(ދެވަނަ ބައި)
"ފެންކޯރެއް ކައިރީގައި އޮއްވާ، ކަރު ހިއްކައިގަނެފަ ހުއްޓާ ފެން ނުބޮއެ، ނިދާނީ ކިހިނެއް؟ އެހެން ހަދައިފި ނަމަ އެ މީހަކު ވާނީ މޮޔައަކަށްނު ދޯ. އަހަންނަށް މައްސަލައެއް ނެތޭ އެހެން މީހަކު ކޯރުން ފެން ބުޔަސް." ހަސަންމަނިކުގެ ނޭވާ ސާރާގެ މޫނަށް އެޅެމުން ދިޔައެވެ.
ސާރާގެ ނޭވާ ކުރުވެ މަތިހަށި ނަގައި ޖެހޭވަރު އިތުރުވަމުން ދިޔައެވެ. އޭނާއަށް ހުރެވުނީ ހަސަންމަނިކުގެ ކުނާކޮށްލައިފައިވާ ދެ ލޮލަށް ބަލާށެވެ. އޭނާ ދައްކާވާހަކަތައް އަޑު އަހާށެވެ.
"އަހަންނަށް ފުރުސަތެއް ދޭން ކިޔައިތާ ކިތައް ދުވަސް. ވަހީދު ރަށަށް އައުމުގެ ކުރިން މަށަށް ފުރުސަތެއް ނުދީފި ނަމަ އެކަމުގެ ވޭން ކަލޭއަށް ފެންނާނެ." ހަސަންމަނިކުގެ ނޭފަތް ސާރާގެ ނޭފަތުގައި ޖެހުނެވެ.
ސާރާގެ މޫނު އަރިކޮށްލިއެވެ. ހަސަންމަނިކުގެ މޭގައި އަތް އަޅައި އޭނާ ކޮށްޕައިލިއެވެ. ހަސަންމަނިކު އެއްލިގެން ދިޔައެވެ. އޭނާ ޖެހުނީ ތަޅުންމަތީ އޭނާ ބެހެއްޓި ހުރި ގުޑުގުޑާގައެވެ. އެއާއެކު ގުޑުގުޑާ އަރި އަޅައިލިއެވެ. ސިލުނބުގައި ހުރި އަނގުރުތައް އެޅުނީ ހަސަންމަނިކުގެ ފަޔަށެވެ. ހަސަންމަނިކު ބާރުބާރަށް ހަޅޭއްލަވާގަތެވެ. ގޯތި ތެރެ ކުނިކަހަން އިލޮށި ފަތި ހިފައިގެން ގެއިން ނިކުތް ދަލޭކައަށް އެ އަޑު އިވުނެވެ. އޭނާ ދުއްވާގަތީ ބަދިގެއާ ދިމާއަށެވެ.
ދަލޭކަ ބަދިގެއަށް ވަންއިރު ކަމަކުދާކަށް ނެތެވެ. ހަސަންމަނިކު އޮތީ ތަޅުންމަތީގައެވެ. މަހެއް މަރަށް ތެޅޭހެން ހަސަން މަނިކު ތެޅެމުން ދިޔައެވެ. އޭނާ އޮތީ އެއް އަތުން ފައިގެ ކަށިމަތީގައި ހިފައިގެންނެވެ. އޭރު މުޅި މީހާ ތެޅިފޮޅެނީއެވެ. އޭނާ އަޑުން އަޑު ނަގައި ރޮމުން، ގިސްލަމުން ހަޅޭއްލަވަމުން ދިޔައެވެ. ސާރާއަށް ހުރެވުނީއެވެ. ކުރަންވީ ކަމެއް، ހަދަންވީ ގޮތެއް ނޭނގިފައެވެ. މޭގައި އަތް އަޅައިގެން ނޭވާ އެތެރެއަށް ހިފަހައްޓާލައިގެން ހުއްޓެވެ.
