފަަހަރު ލިބުނީމާވެސް އިންސާފާއި އަދާލަތު ގާއިމު ކުރުމުގެ ބަދަލުގައި އަނިޔާގެ ވާހަކަ ދައްކާލަ ދައްކާލަ ތިބުމަކީ އެއްވެސް މާނައެއް އޮތް ކަމެއް ނޫންއަލީ ހުސައިން | ކެންދޫ ދާއިރާގެ މެންބަރު
ޖަލުގައި އިވާން ނަސީމް މަރާލުމާއި އެ ޖަލުގައި ބަޑި ޖެހުމުގެ ހާދިސާއަށް ފަހު މިދިޔަ 17 އަހަރު ދުވަހުގެ ތެރޭގައި އެމްޑީޕީއަށް ރާއްޖޭގެ ވެރިކަން ކުރުމުގެ ފުރުސަތު ދެ ފަހަރު ލިބިފައި ވެއެވެ. އެ ގޮތުން 2008 ވަނަ އަހަރުން ފެށިގެން 2012 އާ ހަމައަށް ވެރިކަން ކުރެއްވީ ރައީސް މުހައްމަދު ނަޝީދެވެ. އަދި 2018 ވަނަ އަހަރުގެ ނޮވެންބަރުގައި އުފެދުނު މި ސަރުކާރުގެ މައި ހިއްސާ އޮތީ ވެސް އެމްޑީޕީއަށެވެ. އެހެން ކަމުން އަލީީ ހުސައިން އެ އިޝާރާތް ކުރައްވަނީ އެކަމަަށެވެ.
އީވާން ނަސީމުގެ މަރުގެ ހަނދާން އާ ކުރައްވާ ރައީސް ނަޝީދު ކުރެއްވި ޓްވީޓަށް ވަރަށް ގިނަ ބަޔަކު ފާޑުވެސް ކިޔާފައިވެއެވެ. އަދި އިންސާފާ ހަމަހަމަ ކަމުގެ ވާހަކަ އެމަނިކުފާނު ނުދެއްކެވުމާއި ޑިމޮކްރަސީގެ ވާހަކަ ނުދެއްކެވުމަށް އެދިވަޑައިގެން އެތަށް ބަޔަކު ފާޑުކިޔާފައި ވެއެވެ.