މުމްބާއީ (ސެޕްޓެމްބަރު 21) - އިންޑިއާގެ މުމްބާއީގެ ހުރި ތިން ބުރީގެ މީހުން ދިރިއުޅޭ އިމާރާތެއް ވެއްޓި މިހާތަނަށް އަށް މީހަކު މަރުވެފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
މިއަދުގެ މެންދަމުގެ ވަގުތެއްގައި އެ ހާދިސާ ހިނގިއިރު، އެ އިމާރާތުގައި ދިރިއުޅޭ ގިނަ މީހުން ތިބީ ނިދާފައި ކަމަށާއި، ގާތްގަނޑަކަށް 20 އާއި 25 ދެމެދުގެ މީހުން ވެއްޓުނު އިމާރާތުގެ ދަށުވެފައިވާކަމަށް މައުލޫމާތު ލިބޭކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ އޮފިޝަލަކު މީޑިއާތަކަށް ވިދާޅުވި އެވެ.
އިމާރާތުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ކުއްތާ ވެސް ދަނީ ބޭނުންކުރަމުންނެވެ.
އެ އިމާރާތް ރައްކާތެރި ނޫން ކަމަށް ބުނެ، އެތަން ހުސްކުރުމުގެ ނޯޓިސް ދޫކޮށްފައިވާކަމަށް އެ ސަރަހައްދުގެ މުނިސިޕަލް ކައުންސިލްގެ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.
އިމާރާތް ވެއްޓުމުގެ ހާދިސާތައް އިންޑިއާގައި ގިނަވެފައިވާއިރު، 2017 ވަނަ އަހަރު އާއްމުކޮށްކުރި ރަސްމީ ތަފާސް ހިސާބެއްގައި ބުނެފައިވަނީ އެ ފަދަ ހާދިސާތަކުގައި 1،200 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ.
އެގޮތުން، މިދިއަ މަހު މުމްބާއީގެ ފަސް ބުރީގެ އިމާރާތެއް ވެއްޓި 13 މީހުން ވަނީ މަރުވެފަ އެވެ.