ލައިފްސްޓައިލް

ތަޖުރިބާ ނެތް މީހަކު ދުއްވި މަތިންދާބޯޓެއް އެއާޕޯޓުގައި ޖައްސައިފި

މަތިންދާބޯޓެއް ދުއްވުމުގެ ކުޑަވެސް ތަޖުރިބާއެއް ނެތް މީހަކު އަމިއްލަ އަށް ބޯޓު ދުއްވާފައި ގޮސް ރައްކާތެރިކަމާއެކު އެއާޕޯޓުގައި ޖައްސައި އޭނާ އާއި އެ ބޯޓުން ދަތުރުކުރި އެހެން މީހުންގެ ފުރާނަ ސަލާމަތް ކޮށްފި އެވެ.

އޭނާ ދުއްވި ބޯޓު ޖައްސާފައިވަނީ އެމެރިކާގެ ފްލޮރިޑާގެ ޕާމް ބީޗް އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

މިދިޔަ އަންގާރަ ދުވަހު ހިނގި މި ހާދިސާގައި ޕްރައިވެޓް މަތިންދާބޯޓެއްގެ ފަސިންޖަރެއްގެ ގޮތުގައި އިން މި މީހާއަށް ބޯޓު ދުއްވަން ޖެހުނީ އެ ބޯޓުގެ ޕައިލެޓް ކުއްލިއަކަށް ވަރަށް ބަލިވެ ޚަބަރު ހުސްވީމަ އެވެ. އޭރު ބޯޓު ދަތުރުކުރަމުން ދިޔައީ ބަހާމާސް އިން ފްލޮރިޑާ އަށެވެ.

ޕައިލެޓް ހޭނެތުނުއިރު ބޯޓު ހުރީ ފްލޮރިޑާ އެއާޕޯޓާ 70 ވަރަކަށް މޭލު ދުރުގަ އެވެ.

ސީއެންއެންގައިވާ މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެއާ ޓްރެފިކް ކޮންޓްރޯލާ ވަރަށް ގިނަ އިރު ޕައިލެޓަށް ގޮވިއިރު ވެސް ޕައިލެޓްގެ އެއްވެސް ޚަބަރެއް ނުވި އެވެ. އެންމެފަހުން، އެ ބޯޓުގެ ޕައިލެޓް ކުއްލިއަކަށް ބަލިވެ ޚަބަރު ހުސްވެފައިވާ ކަމަށް ބޯޓުގައި އިން ފަސިންޖަރަކު އެއާ ޓްރެފިކް ކޮންޓްރޯލާ ކައިރީގައި ބުންޏެވެ. އެހެންވެ އެމީހުން ތިބީ ކުރާނެ ކަމެއް ނޭނގިފައި ކަމަށް ވެސް ފަސިންޖަރު ބުނި ކަމަށް ވެއެވެ.

މަތިންދާބޯޓު ދުއްވުމާ ގުޅޭ އެއްވެސް ތަޖުރިބާއެއް އޭނާގެ ނެތް ކަމަށާއި ނަމަވެސް އެއާ ޓްރެފިކް ކޮންޓްރޯލަރުގެ އިރުޝާދުތައް އަޑު އަހައިގެން އޭނާ ބުނާ ގޮތަކަށް ކަންތައް ކުރެވޭތޯ ބަލާފާނެ ކަމަށް ފަސިންޖަރު ދެން ބުނި ކަމަށް ވެއެވެ.

ބޯޓުގެ ލޮކޭޝަން ބުނެދިނުމަށް އެއާ ޓްރެފިކް ކޮންޓްރޯލާ ރޮބާޓް މޯގަން އެ ފަސިންޖަރު ކައިރީގައި ބުންޏެވެ. ނަމަވެސް ފަސިންޖަރު ބުނީ އޭނާއަށް ލޮކޭޝަން އަކީ ކޮބައިކަން ނޭނގޭ ކަމަށެވެ.

