ކޮވިޑްގެ ނުރައްކާތެރި ރާޅުތައް ރާއްޖެއަށް ބިންދާލިތާ 199 ދުވަސްވީއެވެ. ރާއްޖެއިން ފުރަތަަމަ ކޮވިޑް ކޭހެއް ފެނުނީ މާޗް މަހުގެ ހަތްވަނަ ދުވަހުއެވެ. ކޮވިޑް ބަލީގެ ކޭސްތައް ދުނިޔެއިން ފުރަތަމަ ފެންނަން ފެށީ މިދިޔަ އަހަރުގެ ނޮވެންބަރު ފަހު ހަފްތާއިން ފެށިގެންނެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކަށް ބަލީގެ ނުރައްކާފެތުރި އެތަށްހާސް ބަޔަކަށް ބަލި ޖެހުނެވެ. އަދިވެސް ފަރުވާއެއް ހޯދިފައިނުވާ މި ބަލި މިއަދު 31 މިލިއަނަށްވުރެ ގިނަ މީހުންނަށް ޖެހިއްޖެއެވެ. ރާއްޖޭގެ ނަންބަރުވެސް ދިހަހާހާ އަރާ ހަމަކުރަނީއެވެ.
ނުރައްކާތެރި މި ބަލިމަޑުކަމުގައި ސިއްހީ ހިދުމަތްތެރިންނާއި ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒިފުން ހިދުމަތުގައި ދެމި ތިބޭތާ މާދަމާއަށް 200 ދުވަސް ހަމަވާނެއެވެ. ވަރުބަލި ކަމެއް ޝަކުވާއެއް ނެތި އަދިވެސް އެ މުވައްޒިފުން ތިބީ ހިދުމަތުގައެވެ. ނުރައްކާތެރި ބަލިމަޑުކަމުގެ މި ހާލަތުގައި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކުރީ ސަފަށް ނިކުމެ އެތިބި މުވައްޒިފުންނަށް ގައުމު ދަރާފައިވާ ދަރަނި ބޮޑެވެ. ކޮންމެ ރައްޔިތެއްގެ ހިތުގައި އެ ރައްޔިތުންނަށް އޮތީ ހާސްފަށުން ޝުކުރެވެ.
ކޮވިޑްގެ މި ހާލަތުގައި ސިއްހީ އެހީތެރިންގެ މަސައްކަތް ހުރިހާ ދިމާއެއްގައިވެއެވެ. ސާމްޕަލް ނެގުމުގައި މަގުމަތީ ހަރަކާތްތެރިވާ ސިއްހީ އޮފިޝަލުންނެވެ. ކޮވިޑްގެ ބަލި މީހުން ބެލެހެއްޓުމުގައި ހޮސްޕިޓަލްތަކާއި ފެސިލިޓީތަކުގައި ތިބި އޮފިޝަލުންނެވެ. ސާމަޕަލް ޓެސްޓްކޮށް ނަތީޖާ ސާފުކުރުމުގެ މަސައްކަތުގައި ތިބި އޮފިޝަލުންނެވެ. ބަލި މީހުން ފެސިލިޓީތަކަށް އުފުލުމާއި އެ ނޫންވެސް އެތަށް މަސައްކަތެއްގައި ސިއްހީ އޮފިޝަލުންގެ ދައުރު އިންތިހާއަށް ބޮޑެވެ. އެ ބުރަ ޒިންމާ އަދާކުރުމުގައި ސިއްހީ އޮފިޝަލުން ދެމިތިބިއިރު އާންމު އެހެން ބަލިތަކަށް ފަރުވާ ދިނުމާއި އެ ނޫންވެސް ދާއިރާއާ ގުޅުންހުރި މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމުގައިވެސް ސިއްހީ ހިދުމަތްތެރިން ކުރަން ޖެހިފައިވަނީ ބުރަ މަސައްކަތްތަކެކެވެ.
