ހަބަރު

އިދިކޮޅު ކޯލިޝަނުގެ ސްޓިއަރިން ކޮމިޓީއަށް ކުރިމަތިލުމަށް ހުޅުވާލައިފި

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސްޓިއަރިން ކޮމިޓީތަކުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އެ ކޯޅިޝަނުން ހުޅުވާލައިފި އެވެ.

އިދިކޮޅު ކޯލިޝަނުން ބުނީ ސްޓިއަރިން ކޮމިޓީތަކުގެ އިންތިހާބު އަންނަ މަހު 16 ވަނަ ދުވަހު ބާއްބވަން ނިންމާފައިވާ ކަމަށާއި މި އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ކޯލިޝަންގެ ސްޓިއަރިން ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރެވޭނީ އެ ކޯލިޝަނަށް ނިސްބަތްވާ މެމްބަރުންނެވެ. މިކަމަށް އެދޭ ފޯމު ރާއްޖޭގެ މީހުން ދިރިއުޅެ ހުރިހާ ރަށެއްގައި މިހާރު އެކުލަވާލާފައިވާ ވަގުތީ އިންތިހާބީ ކޮމިޓީންނާއި ޕީޕީއެމްގެ ވެބްސައިޓުންނާއި އެ ކޯލިޝަނުގެ މައި އޮފީހުން ލިބެން ހުންނާނެ ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފަ އެވެ.

މިހާރު ހުޅުވާލާފައިވާ ސްޓިއަރިން ކޮމިޓީގެ އިންތިހާބަށް ކުރިމަތިލެވޭ މަގާތަކަކީ އެ ކޮމިޓީގެ އާންމު މެންބަރު ކަމާއި ޒުވާން މެމްބަރު ކަމާއި އަންހެން މެމްބަރު ކަމަށެވެ. އދި ޒުވާން މެމްބަރު ކަމަށް ކުރިމަތިލެވޭނީ އުމުރުން 35 އަހަރު ނުވާ އެ ކޯލިޝާނުގެ މެމްބަރުންނަށް ކަމަށްވެސް ބުންޏެވެ. މި އިންތިހާބުގައި ކޮމިޓި އެކުލެވިގެންދާނީ ރަށްރަށުގެ އާބާދީ އަށް ބަލައިގެން ފަސް މެމްބަރުންނާއި 11 މެމްބަރުންނާއި ހަމަޔަށް ކަމަށް ކޯލިޝަނުން ވަނީ ބުނެފަ އެވެ. އަދި މި ކޮމިޓީގެ ރައީސަކު ހޮވާނީ އިންތިހާބުވި މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

މަގާމްތަކަށް ކުރިމަތިލާ މީހުން ރަށްރަށުގައިނަމަ ފޯމް ހުށަހަޅާނީ ވަގުތީ އިންތިހާބީ ކޮމިޓީއަށެވެ. މާލޭގެ އަވަށްތަކަށް ކުރިމަތިލާ މެމްބަރުންގެތެރޭގައި ހިމެނޭ ހުޅުމާލެ، ވިލިމާލެ، ދަފްތަރުގެ މީހުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އޮފީހަށް ފޯމް ހުށައެޅުމަށް އެކޯލިޝަނުން ވަނީ އެދިފަ އެވެ.