ލައިފްސްޓައިލް

ކުޑައިރު ބުލީކުރި ކުއްޖެއް ހޯދާ މައާފަށް އެދިއްޖެ

ސްކޫލް ތަކާއި ކޮލެޖުތަކުގައި ބުލީކުރުމުގެ ވަރަށް ގިނަ މައްސަލަތައް ކުދިންނަށް ކުރިމަތިވެ އެވެ. މިކަން ކޮންޓްރޯލްކުރަން ސްކޫލްތަކާއި ކޮލެޖުތަކުން ގިނަ ގުނަ މަސައްކަތް ކުރި ނަމަވެސް މިފަދަ ހާދިސާތަކުގެ ވާހަކަ ދޭތެރެ ދޭތެރެއިން އިވެ އެވެ.

ހަގީގަތުގައި ބުލީގެ ސަބަބުން ބުލީ ކުރި ކުއްޖާ އާއި ކުރެވުނު ކުއްޖާއާ ދެ ކުދިންނަށް ވެސް ނަފްސާނީ އުނދަގޫތަކެއް ކުރިމަތިވެ އެވެ. އެހެންކަމުން ދެބައިމީހުންނަށް ވެސް ތެރަޕީ އާއި އެހީތެރިކަން ފޯރުކޮށްދޭން ޖެހެ އެވެ. އެ ކުދިންނަށް އެންމެ ބޭނުންވާ ވަގުތު އެހީތެރިކަމާއި ތެރަޕީ ނުދެވިއްޖެނަމަ އެކުދިންގެ މުޅި އުމުރަށް އޭގެ ނޭދެވޭ އަސަރުތަކުގައި އުޅެ އެވެ.

ދުނިޔެގެ މަޝްހޫރު ކޮމޭޑިއަން އަކު ދާދިފަހުން ސޯޝަލް މީޑީއާގައި ހިއްސާކުރި ޕޯސްޓެއްގައި މީގެ 15 އަހަރު ކުރިން އޭނާ ސްކޫލްގައި ކިޔެވިއިރު ބުލީ ކުރި ކްލާސް ކުއްޖެއްގެ ކިބައިން މައާފަށް އެދިފައި ވެއެވެ.

ޖޯ އިރްވިންގެ ނަމުން ޓިކްޓޮކްގައި ވަރަށް މަޝްހޫރުވެފައިވާ މި ކޮމޭޑިއަން ޝެއާކުރި ވީޑީއޯއެއްގައި ބުނެފައިވާ ގޮތުގައި އޭނާ ކުޑައިރު "ވަރަށް ގޯސް"ކަމެއް ވަނީކޮށްފަ އެވެ. އަދި އެކަމާ މިހާރު ވަރަށް ދެރަވެ އެވެ. އޭނާގެ ކްލާސް ކުއްޖަކަށް ބުލީ ކުރި ގޮތުގެ ވާހަކަ ވެސް އިރްވިންގް ކިޔައިދިނެވެ. ކޮންމެ ދުވަހަކު އެ ކުއްޖާގެ ލަންޗު ބޮކްސް ދަމައިގަނެގެން އޭނާގެ ކުރިމަތީގައި އޭގައި ހުރި ހުރިހާ އެއްޗެތި ކައި ހުސްކޮށްލި ކަމަށް އިރްވިންގް ބުންޏެވެ.

އިރްވިންގް ބުނި ގޮތުގައި އޭނާ ބުލީ ކުރީ 1 ވަނަ ގްރޭޑުގައި އުޅުނުއިރު އޭނާއާ އެއް ކުލާހެއްގައި ކިޔެވި ޑީލާން ނަމަކަށް ކިޔާ ކުއްޖަކަށެވެ. މި ކުއްޖާ އަކީ ކޮންމެ ދުވަހަކު ކުލާހުގައި އޭނާ އާ ޖެހިގެން އިންނަ ކުއްޖާ ކަމަށާއި ޑީލާން އަކީ ވަރަށް ކުޑަކުޑަކޮށް ހިކިކޮށް އިންނަ ކުއްޖަކަށް ވާތީ އޭނާ ބަނޑުހައި ވާވަރަށް ޑީލާން ބަނޑުހައި ނުވާނެ ކަމަށް އޭރު އޭނާއަށް ގަބޫލު ކުރެވުނު ކަމަށް ވެސް އިރްވިންގްގެ ޕޯސްޓުގައި ލިޔެފައި ވެއެވެ.

