ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އަބްދުﷲ ޝާހިދު

ޝާހިދު ކަރަންޓީނުވެފައި ނުވާތީ އިދިކޮޅު ކަންބޮޑުވެއްޖެ

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ކަރަންޓީނުގެ މުއްދަތު ފުރިހަމަ ނުކުރައްވާ އިވެންޓެއްގައި ބައިވެރިވެވަޑައިގެންފައިވާ ކަމަށް ބުނެ އިދިކޮޅު ދެ ޕާޓީ ހިމެނޭ ޕްރޮގްރެވިސް ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖެއިން ބޭރަށް ދިއުމަށް ފަހު އެނބުރި ގައުމަށް އައުމުން 14 ދުވަހު ކަރަންޓީނުގައި ހުންނަން ޖެހޭ ކަމަށާ ނަމަވެސް މި ސަރުކާރުގެ އިސްވެރިން އެ އުސޫލަށް އަމަލު ނުކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެ ބަޔާނުގައި ބުނީ ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅަކަށް ފަހު ޝާހިދު ރާއްޖެ ވަޑައިގެންނެވީ މިމަހުގެ 19 ވަނަ ދުވަހު ދުބާއީއިން އައި އެމިރޭޓްސް އެއާލައިންގެ ފްލައިޓެއްގައި ކަމަށެވެ. ނަމަވެސް އިއްޔެސްޓޭޓް ބެންކު އޮފް އިންޑިއާއިން ޓްރެޒަރީ ބޮންޑް ވިއްކައިގެން ބޮޑު ލޯނެއް ނެގުމާއި ގުޅުންހުރި ރަސްމިއްްޔާތެއްގައި އެތަށް ބަޔަކާއެކު މިނިސްޓަރު ޝާހިދު ބައިވެރިވެ ވަޑައިގެންފައިވާ ކަމަށެވެ. މިއީ ރައްޔިތުންގެ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާ ޝާހިދު އެޗްޕީއޭގެ ގައިޑްލައިންއާ ހިލާފުވެވަޑައިގަތުމަކީ އެތައް ބަޔަކު ނުރައްކަލަށް ހުށައެޅިފައިވާ ކަމެއް ކަމަށެވެ.

"... މިފަދަ ޣައިރު ޒިންމާދާރު އަމަލުތައް ސަރުކާރުގެ އެންމެ އިސްވެރިންގެ ކިބައިން ފެނުމަކީ މި ޕާޓީން ކަންބޮޑުވާ ކަމެއް. އަދި ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ އެކި ފަރާތްތަކުން އެޗްޕީއޭގެ ގަައިޑްލައިންއާ ހިލާފުވަމުން ދާއިރު އެއްވެސް ފިޔަވަޅެއް އަޅަން އެޗްޕީއޭ އިން ނުކުޅެދިފައިވާކަން ހިތާމައާއެކު ފާހަގަ ކުރަން،"

އިންޑިއާއިން ރާއްޖެއަށް ދޭން ނިންމި، 250 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 3.8 ބިލިއަން ރުފިޔާ) އިއްޔެ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ބައެއް ވަޒީރުންނާއި އިންޑިއާ ސަފީރު އަދި ހައިކޮމިޝަންގެ ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.