މި މަސައްކަތްތަކުގެ ތެރެއިން ބަލި މީހުންނާއެކު ފެސިލިޓީތަކާއި ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރަމުންދާ ނަރުހުންނާއި ޑޮކްޓަރުންގެ މަސައްކަތް ހާއްސަކޮށް ފާހަގަކޮށްލަން ޖެހެއެވެ. އުމުރުން ދުވަސްވީ އެތަށް ބަޔަކު އަދި ހާލު ބޮޑު އެތަށް ބަލި މީހުންނެއް އެޑްމިޓްކޮށްގެން ލޯތްބާއި އޯގާތެރިކަމާއެކު ހިދުމަތުގައި ތިއްބެވި ސިއްހީ އެހީތެރިން މަސައްކަތް ކުރަމުން އެ ގެންދަނީ އެމީހުންގެ އަމިއްލަ ސަލާމަތްތެރިކަން ނުރައްކަލުގެ ތެރެއަށް ހުށައަޅައިގެންނެވެ. އަދި ބަލީގެ ބާވަތުން އެ މަސައްކަތުގައި ތިބި ނަރުހުންނާއި ޑޮކްޓަރުން އާއިލާއާ ލޯބިވާ އެތަށް ބަޔަކާ މުޅިން ވަކިން އެކަހެރިކޮށް އުޅެމުންދާތާ ހަ މަސް ދުވަސްވީއެވެ. މިދިޔަ ދުވަސްތަކުގައި ކިތަންމެ ޑޮކްޓަރަކު ކިތަންމެ ނަރުހަކު ކޮވިޑަށް ޕޮޒިޓިވްވެ އެކަހެރިވެގެން އުޅެން ޖެހިފައިވެއެވެ.
ސިއްހީ ހިދުމަތްތެރިންގެ ތެރެއިން މަގުމަތީ ރެންޑަމް ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވާ ސިއްހީ އޮފިޝަލުންނާއި އެ މީހުންގެ މަސައްކަތަށް އެހީތެރިވުމުގައި ހަރަކާތްތެރިވާ ފުލުހުންގެ މަސައްކަތަކީވެސް ފާހަގަަކޮށްލެވޭ މަސައްކަތްތަކެވެ. މާލެ ސިޓީން ރެންޑަމްކޮށް ސާމްޕަލް ނަގަމުން ގެންދާތާ ހަތަރު މަހަށްވުރެ ގިނަ ދުވަސްވެފައިވެއެވެ. އިއްޔެ ނިޔަލަށް 141،000 ވުރެ ސާމްޕަލް މާލެ އާއި އަތޮޅުތަކުން ނަގާފައިވެއެވެ.
ސާމްޕަލް ނެގުމުގައި މަގުމަތީ ހަރަކާތްތެރިވާ އޮފިޝަލުން ތިއްބަވަނީ ފުލް ޕީޕީއީގައެވެ. ޕީޕީއީއަކީ ގިނަ ވަގުތު އެ އަޅައިގެން އުޅެން ފަސޭހަވާނެ އެއްޗެއް ނޫނެވެ. ނަމަވެސް ބަލި އޮތް މިންވަރު ދެނެގަތުމަށާއި ބަލި މީހުން ދެނެގަތުމަށް އެއީ ކޮންމެހެންވެސް ކުރަންޖެހޭ މުހިންމު ކަމެކެވެ. އެހެން ކަމުން އެއީ ކިތަންމެ ބުރަ މަސައްކަތެއް ނަމަަވެސް ސިއްހީ ހިދުމަތްތެރިން އެ މަސައްކަތުގައި ދެމި ތިބީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަަށްޓަކައެވެ. ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައެވެ.
އެ މަަސައްކަތުގެ ތެރެއިން ކިތަންމެ ސިއްހީ އޮފިޝަލެއް ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ. ފުލުހުންގެ ކިތަންމެ އޮފިސަރެއް ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ. މުޅި ދުނިޔެއިންވެސް ކޮވިޑަށް ޕޮޒިޓިވްވާ ކޮންމެ ހަތް މީހަކުން އެކަކީ ސިއްހީ އެހީތެރިއެކެވެ. ރާއްޖޭގައިވެސް ދެވަނަ އަށް އެންމެ ގިނައިން ޕޮޒިޓިވްވެފައިވަނީ ފްރަންޓްލައިންގައި މަސައްކަތް ކުރާ މީހުންނެވެ. ހާއްސަކޮށް ސިއްހީ އެހީތެރިންނާއި ސިފައިންނާއި ފުލުހުންނެވެ.