"މުޑުދާރު! ކަލޭ އަދިވެސް ބަލަން ހުރީތަ؟ އިންސާނިއްޔަތު ކަމުގެ ކަންފުޅެއް ވެސް ނެތެއްނު." ދަލޭކަ ހަސަންމަނިކާ ދިމާއަށް ގުދުވެ އޭނާ ނަގައިގަންނަމުން ސާރާއާ ދިމާއަށް ހަޅޭއްލަވާގަތެވެ. "ދެން ވެސް ބަލަން ނުހުރެ އާދޭ."
ސާރާއަށް ހޭވެރިކަންވީ ދަލޭކަގެ އަމުރުވެރި ރާގު އިވިފައެވެ.
ހަސަންމަނިކު ގެންދެވުނީ ރަށުގެ ސިއްހީ މަރުކަޒަށެވެ. އޭނާގެ ފައިތިލައިގެ ބޮޑު ބައެއް އޮތީ ފިހިފައެވެ.
ސާރާ އުޅުނީ ބަދިގޭގެ މަސައްކަތްތައް ނިންމާށެވެ. އަވަދިނެތި އުޅުނަސް އޭނާގެ ސިކުނޑީގައި ކުރެހެމުން ދިޔައީ ބިރުވެރިކަމުގެ ރާޅުބާނިތަކެކެވެ. ސިކުނޑީގައި ޖެހެމުން ދިޔައީ ނުރައްކާތެރިކަމުގެ ރަނގަބީލެއްގެ އަޑެވެ. ނުވިސްނަށް ހުއްޓަސް އޭނާއަށް ވިސްނަން ޖެހެނީ ހެނދުނު ކަންތައްވީ ގޮތުންނެވެ. މަރުކަޒުން ހަސަންމަނިކު ދޫކޮށްލުމުން ވާހަކަ ފަތުރައިލާނެ ގޮތެއް ނޭނގޭތީއެވެ. ގޭތެރޭގައި ވިކޭނީ ހަސަންމަނިކުގެ ބަސްކަމަށްވާތީއެވެ. އޭނާގެ އަޑު ގަދަވެފައި ބާރުވެރިވާނެތީއެވެ. ކުށްވެރިވާނީ ސާރާކަމަށް ވިސްނޭތީއެވެ. ހަގީގަތަކީ ކޮބައިތޯ ބަލާނެ އެކަކު ވެސް ނުހުންނާނެތީއެވެ. ބަދަލުގައި އޭނާއަށް ލިބޭނެ ވޭނާއި ކެކުޅުން އިހުސާސް ކުރެވޭތީއެވެ. މިހާރު ވެސް އެ ވައިރޯޅީގެ ސުންޕާ ވަސް އޭނާއަށް ދުވާ ކަހަލައެވެ.
"ބަލައިބަލަ ހުރި ގޮތެއް ނެތްކަން. ކަލޭއަށް އެނގޭތަ ކަލޭއަށް އަނިޔާކުރެވުނީ، ކަލޭއަށް ތި ގެއްލުން ދެވުނީ ކާކަކަށް ކަން؟" ދަލޭކަގެ ނުރުހުމުގެ އަޑު އޭނާގެ ކަންފަތުގައި ގުގުމައިލިއެވެ. "ކަލޭ ތީ އިންސާނެއްތަ؟ ކަލޭއެކޭ ޖަނަވާރެކޭ ކޮބައި ތަފާތަކީ؟"
ސާރާއަށް ލިބުނު ސިހުމާއެކު ބަލައިލެވުނީ ދަލޭކަގެ މޫނަށެވެ. ވެގެން އުޅޭގޮތް ސާރާއަށް ޔަގީންކުރެވުނެވެ. އެހެންވެ އޭނާ އިސްކުރީ ހިމޭންކަމެވެ. އޭނާ ދަލޭކައާ ދިމާއަށް ބަލައި ވެސް ނުލައި ހުރި ގޮތަށް ހުރީއެވެ. އަތުގައި އޮތް ފޮތިގަނޑުން ތަށިތައް ފޮހޭށެވެ. ދަލޭކަގެ ފަހަތުން ގެއަށް ވަދެގެން އައީ އޭނާގެ ދޮށީ ފިރިހެން ދަރިފުޅު ރަމީޒެވެ. ރަމީޒުގެ ކޮނޑުގައި އެއް އަތް ބާއްވާލައިގެން ފާޑަކަށް ކޮރު ޖަހަމުން ކަހަލަ ގޮތަކަށް ހަސަންމަނިކު ގެއަށް ވަން މަންޒަރު އޭނާއަށް ފެނުނެވެ. ސާރާ ލަސްލަހުން ހިންދިރުވާލިއެވެ.
