ފިނިޕޭޖް

"ޔޭ ރިޝްތޭހޭ ޕިޔާރް ކޭ" ނިންމާލަނީ

ޓީވީ ތަރިން ކަމަށްވާ ޝަހީރް ޝޭޚް އާއި ރިއާ ޝަރުމާ ލީޑް ރޯލު ކުޅޭ "ޔޭ ރިޝްތޭ ހޭ ޕިޔާޜް ކޭ" އަކީ މިހާރު އިންޑިއާގެ އެކި ޗެނަލްތަކުން ދައްކާ ސިލްސިލާތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކަށް އެންމެ މަގްބޫލު ޝޯ އެވެ. މި ޝޯގައި ޝަހީރް އާއި ރިއާގެ ކެމިސްޓްރީ ބެލުންތެރިންނަށް ވަރަށް ކަމުދެ އެވެ. ނަމަވެސް ދައްކަން ފެށިތާ ދޮޅު އަހަރެއްހާ ދުވަސް ވެފައިވާ މި ޝޯ ނިންމާލަން މިހާރު ވަނީ ނިންމާފަ އެވެ.

މިހާރު ބެލެވޭ ގޮތުގައި "ސާތު ނިބާނާ ސާތިޔާ 2" ދައްކަން ހަމަޖެހިފައިވަނީ މިހާރު "ޔޭ ރިޝްތޭ ހޭ ޕިޔާރް ކޭ" ދައްކާ ގަޑީގަ އެވެ.

އިންޑީޔާގެ އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން "ޔޭ ރިޝްތޭ ހޭ ޕިޔާރް ކޭ"ގެ ޕްރޮޑިއުސަރު ރާޖަން ޝާހީ ވަނީ މި ސިލްސިލާ ހުއްޓާލަން އުޅޭކަން ޔަގީން ކޮށްދީފަ އެވެ. އޭނާ ބުނި ގޮތުގައި ޝޯގެ އެންމެ ފަހު އެޕިސޯޑު ދައްކާނެ ތާރީޚެއް އެނގޭނީ މި މަސް ނިމޭ ހިސާބުގަ އެވެ.

ރާޖަން ބުނި ގޮތުގައި ޝޯ ދެއްކި ދޮޅު އަހަރެއްހާ ދުވަހު ވަރަށް ކާމިޔާބު ކަމާއެކު ހުރިހާ އެޕިސޯޑެއް ވެސް ދެއްކުނު ކަމަށެވެ.

މި ޝޯ ނިންމާލާ ޚަބަރަކީ ޝޯ ގެ ފޭނުން އެއްގޮތަކަށް ވެސް ހިތްހަމަޖެހޭނެ ޚަބަރަކަށް ނުވާނެ އެވެ. އެހެންވެ ފޭނުން ހިތްހަމަޖެހޭ ކަހަލަ ޚަބަރެއް ވެސް ރާޖަން ދިނެވެ. އޭނާ ބުނީ ކުރިޔަށް އޮތް ތަނުގައި އަދި ރެއާ އާއި ޝަހީރް އަލުން ގުޅިދާނެ ކަމަށެވެ.

"ސާތު ނިބާނާ ސާތިޔާ 2" އަކީ މީގެ އަހަރުތަކެއް ކުރިން ސްޓާ ޕްލަސް އިން ދެއްކި ވަރަށް ކާމިޔާބު ޝޯއެއް ކަމަށްވާ "ސާތު ނިބާނާ ސާތިޔާ"ގެ ދެ ވަނަ ބައެވެ. ކުރީ ޝޯގައި މީނާކްޝީ ރާޖްވަންޝީގެ ރޯލު އަދާކުރި ރޫޕަލް ޕަޓޭލް މިފަހަރުގެ ސިލްސިލާގައި ވެސް ކޮކީލާ މޯދީގެ ރޯލުން ފެންނާނެ އެވެ.