މީގެ އިތުރުން ފެސިލިޓީތަކަށް ގެންދެވޭ ބަލި މީހުންނާއި ކަރަންޓީން ކުރާ މީހުން ބެލެހެއްޓުމުގައިވެސް ސިއްހީ އެހީތެރިންނާއި ސިފައިން އަދި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. މިދިޔަ ހަ މަސްދުވަސްތެރޭ އެތަށް ހާސް ބަޔަކު ކަރަންޓީން ކޮށްފައިވެއެވެ. މިހާތަނަށް ޕޮޒިޓިވްވީ 9700 އަށްވުރެ ގިނަ މީހުންގެ ތެރެއިން ގިނަ މީހުން 14 ދުވަސް ހޭދަކުރީ ފެސިލިޓީތަކުގައެވެ. އެމީހުންގެ ސިއްހީ ހާލަތު ކޮންމެ ދުވަހަކު ބަލަހައްޓަމުން ގެންދިޔަައީ ސިއްހީ އެހީތެރިންނެވެ. އަދި އެމީހުންގެ ހާލަތަށް ބަލާ އެކިއެކި ފަރުވާ ދިނުމުގައި ހަރަކާތްތެރިވީވެސް އެ އެހީތެރިންނެވެ.
ކޮވިޑްގައި ހޭދަކުރި 199 ދުވަސްތެރޭ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުން ކޮވިޑްގެ ބަލި މީހުން ފެނިއްޖެއެވެ. އެއިން ކޮންމެ ރަށަކުން ކޮވިޑްގެ ބަލި މީހުން ފެންނަން ފެށުމާއެކު އެ ރަށަކަށް ސިއްހީ ހިދުމަތްތެރިންގެ ޓީމެއް ފޮނުވައެވެ. އަދި އެ ރަށަކަށް ބަލި ދިޔަގޮތުގެ އިންވެސްޓިގޭޝަން ފަށައެވެ. އެއާއެކު ބަލި ޖެހިފައިވާ އެންމެން ދެނެގަތުމަށް ސާމްޕަލް ނަގައެވެ. އަދި ރައްޔިތުން ބަލިން ރައްކާތެރިކޮށް ދިނުމަށް އެތަށް މަސައްކަތްތަކެއް ކުރެއެވެ. ސާމްޕަލްތައް ނެގުމަށްފަހު ފުރަތަމަ ގެންނަމުންދިޔައީ ސީދާ މާލެއަށެވެ. އޭގެ ފަހުން އަތޮޅުތެރޭގައި ކޮވިޑަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުން ރަށްރަށުން ނަގާ ސާމްޕަލްތައް ޓެސްޓް ކުރެވޭ އިންތިޒާމް ހަމަޖެހިފައިވާ ރަށެއްގައި ހުންނަ ހޮސްޕިޓަަލަށް ގެންދިއުމުގެ މަސައްކަތުގައިވެސް ހަރަކާތެރިިވަނީ ސިއްހީ އޮފިޝަލުންނެވެ. މޫސުމަށް ބެލުމަށްނެތި ދުރު ދަތުރުތައް ކުރުމުގައި ސިއްހީ ހިދުމަތްތެރިން ދެއްކީވެސް ނަމޫނާއެކެވެ.
ކޮވިޑްގައި މިހާތަނަށް ރާއްޖެއިން 34 މީހަކު މަރުވެއްޖެއެވެ. ކޮވިޑް ބަލީގައި މަރުވާ މީހުން ހިނެވުމާއި ވަޅުލުމުގެ ކަންކަން ކުރިއަށް ގެންދަނީ ހާއްސަ ގައިޑްލައިނެއްގެ ދަށުންނެވެ. އެ މަސައްކަތުގައިވެސް ސިއްހީ އެހީތެރިންގެ ދައުރު ބޮޑެވެ. ވަކިން ހާއްސަކޮށް އެމްއެންޑީއެފްގެ އެކަމުގެ ތަޖުރިބާ ލިބިފައިވާ ސިފައިންނެވެ. ކޮވިޑްގައި މަރުވާ މީހުން ހިނެވުމާއި ވަޅުލުމުގެ ކަންކަމުގައި ހަރަކާތްތެރިވަނީ ސިފައިންނެވެ. އެކަމަށް އަންހެން އަދި ފިރިހެން ސިފައިން ވަނީ ތަމްރީން ކޮށްފައެވެ.