ސާރާއަށް ބަލައިލެވުނީ ހަސަންމަނިކުގެ ފަޔަށެވެ. އޭނާގެ ފައިގައި ހުރީ ބޭސް އަޅައިފައެވެ. ބޭސް އުނގުޅާފައި ހުރި ތަންތަން ހާމައަށް ހުރުމުން ފައިތިލައިން ހަލާކުވެ ފިހިފައިވާ ތަންތަން ފެންނާން ހުއްޓެވެ. ސާރާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އޭނާ ހީކުރި ވަރަށް ވުރެ ކުޑަކޮށް ހަސަންމަނިކަށް ގެއްލުން ވެފައިވާކަން އެނގުމުންނެވެ. ހަސަންމަނިކު ބަލައިލީ ސީދާ ސާރާގެ މޫނަށެވެ. އޭނާގެ ތުންފަތުގައި ދުވެލީ ލާނެތް ހިނިތުންވުމެކެވެ. ހަސަންމަނިކުގެ ވައަތުން އޭނާގެ ދަތްދޮޅިއާއެކު ތުނބުޅީގައި ހިފައިލިއެވެ. މަޑުމަޑުން އޭނާގެ ދެމިޔަކަނުގައި ޝަހާދަތް އިނގިއްޔާއި ބޮޑުވާ އިނގިލިން ފިރުމައިލިއެވެ. ސާރާއަށް އެ ހަރަކާތުގެ މާނަ ދޭހަވިއެވެ. އޭނާއަށް ވިސްނައިލެވުނެވެ. އެހެންވެ ސާރާގެ ވިންދު އަވަސްވާން ފެށިއެވެ.
ހަސަންމަނިކު ކޮރެއް ޖަހަމުން ޖަހަމުން ރަމީޒާއެކު ދިޔައީ ކޮޓަރިއާ ދިމާއަށެވެ. ހަސަންމަނިކު ކޮޓަރިއަށް ވަންނަންދެން ދަލޭކަ ބަލަން ހުއްޓެވެ.
"މަ މި އަހަނީ ކަލޭ ކީއްވެގެންހޭ އެހައި ބޮޑު އަނިޔާއެއް ދިނީ؟" ދަލާކެ ހުއްޓުނީ ސާރާގެ ކުރިމައްޗަށެވެ.
"އަހަރެން ކަމެއް ނުކުރަން. އެއްވެސް ކަމެއް ނުކުރަން." ސާރާ އަވަސްއަވަހަށް ބުނެލިއެވެ.
"ކަމެއް ނުކުރީމަތަ އެ އޮތީ މުޅި ފައިތިލަ ފިހިފަ؟ ދެން ތިބުނާނީ ހަސަނިކު އަމިއްލައަށް ކުރިކަމެކޭތަ؟" ދަލޭކަ ފުފޭގޮތްވިއެވެ. "ކަލޭއަށް ކެރޭނެތަ އަމިއްލަ ފައި މައްޗަށް އަލިފާން ސިލުނބެއް އަޅައިލަން؟"
"އަހަރެން އުޅުނީ ރިހަ ތެލި އަނދައިގެން." ސާރާ އަތުގެ އިނގިލިތަކާ ކުޅެމުން ލަސްލަހުން ބުނެލިއެވެ.
