ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ގެސްޓްހައުސް ހުޅުވެންވާއިރަށް އިންޝުއަރެންސް ކަވަރޭޖެއް

Sep 23, 2020
1

ގެސްޓްހައުސް ހުޅުވެން ވާއިރަށް، މި ވިޔަފާރި އަށް ހާއްސަކޮށް އިންޝުއަރެންސް ޕެކޭޖެއް ތައާރަފު ކުރަން، ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން މަސައްކަތް ފަށައިފި އެވެ.

ގޭމްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ގެސްޓްހައުސް ހުޅުވާއިރު ޓޫރިސްޓުންނަށް ޔަގީންކަން ހޯދައި ދިނުމުގެ ގޮތުން އިންޝުއަރެންސް ޕެކޭޖެއް ތައްޔާރު ކުރުމުގެ މަޝްވަރާތައް ކުންފުނިތަކާއެކު ފަށާފައިވާ ކަމަށެވެ.

"ޕެކޭޖު ހަދަން އިންޝުއަރެންސް ކުންފުނިތަކާއެކު މަޝްވަރާ ކުރަމުން މި ގެންދަނީ. ވަރަށް ޕޮޒިޓިވްކޮށް މި އޮތީ،" އޮފިޝަލް ވިދާޅުވި އެވެ.

ޓޫރިޒަމް ސިނާއަތަށް ހާއްސަކޮށްގެން އިންޝުއަރެންސް ޕެކޭޖެއް ތައްޔާރު ކުރަން ނިންމާފައިވާ ކަމަށް، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް އަވަސް އަށް ދެއްވި އިންޓަވުއެއްގައި ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ދުނިޔޭގެ ބޯޑަރުތައް ހުޅުވަމުންދާއިރު، ރާއްޖެ އަންނަ ހިތްވާ އެތަށް ބަޔަކު އެބަތިބި ކަމަށާ ނަމަވެސް މައްސަލައަކީ މި ފަދަ ބަލި މަޑުކަމުގެ ވަގުތުގައި އިންޝުއަރެންސް ކަވަރު ނުކުރުން ކަމަށެވެ.

"ސަރުކާރުން ގައުމުން ބޭރަށް ދަތުރު ނުކުރަން ނަސޭހަތްތެރިވެފައިވާ ވަގުތެއްގައި ވެސް އިންޝުއަރެންސް ކަވަރެއް ނުކުރާނެ. އެހެންވީމަ އަޅުގަނޑުމެން މި ދަނީ އެކަމަށް ހައްލު ހޯދުމުގެ ގޮތުން ރާއްޖޭގެ އިންޝުއަރެންސް ކުންފުނިތަކާ މަޝްވަރާ ކުރަމުން ޕެކޭޖެއް ހަދަން. ކުންފުނިތަކުން އެކަމުގެ ޝައުގުވެރިކަން ވެސް ފާޅުކޮށްފައިވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ގެސްޓްހައުސްތައް ހުޅުވަން ނިންމާފައި އޮތީ އަަންނަ މަހުގެ 15 ވަނަ ދުވަހު އެވެ. ގެސްޓްހައުސްތައް ހުޅުވާއިރު ގިނަ އިންތިޒާމު ތަކެއް ގެސްޓްހައުސް ތަކުން ފުރިހަމަ ކުރަން ޖެހެ އެވެ.