އަދި ފެސިލިޓީތަކަށް ބަލި މީހުން އުފުލުގައި އިސް ދައުރެއް އަދާކުރަނީ ސިފައިންނެވެ. އަދި ފެސިލިޓީތައް ބެލެހެއްޓުުމުގައިވެސް އެންމެ އިސް ދައުރެއް އޮތީ ސިފައިންނަށެވެ. ރިސޯޓްތަކުގައި ގާއިމްކޮށްފައިވާ ކޮވިޑް ފެސިލިޓީތަކުގައި އަމިއްލަ އާއިިލާއާ ދުރުގައި މިދިޔަ ހަ މަސް ދުވަހު މަސައްކަތް ކުރި ސިފައިން އެބަތިއްބެވެ. އަދި ސިއްހީ އެހީތެރިންވެސް އެބަތިއްބެވެ.
މިހާތަނަށް ރާއްޖެއިން 141،184 ސާމްޕަލް ނަގާ ޓެސްޓްކޮށްފައިވާއިރު އެ މަސައްކަތް ހިނގަމުންދިޔައީ އައިޖީއެމް ހޮސްޕިޓަލާއި އޭޑީކޭ އަދި ޕޮލިސް ލެބްގައެވެ. އެ މަސައްކަތުގައި ދެމި ތިބި ސިއްހީ އޮފިޝަލުންނާއި އެ މުއައްސަސާތަކުގެ އިސްވެރިންގެ މަސައްކަތަކީވެސް ފާހަގަކޮށްލެވޭ މަސައްކަތްތަކެވެ. އަދި ޕޮޒިޓިވްވާ މީހުންނަށް ފޯން މެދުވެރިކޮށް އެކަން އަންގާ އައިޖީއެމްއެޗްގެ ސީމެޓް ޓީމުން ކުރަމުންދަނީވެސް ޝުކުރު ހައްގު މަސައްކަތްތަކެކެވެ.
ޕޮޒިޓިވްވާ މީހުން ފެސިލިޓީތަކަށް ގެންދިއުމަށް އެމްބިއުލާސްގައި ތިބޭ ސިއްހީ އޮފިޝަލުންނާއި ތަމްރީން ލިބިފައިވާ ރެޑްކްރެސެންޓްގެ އެހީތެރިންނާއި ސަލާމަތީ ހިދުމަތްދޭ މުއައްސަސާތަކުގެ މުވައްޒިފުންގެ މަަސައްކަތަކީވެސް ފާހަގަކުރަންޖެހޭ މަސައްކަތްތަކެވެ. އަދި އާންމުންގެ ފޯން ކޯލްތަކަށް ޖަވާބުދާރީވުމަށް ތިބޭ ހެލްތް މިނިސްޓްރީގެ ޓެކްނިކަލް މުވައްޒިފުންނާއި އާންމުން ހޭލުތެރިކުރުވުމަށް އެކި މަސައްކަތްތަކުގައި ތިބި އެ އިދާރާތަކުގެ މުވައްޒިފުންގެ މަސައްކަތީވެސް ނުހަނު މުހިންމު މަސައްކަތްތަަކެެކެވެ. ވަކިވަކިން ހުރިހާ ދާއިރާތައް ފާހަގަ ނުކުރެވުނު ނަމަަވެސް ކޮވިޑާއި ގުޅިގެން ސިއްހީ ހިދުމަތްތެރިން އަދި ފްރަންޓްލައިންގައި މަސައްކަތް ކުރާ ކޮންމެ އިދާރާއެއްގެ ކޮންމެ މުވައްޒިފެއްގެ މަސައްކަތަށް ޝުކުރު ހައްގެވެ. ކޮވިޑުން ރައްކާތެރިވުމަށް ކުރެވޭ ގައުމީ މަސައްކަތުގައި ކޮންމެ ސިފައެއްގައި ބައިވެރިވި އަދި ބައިވެރިވަމުންދާ ކޮންމެ މީހަކަށް ރައްޔިތުންގެ ފަރާތުން ޝުކުރެވެ.