"މުޑުދާރު މޫނު. މަ އެހައި އަޑުބޮޑުކޮށް ގަތް ތެލި ވެސް އަންދައިލީތަ؟" ދަލޭކަ ތުންފަތް އޫކޮށްލިއެވެ. "ކަލޭއަށް އެއްކަމެއް ވެސް ރަނގަޅަށް ކުރެވޭތަ؟"
"މަންމާ! މިސްކިތު ވަޅުދޮށުން ފެން ހިފައިގެން އާދެވުނު އިރު، ޝެޒާ އިނީ ރޯން. އޭނާ މަސަލަސްކޮށްފަ އާދެވުނު އިރު..." ސާރާ ނުނިމެނީސް ދަލޭކަ ފެށިއެވެ.
"ކަލޭ ކޮންމެ ދުވަހަކު، ހަމަ ކޮންމެ ދުވަހަކު އެބަ ޖެއްސުން ކުރެޔޭ! އެއްދުވަހު ތަށި ތަޅައިލަފާނެ. އަނެއް ދުވަހު ތެލި އަންދާލަފާނެ، އަނެއް ދުވަހު ބަނޑިޔާ ވައްޓައިލައިފަ ބަނޑި ކޮށްލަފާނެ،" ދަލޭކަ ރުޅިވެރިކަމާއެކު ސާރާއަށް ބަލައިލިއެވެ. "ކަލޭއަށް ތެއްޔަށްވުރެ މުހިއްމުވީ ކަލޭގެ ގޮތެއް ނެތް އެ ކުއްޖާގަނޑުތަ؟ މި ހުރިހާ ވެސް ސުންޕާއަކީ އެ ކުއްޖާއޭ؟ ކިތައް ފަހަރު ބުނިން، އެންމެ ފުރަތަމަ ވިހަން ޖެހޭނީ ފިރިހެން ކުއްޖެކޭ. ކަލޭއަށް އެކަން އިވުނު ކަމަކަށް ނުވި. އަންހެން ކުއްޖަކު ވިހައިގެން އޮތީ ކޮން މޮޅެއް. ކަލޭއަށް ލިބެނީ ކޮން ފައިދާއެއް؟ ބުނެބަލަ."
ސާރާއަށް ރޮވޭގޮތްވިއެވެ. އޭނާއަށް ހިތް ހީވީބޭރަށް ނުކުންނަށް އުޅޭހެންނެވެ. އޭނާ ބަނޑުއަޅައި ވިހޭ ދަރިފުޅާ ދިމާއަށް އެފަދަ ގޮތަކަށް މުހާތަބު ކުރީމައެވެ.
"ތިހެން ބުނާކަށް ނުވާނެއްނު؟ ތި އެ ކުއްޖާގެ މާމައެއް ނޫންތަ؟" ސާރާ އަސަރާއެކު ބުނެލިއެވެ. "އަންހެން ދަރިއަކަށް ވީމަ އޮތް ދެރައަކީ ކޮބައިތަ؟ މަންމަ ވެސް ތިއީ އަންހެނެއް ނޫންތަ؟"
"މަށެއް ނޫޅެން. މަ ބޭނުންމެއް ނޫން އެކަހަލަ ހަޑިމުޑުދާރު، ކުއްޖަކު ލައްވާ މަށަށް މާމަ ކިޔުއްވާކަށް. އަމުދުން ކަލޭ ބަނޑުން އުފަންވި ކުއްޖަކަށް މަށާ ދިމާއަށް މާމަ ކިޔުއްވުން ހަރާމުން ހަރާމު." ދަލޭކަ ހިތްހަމަ ނުޖެހިފައި ހުރެ ބުނެލިއެވެ.
"މަ މި އަހަނީ ކީއްވެހޭ ހަސަނިކަށް އެހެން ހެދީ؟ މަ ހަމަ އެ ސުވާލެއް ކުރާއިރަށް އެހެން ވާހަކައެއް ދައްކާ މައުޟޫއު ބަދަލުކޮށްލާ މަ ހިތް ހޯދަން އުޅޭއެއްނު." ދަލޭކަ ހިފައިލީ ސާރާގެ ދަތްދޮޅީގައެވެ.