ފަސިންޖަރު ބުނީ އޭނާއަށް ފްލޮރިޑާގެ މަލަމަތި ފެންނަ ކަމަށެވެ. އެ ވަގުތު ރޮބާޓް މޯގަން ވަރަށް ބިރުގަތެވެ. ނަމަވެސް ބިރުން ގޮސް ގޮހެއް ހެދިދާނެތީ ކެތްތެރިކަމާއެކު ފަސިންޖަރާ ވާހަކަ ދައްކާ އޭނާ ބޯޓު އޮތް ލޮކޭޝަން ވަރަށް އަވަހަށް ހޯދާނެކަމަށް ބުންޏެވެ.

އެހިސާބުން ރޮބާޓް ވަނީ ފަސިންޖަރަށް އިމަޖެންސީ ކޯލެއް ކޮށްގެން އެއާކްރާފްޓް އޮޕަރޭޓް ކުރާނެ ގޮތްތައް ކިޔައިދީފަ އެވެ. ރޮބާޓް ވަނީ ކޮކްޕިޓްގެ ލޭއައުޓެއް ޕްރިންޓްކޮށް ފިޔަގަނޑު ލެވެލްކޮށްފައި ބަހައްޓައިގެން އުތުރު ނޯތު ނުވަތަ ސައުތު ކޯސްޓާ ދިމާލަށް ބޯޓު ދުއްވަން އެދިފަ އެވެ.

ފަސިންޖަރު ވެސް އެ ވަގުތު އިންނާނީ ވަރަށް ހާސް ވެފައި ނަމަވެސް އޭނާ ވަރަށް ހަމަޖެހިލައިގެން އެއާ ޓްރެފިކް ކޮންޓްރޯލާ ބުނާ ގޮތަށް ކަންތައްތައް ކުރި އެވެ.
އެއާ ޓްރެފިކް ކޮންޓްރޯލަށް ބޯޓު އޮތް ލޮކޭޝަން ދެނެގަނެވޭނެ ގޮތެއް ވޭތޯ އެވެ. އެންމެ އުނދަގޫވީ ބޯޓުގެ ނެވިގޭޝަން ސްކްރީން އޮން ކުރާނެ ގޮތް ފަސިންޖަރަށް ނޭނގުނީމަ އެވެ. މި ބޯޓު އޮތް ލޮކޭޝަން ދެނެގަންނަން އެހާ އުނދަގޫވީ އެންމެ ބޮޑު ސަބަބަކީ އެއީ އެވެ.

އެންމެ ފަހުން ވަރަށް މަސައްކަތުން ބޯޓުގެ ލޮކޭޝަން ހޯދުނުއިރު ބޯޓު އޮތީ ފްލޮރިޑާގެ ބޯކާ ރޭޓަން ސިޓީގެ މަތީގަ އެވެ. އެއާ ޓްރެފިކް ކޮންޓްރޯލާ ރޮބާޓް ދެން ފަސިންޖަރު ކައިރީގައި ބޯޓު ތިރިކޮށް ޖައްސާނެ ގޮތް ބުނެދިނެވެ. އަދި ފަސިންޖަރު ވަނީ ވަރަށް ހަމަޖެހިލައިގެން އިނދެ ބޯޓު ފްލޮރިޑާ އެއާޕޯޓުގައި ރައްކާތެރިކަމާއެކު ލޭންޑް ކޮށްފަ އެވެ.

ބޯޓު ޖެއްސުމާއެކު ބޯޓުގައި ތިބި އެންމެން ވަނީ އެ ޕެސެންޖަރަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށް އޭނާގެ ކުޅަދާނަކަމަށް ވަރަށް ތައުރީފުކޮށްފަ އެވެ.
ބޯޓުގެ ޕައިލެޓް ޖަސްޓިން ޑަލްމޯލިން ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފަ އެވެ.

އޭވިއޭޝަން އެކްސްޕާޓް ޖޯން ނެންސް ބުނި ގޮތުގައި އެރޮނޯޓިކަލް ތަޖުރިބާ އެއްގޮތަކަށް ވެސް ނެތް މީހަކު މަތިންދާބޯޓެއް އުދުއްސި ވާހަކަ އެނާ އެހި މިއީ ފުރަތަމަ ފަހަރެވެ. ދުނިޔޭގެ ތާރީޚުގައި ވެސް މިފަދަ ކަމެއް މީގެ ކުރިން ހިނގާފައިވާ ކަމަށް ނުބެލެވޭ ކަމަށް އޭނާ ބުންޏެވެ.