އުފަންވީއިރު އަޑު އިވުމުން މަހްރޫމްވެފައިވާ ކުއްޖެއްގެ ކަންފަތުގައި ހިއަރިން އެއިޑް އަޅުވައިގެން އޭނާގެ މަންމަގެ ފުރަތަމަ ފަހަރަށް އިވުނުއިރު އެ ކުއްޖާއަށް ކުރެވުނު އިހްސާސްތައް ފެންނަ ވީޑިއޯ އަކީ ސޯޝަލް މީޑިއާގައި އިއްޔެ އެންމެ ހިނގި އެއް ވީޑިއޯ އެވެ.
މި ވީޑިއޯ ރެކޯޑް ކޮށްފައިވަނީ ކުޑަ ކުއްޖާގެ މަންމަ ލޯރީން ވެބް އެވެ. އެމެރިކާގެ ވާޖީނިއަގައި ހުރި ހޮސްޕިޓަލެއްގައި އެއް އަހަރުގެ މައިސަން މެކް މިލަންގެ ކަންފަތުގައި ހިއަރިން އެއިޑް އެޅުވި ވަގުތަކީ އެ ދެ މައިންގެ އިތުރުން ވަރަށް ގިނަ މީހުންގެ ހިތަށް ފުން އަސަރެއް ކުރުވި ވަގުތުކޮޅަކަށް ވިއެވެ.
"އަހަރެންގެ ކުޑަ ކުޑަ ދަރިފުޅުގެ ކަންފަތުގައި މިއަދު އަލަށް ހިއަރިން އެއިޑް އެޅުވީ. ބަލާބަލަ އޭނަގެ މޫނަށް ވީ ގޮތް،" ޓުވިޓާގައި ލޯރީން ޝެއާކޮށްފައިވާ މި ވީޑިއޯގައިވާ ކެޕްޝަންގައި ވެއެވެ.
މި ވީޑިއޯގައި ލޯރީން އޭނާގެ ދަރިފުޅަށް ގޮވާލާފައި އޭނާގެ އަޑު އިވޭތޯ އަހަ އެވެ. ކުޑަ ކުއްޖާ ވަރަށް ލޯބި ލޯބިކޮށް ހީނލުމުން އޭނާގެ މަންމަގެ އަޑު އިވުނުކަން ޔަގީންކުރެވެ އެވެ.
އޭބީސީ ނިއުސް އާ ވާހަކަ ދައްކަމުން ލޯރީން ބުނެފައިވަނީ އަޑު އިވެން ފެށުމުން މައިސަން ވަރަށް އުފާވި ކަމަށެވެ. އަދި އޭނާ އާ ވާހަކަ ދައްކާ ކޮންމެ މީހަކާ ދިމާލަށް ކަޅިވެސް ޖަހާނުލާ ބަލަހައްޓައިގެން އިންނަ ކަމަށް ލޯރީން ބުންޏެވެ.
މި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު އިސާހިތަކު ހަތަރު މިލިއަނަށް ވުރެ ގިނަ މީހުން ވީޑިއޯ ބަލާފައި ވެއެވެ. އަދި 94،000 މީހުން މި ވީޑިއޯ އަލުން ޓުވީޓްކޮށް 4.6 ލައްކަ ލައިކްސް ލިބިފައި ވެއެވެ. ގިނަ ބަޔަކު ބުނެފައިވަނީ ބޮޑު ބަލިމަޑުކަމެއް ފެތުރި ދުނިޔޭގެ އެންމެންނަށް ހިތްދަތިކަމާއި މާޔޫސްކަން ލިބިފައިވާ މި ދަނޑިވަޅުގައި މި ކަހަލަ ކުޑަ ކުޑަ ވީޑިއޯ އަކުން ވެސް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބޭ ކަމަށެވެ.