ހަބަރު

ދަރަނި ނުދެއްކުނަސް ރަށްތައް އަތެއް ނުލާނެ: ޗައިނާ ސަފީރު

Sep 22, 2020
5

ކުރީގެ ސަރުކާރުން ހިންގި ބިޔަ މަޝްރޫއުތަކަށް ޗައިނާ އިން ނަގާފައިވާ ލޯނުތައް އަނބުރާ ނުދެއްކޭ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ މައްސަލަ ހައްލުކުރާނީ ވާހަކަ ދައްކައިގެން، ދެ ފަރާތަށްވެސް ފައިދާވާ ގޮތަށް ކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ.

ކުރީގެ ސަރުކާރުގައި ރާއްޖޭގައި ހިންގި ބިޔަ މަޝްރޫއުތަކަށް ޗައިނާ އިން ދީފައިވާ ލޯނުތަކާ ގުޅިގެން ދެ ފަރާތުގެ ދެމެދުގައި ބޮޑެތި ތުހުމަތުތަކެއް ހިނގަމުންދަނިކޮށް ސަފީރު ގެންދަވަނީ ވީޑިއޯ މެސެޖުތަކެއް މެދުވެރިކޮށް އެ ތުހުމަތުތަކަށް ރައްދު ދެއްވަމުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއިން ލޯނު ނަގައިގެން ހިންގާފައިވާ ސިނަމާލެ ބްރިޖު ފަދަ މަޝްރޫއުތަކާ ގުޅޭގޮތުން އަބަދުވެސް ކަންބޮޑުވުންފާޅު ކުރައްވާ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ދީފައިވާ ލޯނުތަކާއި ސަރުކާރުގެ އެކި ކުންފުނިތަކަށް ދީފައިވާ ލޯނުތަކާއި ދިވެހި ސަރުކާރުން ގެރެންޓީ ދީގެން އަމިއްލަ ކުންފުނިތަކަށް ދީފައިވާ ލޯނުތަކުގެ ޖުމްލަ އަދަދު 3.1 ބިލިއަނަށް އަރާ ކަމަށެވެ.

އަދި އެ ދަރަނި އަނބުރާ ނުދެއްކިއްޖެނަމަ، ރާއްޖޭގެ ރަށްތަކެއް ޗައިނާގެ އަތް ދަށަށް ގެންދާނެކަމަށް ނަޝީދު އިސްވެ ގެންދަވަނީ ތަކުރާރުކޮށް ތުހުމަތު ކުރައްވަމުންނެވެ.

އެކަމަށް އިޝާރާތް ކުރައްވަމުން ސަފީރު ވިދާޅުވީ ދަރަނީގެ ބަދަލުގައި ރާއްޖޭގެ ބިންތައް ނުވަތަ ރަށްތައް ޗައިނާ އިން ނަގާކަމަށް ބުނެ ކުރާ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކައެއް ކަމަށެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދާދިފަހުން ދެއްކެވި ވާހަކަފުޅަކަށް ހަވާލާ ދެއްވައި، ސަފީރު ވިދާޅުވީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަކީ ދެ ފަރާތަށް ވެސް ފައިދާކުރާ ގޮތަށް ގާއިމުވެފައިވާ އޮންނަ ގުޅުމެއް ކަމަށެވެ.

އަދި ރަހުމަތްތެރި މަޝްވަރާތަކެއް ތެރެއިން ގާއިމުކޮށްފައިވާ އެއްބަސްވުންތަކަކީ ވަކި ފަރާތެއްގެ ފައިދާއަށް ނުވަތަ ނުފޫޒުން ކަންކަން ނިންމާނެ ގުޅުމެއް ނޫން ކަމަށް އޭނާ މިއަދުވެސް ވިދާޅުވި އެވެ.

"ދަރަނި އަނބުރާ ނުދެއްކޭ ފަދަ ދައްޗެއް ކުރިމަތިވެފައިވާ އެއްވެސް ގައުމަކުން ދަރަނި އަނބުރާ ހޯދަން ޗައިނާއިން އެއްވެސް އިރެއްގައި ބާރު އަޅާފައެއް ނޯންނާނެ. އަދި މުސްތަގުބަލުގައި އެފަދަ އުނދަގޫ [ދަރަނި ނުދެއްކޭ] ހާލަތެއްގައި ކުރިމަތިވާ މައްސަލައެއް ހައްލުކުރާނީ ދެ ފަރާތުންވެސް މަޝްވަރާކޮށްގެން، އެއްބަސްވުންތަކާއި ބައިނަލްއަގުވާމީ އުސޫލުތަކާ އެއް ގޮތަށް،" ސަފީރު ވިދާޅުވި އެވެ.

"ޑެޓް ޓްރެޕް" ނުވަތަ ދަރަނީގެ ދަންތުރައެއްގައި ޗައިނާ އިން ރާއްޖެ ޖައްސާފައިވާ ކަމުގެ ތުހުމަތުތަކަކީ ވަކި ބަޔެއްގެ ހިޔާލީ ވާހަކައެއް ކަމަށާއި، އެކަން ބޭނުންކުރަނީ ދެ ގައުމުގެ ގުޅުން ހީނަރުކުރުމަށް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށް އޭނާ މިއަދުވެސް ވަނީ ސިފަ ކުރައްވައިފަ އެވެ.