ކުޅިވަރު

ރާއްޖެ މެޗު ފަސޭހަކޮށްނުލާނަން: ގަތަރު ކޯޗު

ރާއްޖެއާ ދެކޮޅަށް މާދަމާ ވޯލްޑް ކަޕް ކޮލިފައިންގައި ކުޅޭ މެޗު ފަސޭހަކޮށްނުލާނެ ކަމަށް ގަތަރުން ބުނެފި އެވެ.

ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން މި ވަގުތު ޓޭބަލުގެ އެއްވަނާގައި އޮތް ޓީމުގެ ކޯޗު ޑެނިއަލް ކަރްނެއިރޯ ބުނީ ރާއްޖެ މެޗު ފަސޭހަކޮށްލަން ނުޖެހެނީ މި ދެ ގައުމު މާލޭގައި ކުޅުނު މެޗުން ހަނިގޮތަކަށް ގަތަރު މޮޅުވެފައިވާތީ ކަމަށެވެ.

"އަހަރުމެންނަށް ގްރޫޕުގައި ފަސް ޕޮއިންޓްގެ ލީޑެއް އެބައޮތް. އެކަމަކު އަހަރުމެންގެ ކުރިއެރުމާމެދު ވާހަކަ ދައްކަން އަދި މިއީ މާ އަވަސް ނަތީޖާތަކެއް. މިވަގުތު އަހަރުމެންގެ ފޯކަސް މި އޮތީ ދިވެހިރާއްޖެ މެޗަށް. އަހަރުމެންނަށް ވަރަށް އުނދަގޫ މެޗަކަށްވީ ރާއްޖެއާއެކު ކުޅުނު ފުރަތަމަ މެޗު. އެހެންވީމަ އަހަރުމެން އެމީހުން އެހާ ފަސޭހަކޮށް ނުނަގާނަން،" އުރުގުއޭގެ ކޯޗު ކަރްނެއިރޯ ބުންޏެވެ.

މި ދެ ގައުމު ކުޅުނު ފުރަތަމަ މެޗު މާލޭގައި ކުޅުނީ ޖޫން މަހުގެ 12 ވަނަ ދުވަހު އެވެ.

އެ މެޗުން ގަތަރު މޮޅުވީ އިތުރު ވަގުތަށް ދެއްކި އަށް މިނިޓްގެ އެންމެ ފަހު ވަގުތުކޮޅުގަ އެވެ. ކޮލިފައިންގައި އޭގެ ފަހުން ރާއްޖެ ކުޅުނު ތިން މެޗުގެ ތެރެއިން ހޮންކޮން އަތުން ބަލިވީ 2-0އިންނެވެ. ޗައިނާ އަތުން 3-0އިން ބެލިވެފައިވަނިކޮށް ބޫޓާން އަތުން މިދިޔަ ބުދަ ދުވަހު މޮޅުވީ 4-3އިންނެވެ. މިހެންވެ ރާއްޖެ އޮތީ ތިން ޕޮއިންޓާއެކު ގްރުޕުގެ ފަހަތުން ދެ ވަނާގަ އެވެ.