"އަހަރެން އޭނާ ކައިރީގައި އެކޮޅަށް ބަލާލަ ބަލާށޭ ކިޔާފައި އޭނާ ބަލާލާއިރަށް އޭނާގެ ލަންޗު ބޮކްސްގައި އޮންނަ ޕިއްޒާ ފޮއްޗާ އެއްޗެތި ނަގައިގެން ކާލަނީ. ޑީލާން ވަރަށް ގިނަ ފަހަރަށް ބުނާނެ އަހަރެން ކުރާ ކަންތަކާ އޭނާ ވަރަށް ނުރުހެއޭ. އެހެން ބުންޏަސް އަހަރެން އަޑެއް ނާހަން. އަހަރެން ހަމަ އޭނާގެ އެތިކޮޅު ކާލަނީ ކޮންމެ ދުވަހަކު،" އިރްވިންގް ބުންޏެވެ.

އޭނާގެ އެ އަމަލުތަކަށް އޭގެ 15 އަހަރު ފަހުން މައާފަށް އެދެމުން އިރްވިންގް ވަނީ އޭނާގެ މި މެސެޖު ޑީލާން އާ ހަމަޔަށް ފޯރައިފިނަމަ އޭނާ އާ ގުޅަން އެދިފަ އެވެ. އަދި ޑީލާން ގޮވައިގެން އެންމެ އަގުބޮޑު ތަނަށް ޕިއްޒާ ކާންދޭން ދާން ބޭނުން ކަމަށް ވެސް އިރްވިންގް ބުނެފައި ވެއެވެ.

"މިގޮތަށް ކަންތައް ކުރިޔަސް 15 އަހަރު ކުރިން އަހަރެން ކުރި ކަންތަކުގެ ބަދަލެއް ނުދެވޭނެ. ނަމަވެސް މިއީ އޭނާގެ ކިބައިން މައާފަށް އެދެން ބޭނުންވާތީ އަހަރެން ކުރާ ކަމެއް،" ކޮމޭޑިއަން ބުންޏެވެ.

މި ވީޑީއޯ ވައިރަލްވެ މިހާތަނަށް 9.4 މިލއަން ވިއުޒް ލިބިފައި ވެއެވެ.

ފަހުން އިރްވިންގް ޝެއާ ކުރި އެހެން ވީޑިއޯއެއްގައި ބުނެފައިވާ ގޮތުގައި ޑީލާން ހޯދުމުގައި އޭނާ ކާމިޔާބު ހޯދައިފި އެވެ. އަދި އެންމެ ފަހުން ފޭސްބުކް މެދުވެރިކޮށް އޭނާ ޑީލާން އާ ގުޅައި އަންނަ މޭ މަހުގެ 14 ވަނަ ދުވަހު ދެ މީހުން ބައްދަލުކުރަން ހަމަޖެހިފައިވާ ކަމަށް ވެސް އިރްވިންގްގެ ފަހުގެ ޕޯސްޓުގައި ބުނެފައި ވެއެވެ.

ޚުދް ޑީލަން ވެސް މިކަމާ ގުޅޭ ގޮތުން އިނގިރޭސި ވިލާތު ނޫހަކަށް އިންޓަވިއު އެއް އިއްޔެ ވަނީ ދީފަ އެވެ. އޭނާ ބުނި ގޮތުގައި އިރްވިން އޭނާ އާ ފޭސްބުކުން ވާހަކަ ދެއްކުމުގެ ކުރިން އޭނާ އިރްވިން މައްޗަކުން ހަނދާނެއް ވެސް ނެތެވެ. އަދި އެއްވަނަ ގްރޭޑުގައި ކިޔެވިއިރު އޭނާގެ ލަންޗް ބޮކްސް ކުއްޖަކު ކެޔަސް އެއީ ބުލީ ކުރުން ކަމަކަށް އޭނާ އޭރަކު ހިތަކަށް ނާރަ އެވެ. އަދި ފަހުން ވެސް އެކަމެއް އޭނާ ހަނދާނެއް ނެތެވެ.