ފުލުފުލުގައި ފިލްމުތައް ބެލުމާއި ސޯޝަލް މީޑިއާ ބޭނުން ކުރުމުގައި އެތައް ގަޑިއިރެއް ފޯނުގައި ހޭދަ ކުރުމަކީ މިހާރު އާއްމު ކަމެކެވެ. ސްކްރީން ޓައިމް ގިނަވާ ވަރަކަށް މީހުންގެ ސިއްހަތަށް އޭގެ ގެއްލުން ވަމުންދާކަމީ ވެސް ގަބޫލުކުރަން ޖެހޭ ހަގީގަތެކެވެ. ނަމަވެސް މިހާރު ފޯނަށް ދެވި ހިފާފައި ވަނީ ހަމައެކަނި އިންސާނުންނެއް ނޫނެވެ. ބައެއް ޖަނަވާރު ވެސް ސްމާޓްފޯނަށް ދެވި ހިފައިގެން އެސޮރުމެން ބަލަހައްޓާ މީހުންނަށް އުނދަގޫތަކާ ވަނީ ކުރިމަތިވެފަ އެވެ.
އެމެރިކާގެ ޗިކާގޯގެ ލިންކޯން ޕާކް ޒޫގައި އޮންނަ އަމާރޭ ނަމަކަށް ކިޔާ ގޮރެއްލާ އަކީ ވެސް ސްމާޓްފޯނަށް ވަރަށް ވަރެއް ހުންނަ ސޮރެކެވެ. މި ސޮރު ފޯނުގެ އަވައިގައި ޖެހިފައިވާ ވަރުން އެ ސޮރުގެ ވަށައިގެންވާ މާހައުލުގައި ހިނގާ އެއްވެސް ކަމެއް މިހާރަކު އެސޮރަކަށް ނޭނގެ އެވެ. އެހެންވެ ޒުލުން މިހާރު ވަނީ މިސޮރަށް އަދަބު ދިނުމުގެ ގޮތުން ސްކްރީން ޓައިމް މަދުކޮށްފަ އެވެ.
ސޯޅަ އަހަރުގެ މި ގޮރިއްލާގެ އަމިއްލަ ސްމާޓްފޯނެއް ނޯވެ އެވެ. މިސޮރު ފޯނު ބަލަން ދެވި ހިފީ މި ޒުލަށް ޒިޔާރަތްކުރާ މެހެމާނުން އެ ސޮރަށް މާ ގިނައިން ފޯނު ދޭން ފެށުމުންނެވެ. ބިއްލޫރި ޕާޓިޝަނުގެ ބޭރުގައި ތިބެން އަމާރޭއަށް އެމީހުންގެ ފޯނުތަކުން ފޮޓޯތަކާއި ވީޑިއޯތައް ދައްކައި ސެލްފި ނަގައި ހެދުމަކީ ޒިޔާރަތްކުރާ ބައެއް މީހުން ވަރަށް ގިނައިން ކޮށް އުޅޭ ކަމެކެވެ. މި ގޮރިއްލާ ފޯނަށް ދެވި ހިފީ އެގޮތަށް ގިނަ ބަޔަކު އެ ސޮރަށް ފޯނު ދައްކާތީ އެވެ.
މިސޮރު ފޯނުގެ މަސްތުގައި ޖެހިފައިވާ ވަރުން އެހެން ގޮރިއްލާއަކު އެސޮރަށް ހަމަލާދިން އިރުވެސް ނޭނގުނެވެ.
ޒޫގެ އިސް ވެރިޔާ ބުނި ގޮތުގައި މި ސޮރު ފޯނަށް ޝައުގުވެރިވަން އިތުރުވާ ވަރަކަށް ޒުލަށް އަންނަ މެހެމާނުން ވެސް އެ ސޮރަށް ފޯނު ދައްކާލެއް އިތުރުވެ އެވެ. ނަމަވެސް ޒޫ ބަލަހައްޓާ މީހުންނަށް މިހާރު މިކަން މާ ބޮޑަށް ފާހަގަ ކުރެވޭތީ މި ސޮރުގެ ސްކްރީން ޓައިމް މަދުކުރަން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް އޭނާ ބުންޏެވެ.
ގާތްގަނޑަކަށް 193 ކިލޯގްރާމް ހުންނަ މި ގޮރިއްލާ އަމާރޭ އާއެކު އެސޮރުމެން ތިބޭ ތަނުގައި އިތުރު ތިން ގޮރިއްލާ ދިރިއުޅެ އެވެ. ނަމަވެސް އެ ތިން ގޮރިއްލާއަކީ ޓީންއޭޖް އުމުރުގެ ގޮރިއްލާ ތަކެކެވެ. އެންމެ ދުވަސްވެފައިވަނީ އަމާރޭ އަށެވެ.
މި މައްސަލަ ހައްލުކޮށް އަމާރޭ އަށް ފޯނު ދެއްކިޔަ ނުދޭން މިހާރު ވަނީ ބިއްލޫރި ފެންސާ ތަންކޮޅެއް ދުރުން ރޯނު ދަމައި ޒުލަށް ޒިޔާރަތްކުރާ މީހުންނަށް ބިއްލޫރި ފެންސް ކައިރިއަށް ނުދެވޭގޮތް ހަދާފަ އެވެ. އެވަރުންވެސް މި ގޮރިއްލާއަށް ފޯނު ދައްކަން ބައެއް މީހުން މަސައްކަތް ކުރެ އެވެ.