ލައިފްސްޓައިލް

މީހަކު އޭނާ ހައްޔަރުކުރި ފުލުހެއްގެ ފުރާނަ ސަލާމަތްކޮށްފި

ކުށެއް ކޮށްފިނަމަ ކޮންމެ މީހަކުވެސް ހައްޔަރުކޮށް އެމީހަކު އިންސާފުގެ ކުރިމައްޗަށް ގެންދިއުމަކީ ފުލުހުންގެ ވާޖިބެކެވެ. މިގޮތުން ވާޖިބު އަދާކުރުމުގެ ގޮތުން ހައްޔަރުކުރާ މީހަކާ މެދު ހައްޔަރުކުރާ މީހާގެ ގޮތުގައި ރުޅި އާއި ނަފްރަތު ކޮންމެހެން އޮންނާކަށް ނުޖެހެ އެވެ.

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އަލްބާމާގައި ދިރިއުޅޭ މި އަންހެންމީހާ އަކީ މީގެ ދިރިހުރި މިސާލެކެވެ. ފާއިތުވީ އަހަރުތަކުގެ ތެރޭގައި އެތައް ފަހަރަކު އޭނާ ހައްޔަރުކުރި ފުލުސް އޮފިސަރަށް އެ އަންހެންމީހާ ވަނީ ކިޑްނީ ހަދިޔާކޮށް އެ އޮފިސަރުގެ ފުރާނަ ސަލާމަތް ކޮށްދީފަ އެވެ.
ފޮކްސް ނިއުސްގައިވާ މި ޚަބަރުގައިވާ ގޮތުން ޖޯސެލީން ޖޭމްސް އަކީ މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ އަންހެނެކެވެ. ކުރީގެ ފުލުސް އޮފިސަރެއް ކަމަށްވާ ޓެރެލް ޕޮޓާ އަކީ ކާކުކަން ޖޯސެލީން ވަރަށް ރަނގަޅަށް ދަނެ އެވެ.

ޕޮޓާއަށް ކިޑްނީއެއް ބޭނުންވެގެން އޭނާގެ އަންހެންދަރިފުޅު ފޭސްބުކްގައި ޖަހާފައިވާ އިޝްތިހާރެއް ފެނުމާއެކު ވެސް ޖޯސެލީންއަށް އެއީ އެތައް ފަހަރަކު އޭނާ ހައްޔަރުކުރި އޮފިސަރުކަން އެނގުނެވެ. މި ޕޯސްޓު ފެނުމުން ޕޮޓާގެ ދަރިފުޅަށް ގުޅައި ކިޑްނީ ހަދިޔާކުރަން ތައްޔާރަށް ހުރިކަމަށް ޖޯސެލީން ބުންޏެވެ.

ޖޯސެލީން، 40، އަކީ އެއް އިރެއްގައި ޑްރަގް އެޑިކްޓެއް ނަމަވެސް އޭނާގެ އަމިއްލަ ހިތްވަރާއި އަޒުމުން އޭނާ ވަނީ މަސްތުވާ އެއްޗެތީގެ ވަބާ އިން މުޅިން ސަލާމަތް ވެފަ އެވެ.

މަސްތުވާ އެއްޗެތީގެ އަވައިގައި ޖޯސެލީން ޖެހިގެން ހޭދަވީ ދުވަސްތަކުގައި އޭނާގެ ވަޒީފާ ވެސް ގެއްލުނެވެ. އަދި ދުއްވަން ގެންގުޅުނު ކާރު ވެސް ވިއްކާލަން މަޖްބޫރު ވިއެވެ. އެހެންވެ މަސްތުވާ އެއްޗެތި ބޭނުން ވުމުން އަބަދުވެސް ކޮންމެވެސް ތަނަކުން ވައްކަން ކުރަނީ އެވެ. އެގޮތުން 2007ން 2012 އާ ދެމެދު 16 ފަހަރަށް ޖޯސެލީން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އޭނާގެ ނަން "މޯސްޓް ވޯންޓެޑް" ލިސްޓަށް ވެސް އޮތީ އަރާފަ އެވެ.

