އަބްދުﷲ ޝާހިދު

ކަަރަންޓީން މުއްދަތުގައި ޝާހިދަށް ހާއްސަ ހުއްދައެއް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގެންދަވަނީ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަމުން ކަމަށާ އެމަނިކުފާނު އިއްޔެ އޮތް އިވެންޓްގައި ބައިވެރިވެވަޑައިގެންނެވީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ހާއްސަ ހުއްދައެއްގެ ދަށުން ކަަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖެއިން ބޭރަށް ދިއުމަށް ފަހު އެނބުރި ގައުމަށް އައުމުން 14 ދުވަހު ކަރަންޓީނުގައި ހުންނަން ޖެހެއެވެ. އެނގިފައިވާ ގޮތުގައި މިމަހުގެ 19 ވަނަ ދުވަހު މިނިސްޓަރު ޝާހިދު ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެންފައެވެ. އަމިއްލަފުޅު ކަމެއްގައި މިނިސްޓަރު ޝާހިދު ކުރެއްވި އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިއްޔެ ވަނީ ރާއްޖެ ވަޑައިގެންފައެވެ.

އިންޑިއާއިން ރާއްޖެއަށް ދޭން ނިންމި، 250 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 3.8 ބިލިއަން ރުފިޔާ) އިއްޔެ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ބައެއް ވަޒީރުންނާއި އިންޑިއާ ސަފީރު އަދި ހައިކޮމިޝަންގެ ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ކަރަންޓީންގެ މުއްދަތު ފުރިހަމަ ނުކުރައްވާ މިނިސްޓަރު ޝާހިދު އިވެންޓްތަކުގައި ބައިވެރިވެވަޑައިގަންނަވާތީ އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ފާޑުކިޔުންތަކާއި ގުޅިގެން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ މިނިސްޓަރު ޝާހިދު ގެންދަވަނީ ކަރަންޓީން މުއްދަތު ފުރިހަމަ ކުރައްވަމުން ކަމަށެވެ. އަދި މުހިންމު ބައެއް އިވެންޓްތަކުގައި މިނިސްޓަރު ބައިވެރިވެވަޑައިގަންނަވަނީ އެޗްޕީއޭގެ ހާއްސަ ހުއްދައެއްގެ ދަށުން ކަމަށް މިއުވާން ވިދާޅުވިއެވެ.

"މި ހަފްތާގައިވެސް މުހިންމު ބައެއް އިވެންޓްތަކުގައި މިނިސްޓަރު ބައިވެރިވެވަޑައިގަންނަވާނެ. އެއީ އެޗްޕީއޭގެ ހާއްސަ ހުއްދައެއްގެ ދަށުން،" މިއުވާން ވިދާޅުވިއެވެ.

އިދިކޮޅުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅަކަށް ފަހު ޝާހިދު ރާއްޖެ ވަޑައިގެންނެވީ މިމަހުގެ 19 ވަނަ ދުވަހު ދުބާއީއިން އައި އެމިރޭޓްސް އެއާލައިންގެ ފްލައިޓެއްގައި ކަމަށެވެ. ނަމަވެސް އިއްޔެސްޓޭޓް ބެންކު އޮފް އިންޑިއާއިން ޓްރެޒަރީ ބޮންޑް ވިއްކައިގެން ބޮޑު ލޯނެއް ނެގުމާއި ގުޅުންހުރި ރަސްމިއްްޔާތެއްގައި އެތަށް ބަޔަކާއެކު މިނިސްޓަރު ޝާހިދު ބައިވެރިވެ ވަޑައިގެންފައިވާ ކަމަށެވެ. މިއީ ރައްޔިތުންގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާ ޝާހިދު އެޗްޕީއޭގެ ގައިޑްލައިންއާ ހިލާފުވެވަޑައިގަތުމަކީ އެތައް ބަޔަކު ނުރައްކަލަށް ހުށައެޅިފައިވާ ކަމެއް ކަމަށެވެ.

"... މިފަދަ ޣައިރު ޒިންމާދާރު އަމަލުތައް ސަރުކާރުގެ އެންމެ އިސްވެރިންގެ ކިބައިން ފެނުމަކީ މި ޕާޓީން ކަންބޮޑުވާ ކަމެއް. އަދި ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ އެކި ފަރާތްތަކުން އެޗްޕީއޭގެ ގަައިޑްލައިންއާ ހިލާފުވަމުން ދާއިރު އެއްވެސް ފިޔަވަޅެއް އަޅަން އެޗްޕީއޭ އިން ނުކުޅެދިފައިވާކަން ހިތާމައާއެކު ފާހަގަ ކުރަން،"