"މަންމާ!" ރަމީޒުގެ އަޑު އިވުމުން ސާރާގެ ދަތްދޮޅިން ދަލޭކަ ދޫކޮށްލިއެވެ. "ބައްޕަ އެބަ ގޮވާ. ތިކަހަލަ ނުބައި ނުލަފާ އަންހެނުންނަށް އެކަމުގެ ސަޒާ ދޭނީ މަންމައެއް ނޫން. އަހަރެން."
ރަމީޒު ކުރިއަށް ޖެހިލިއެވެ. ދަލޭކަ ބަލައިލީ ރަމީޒުގެ މޫނަށެވެ. ގޮށް ޖަހައިލެވިފައިވާ ރަމީޒުގެ ދެ ބުމައަށް ބަލައިލަމުން ދަލޭކަ ބޯ ޖަހައިލިއެވެ.
"މަންމަދޭ ބައްޕަ ގާތަށް. އަހަރެން ތިކަމާ ހަވާލު." ރަމީޒު ދަތްކުނޑި ވިކާލިއެވެ.
"ހިނގާ ކޮޓަރިއަށް. މިތާ ބަދިގޭގައި އަޑުގަދަ ކުރުމުން މަގު ހިނގާ މީހުންނަށް އިވޭނެ. ނަންވާނީ އަހަރުމެން." ދަލޭކަ ހިނގާ ގަންނަމުން ރަމީޒުގެ މޫނަށް ބަލައިލިއެވެ.
ސާރާގެ ދެ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް ކޮޓަރިއާ ދިމާއަށް ރަމީޒު ހިނގައިގަތެވެ. ދަލޭކަ ހުރީ އެ މަންޒަރު ބަލާށެވެ. އޭނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ރަމީޒު އެ ދިޔަ ބާރުމިނުގައި ސާރާ ދަމާފައި ގެންގޮސް ކޮޓަރީގެ ދޮރު ބާރުބާރަށް ލެއްޕިއެވެ.
ކޮޓަރިއަށް ވެއްދުމަށްފަހު ސާރާއާ ދިމާއަށް ރަމީޒު ހަޅޭއްލަވާގަތް އަޑު އިވުނެވެ. ކޮޓަރީގެ ތެރެއިން ފުރޭނިގެން އައި އަޑު ދަލޭކައަށް އިވުނެވެ. އެހެންވެ އޭނާ ކޮޓަރި ކައިރިއަށް ޖެހިލަމުން ދޮރުގައި ކަންފަތް ޖައްސާލިއެވެ. އޭނާގެ ތުންފަތުގައި ވިހަ ހިނިތުންވުމެއް ދުވެލިއެވެ.
"ކަލޭ މިހާރު މަންމައާ ޖަދަލުކޮށް ޒުވާބު ކުރަން ވެސް ފެށީތަ؟ ކަލޭއަށް ނޭނގޭތަ އެއީ ކަލޭގެ ފިރިމީހާގެ މަންމަ ކަމެއް؟" ރާމިޒު ހިތްހަމަ ނުޖެހި ހުރެ ސާރާއާ ކުރިމަތިލިއެވެ.
"އަހަންނެއް ޖަދަލެއް ނުކުރަން." ސާރާ ދެ ލޯ ފޮހެލިއެވެ.
"ކަލޭގެ ފިރިމީހާ މާލޭގަ ގުލާނުކޮށް ހިންދެމިނުލާ މަސައްކަތްކޮށް ފައިސާ ހޯދަން ފޮނުވާފައި، ކަލޭއަށް ބޭނުންވާހާ ކަމެއް ކޮށްދީ، ކަލޭއަށް އަގަކާ ނުލައި ކާންދީ، ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދިނީމަ ބަދަލުގައި ތި އަޅައިލީ ބައްޕަގެ ފައިގައި ކޭކެއްނު،" ސާރާގެ ކޮލުގައި ހިފައިލަމުން ރަމީޒު ރުޅިވެރި ކަމާއެކު ބަލައިލިއެވެ. "ކަލޭއަށް ކޭކު އަޅަން ފެނުނީ ޕައްބަގެ ފައިތަ؟ މިއަދު ރަނގަޅަށް ކޭކު އަޅައިދޭނަމޭ." (ނުނިމޭ)