ޖޯސެލީންގެ އުޅުން އިސްލާހުކޮށް މުޅިން އާ ހަޔާތެއް ފަށަން ޖޯސެލީން ނިންމީ ޓީވީ ޝޯއެއްގައި "ވޯންޓަޑް ކްރިމިނަލްސް"ގެ ލިސްޓެއް ދެއްކިއިރު އޭގައި ޖޯސެލީންގެ ނަން އިނީމާ ގަތް ލަދުންނެވެ. ހަޔާތަށް ބޮޑު ބަދަލެއް ގެންނަން އޭނާ އަޒުމު ކަނޑައެޅީ އެ ދުވަހު އެވެ.
އިސްލާހުވާން ބޭނުންވުމުން އޭނާ އެންމެ ފުރަތަމަ ވެސް ކުރިކަމަކީ އަމިއްލައަށް ފުލުހުންނާ ހަވާލުވުމެވެ. އޭނާއަށް ހަ މަސް ދުވަހަށް ޖަލަށްލުމުގެ ހުކުމެއް އައެވެ. އަދި ނުވަ މަސް ދުވަހު ރިހެބްގައި ހުންނަން ޖެހުނެވެ. ޖަލު ހުކުމާއި ރިހެބުގެ މުއްދަތު ފުރިހަމަކޮށްފައި ނުކުތްއިރު ޖޯސެލީން އަކީ މުޅީން ބަދަލުވެފައިވާ މީހެކެވެ. ދެން އޭނާ ފެށީ އޭނާ ފަދައިން މަސްތުވާ އެއްޗެތީގެ އަވައިގައި ޖެހިފައިވާ މީހުން ހަމަ މަގަށް އެޅުވުމަށް އެހީތެރިވުމަށެވެ.

ޖޯސެލީން މުޅިން އާ ދިރިއުޅުމެއް ފެށިއިރު އެތައް ފަހަރަކު އޭނާ ހައްޔަރުކުރި ފުލުސް އޮފިސަރު އޮތީ ކިޑްނީ ފެއިލްވެ ކިޑްނީ އަކަށް ބޭނުންވެފަ އެވެ. އޮފިސަރު ޕޮޓާގެ ދަރިފުޅަށް ގުޅައިގެން ޖޯސެލީން ކިޑްނީ ދޭން އެއްބަސްވީއިރު ކިޑްނީއަކަށް ހަތެއް ނޫނީ އަށެއްކަ އަހަރުގެ ދިގު އިންތިޒާރެއް ކުރަން ޖެހޭނެކަމަށް ކަމާ ބެހޭ ފަރާތްތަކުން އޮފިސަރު ޕޮޓާ އަށް ވަނީ އަންގާފަ އެވެ.

"އެތައް ފަހަރަކު އޭނާ ޖަލަށް ލާފައިވާ ފުލުސް އޮފިސަރަކަށް ކިޑްނީ ދޭން އެންމެ އެކަށީގެން ނުވާ މީހަކަށް ވާނީ އޭނާ އެތައް ފަހަރެއްގެ މަތިން އޭނާ އެ ހައްޔަރުކުރި މީހާ. އަހަރެންނަށް ކިޑްނީ ދީފާނެކަމަށް ލަފާކޮށް އަހަރެން ތައްޔާރުކުރި ލިސްޓުގައި ވެސް ހަމަ ގައިމުވެސް ޖޯސެލީންގެ ނަމެއް ނޯންނާނެ. ނަމަވެސް ޖޯސެލީން އަހަންނަށް ކިޑްނީ ދޭން ނިންމުމުން އަހަރެން އޭނާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" ޕޮޓާ ބުނެފައި ވެއެވެ.

ޖޯސެލީން މިހާރު ވަނީ ޕޮޓާ އަށް ކިޑްނީ ހަދިޔާކޮށްފަ އެވެ. ވެންޑާބިލްޓް ޔުނިވަސިޓިގައި ހެދި މި ޓްރާންސްޕްލާންޓަށް ފަހު ދެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް މި ރިޕޯޓުގައި ބުނެފައި ވެއެވެ.