ލައިފްސްޓައިލް

ކުޑަ ވަގުތުކޮޅަކަށް ދުނިޔޭގެ އެންމެ މުއްސަނދި އެކަކަށް

ޑަރެން ޖޭމްސް ކިޔާ މީހެއްގެ ބޭންކް އެކައުންޓަށް 25 ބިލިއަން ޑޮލަރު ޖަމާވެ، ދުނިޔޭގެ އެންމެ މުއްސަނދި 25 މީހުންގެ ތެރޭގައި ކުޑަ ވަގުތުކޮޅަކަށް ހިމެނިއްޖެ އެވެ.

އެމެރިކާގެ ލުއިޒިއާނާގައި ދިރިއުޅޭ ޖޭމްސް އަށް އޭނާގެ އެކައުންޓްގައި މިހާ ގިނަ އަދަދެއްގެ ފައިސާ ހުއްޓާ ފެނުމުން ފުރަތަމަ ލިބުނީ ޝޮކެކެވެ. ސަބަބަކީ އޭނާގެ ހަޔާތުގައި ދުވަހަކުވެސް މިހާ ގިނަ ސުމެއް ހަޔާތުގައިވެސް ފެނިފައި ނެތީމަ އެވެ.

"އަހަރެން ހިތަށް އެރި އަނެއްކާ ކޮން ތާކުން އައި އެއްޗެއް ބާއޭ މިއީ،" ފޮކްސް9 އަށް ދިން އިންޓަވިއު އެއްގައި ޖޭމްސް ބުންޏެވެ.

މިހާ ގިނަ ފައިސާ އޮޅިގެން ނަމަވެސް އެކައުންޓަށް ވަދެފިނަމަ ގިނަ މީހުން ބަލަނީ އަވަހަށް އެ ފައިސާތައް ބޭނުންކުރުމަށެވެ. ނަމަވެސް ޖޭމްސް އަކީ ތެދުވެރި މީހަކަށް ވާތީ އޭނާ އެ ފައިސާގައި ޖެހޭކަށް ބޭނުމެއް ނުވި އެވެ.

"އަހަރެން ވަގުތު ބޭންކަށް ގުޅާފައި ބުނިން މިއީ ކިހިނެއް ވެގެން ވަދެފައި ހުރި ފައިސާއެއްތޯ ބަލާދޭށޭ. ސަބަބަކީ އެއީ އަހަރެމެންގެ އެއްޗެއް ނޫންކަން ޔަގީން ކުރެވޭތީ. އަދި ބޭންކުން ވަގުތުން އެ ފައިސާގެ ވެރިމީހާ ހޯދާ އޭނާއަށް އެ ފައިސާ އަނބުރާ ޖަމާ ކޮށްދިނީ،" ޖޭމްސް ބުންޏެވެ.

އެއީ ކާކުގެ ފައިސާއެއް ކަމެއް އަދި އެހާ ބޮޑު އޮޅުމެއް އެރީ ކީއްވެގެން ކަން ބޭންކުން ސާފުކޮށް ނުދޭ ކަމަށްވެސް ޖޭމްސް ބުންޏެވެ.

ދެ ތިން ދުވަސް ކޮށްފައި ބަލާލިއިރު އެ ހުރިހާ ފައިސާ އަނެއްކާވެސް އޭނާގެ އެކައުންޓްގައި ނެތް ކަމަށްވެސް ޖޭމްސް ބުންޏެވެ.

"އެއީ ހަގީގަތުގައި އަހަރެންގެ ފައިސާ އަކަށްވީނަމަ އަހަރެން އެ ފައިސާ ފަގީރުންނަށް ޚައިރާތުގެ ގޮތުގައި ދޭނީ،" ޖޭމްސް ބުންޏެވެ.