ލައިފްސްޓައިލް

ކުއްޖާގެ ޖިންސު ބަލަން ބަނޑު އިރާލައިފި

ފަސް އަންހެން ދަރިން ޖެހިޖެހިގެން ލިބިފައިވާ ފިރިހެނަކު އޭނާގެ އަންހެނުން ހަ ވަނަ ފަހަރަށް ބަލިވެ އިންދާ ކުއްޖާގެ ޖިންސު ބަލަން ބޭނުން ވެގެން އަންހެނުންގެ ބަނޑު އިރާލައިފި އެވެ. އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ ރަށެއްގައި މިކަމެއް ހިނގާފައިވަނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ.

ޕަންނަލާލް ނަމަކަށް ކިޔާ މި ފިރިހެންމީހާ އޭނާގެ 35 ވަރަކަށް އަހަރުގެ އަންހެނުންގެ ބަނޑު އިރާލާފައި ވަނީ ތޫނު އެއްޗަކުންނެވެ. އެހިސާބުގެ ފުލުހުންގެ އޮފިޝަލުން އެ ގައުމުގެ މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި ބަނޑު އިރާލުމުގެ ސަބަބުން އަންހެންމީހާގެ ހާލު ވަނީ ވަރަށް ސީރިއަސް ވެފަ އެވެ.

މި ފިރިހެންމީހާ މިހާރު ވަނީ ހައްޔަރު ކޮށްފަ އެވެ. އަދި މައްސަލަ ހިނގި ގޮތް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އަންހެންމީހާގެ އާއިލާގެ މީހުންނަށް އޭނާގެ ފިރިހެންމީހާ އޭނާއަށް މިހެން ހެދިގެން އެނގިގެން ބަރީލޭގައި ހުންނަ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އެމީހާގެ ހާލު ވަރަށް ބޮޑެވެ.

އިންޑިޔާގެ ނޫސްތަކުން ބުނި ގޮތުގައި ފިރިހެން ދަރިއަކު ނުލިބި ކޮންމެ ފަހަރަކު އަންހެން ދަރިން ލިބޭތީ ޕަންނަލާލް ހުރީ ވަރަށް ހިތްހަމަނުޖެހިފަ އެވެ. އެހެންވެ ފިރިހެންދަރިއަކު ބޭނުންވެފައި ހުރިވަރުން ވިހަންދެން ވެސް ކެތް ނުވެގެން ބަނޑު އިރާލާފައި ކޮން ކަހަލަ ކުއްޖެއްތޯ ބަނޑުގައި އޮތީ ބަލަން މަސައްކަތް ކުރީ އެވެ.

އަންހެންމީހާ ފުރަތަމަ ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ އަވަށްޓެރިންގެ ބައެކެވެ. އާއިލާގެ މީހުން އައިސް ފަހުން ބަރީލޭގައި ހުރި ބޮޑު ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ ހާލު ސީރިއަސް ވަމުން ދާތީ އެވެ. މި ޚަބަރުގައިވާ ގޮތުން ބަނޑު އިރާލިއިރު އަންހެންމީހާގެ ބަނޑަށް ހައެއް ނުވަތަ ހަތް މަހެވެ.

މި ޚަބަރު ސޯޝަލް މީޑިއާގައި ވައިރަލް ވުމުން ވަރަށް ގިނަ މީހުން ރުޅިއައިސްގެން ތަފާތު ކޮމެންޓްތައް ކޮށްފައ ވެއެވެ. ފިރިހެންމީހާ އަކީ ކޮންކަހަލަ ހިތް ހަރުކަށި ނުލަފާ މީހެއްހޭ ބައެއް މީހުން ސުވާލުކޮށްފައި ވެއެވެ. އަދި އޭނާއަށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދޭން ޖެހޭނެކަމަށް ވެސް ކޮމެންޓުކުރި ބައެއް މީހުން ބުނެފައި ވެއެވެ. ބަނޑު އިރާލި ވަގުތު އަންހެން މީހާގެ ގައިގައި އަޅާނެ ވޭން ހީކޮށްލާފައި ދެރަވެގެން އުޅުނު މީހުން ވެސް މަދެއް ނޫނެވެ.