ހަބަރު

ވެންޓިލޭޓަރު މައްސަލަ އޮތީ އެންމެ ފަހު މަރުހަލާގައި: އޭސީސީ

Sep 23, 2020
2

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހެލްތު މިނިސްޓްރީން އަމަލުކޮށްފައިވާކަމަށް އޮޑިޓު ރިޕޯޓުން ހާމަވެފައިވާއިރު، އެކަމާ ގުޅިގެން ކުރަމުންދާ ތަހުގީ މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށާއި ވަރަށް އަވަހަށް ދައުވާކުރަން ޕީޖީއަށް ފޮނުވާނެކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތަކެއް ހޯދުމުގައި ހެލްތު މިނިސްޓްރީން ކުރި ހަރަދުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް އެކަމަށް ހެދި ހާއްސަ އޮޑިޓު ރިޕޯޓުން ވަނީ ފާހަގަކޮށްފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތު މިނިސްޓްރީން ކުރި ހަރަދުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ތިން ކުންފުންޏަކާ ހަވާލުކޮށްގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ހަދާފައިވާ ބޮޑެތި ގޯސްތަކެވެ. އެންމެ ބޮޑު މައްސަލައަކީ 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކިޔާ ކުންފުންޏަކާ 34 މިލިއަން ރުފިޔާ އަށް ހަވާލުކޮށް ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައި ވުމެވެ.

ވެންޓިލޭޓަރުތައް ގެންނަން އެ ކުންފުންޏާ ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ރެކަމެންޑުކޮށްގެން ކަން ދައްކަން ލިއެކިއުންތަކުގައި މަސައްކަތްކޮށްފައިވާކަމަށް ރިޕޯޓުގައި ހާމަވެފައިވާއިރު ޖުމްލަ އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކައިފަ އެވެ.

ފުލުހުންނާ ގުޅިގެން ކުރަމުން އަންނަ ތަހުގީގާ ގުޅޭގޮތުން އޭސީސީގެ މީޑިއާ އޮފިޝަލް މިއަދު އަވަސް އަށް ވިދާޅުވި ގޮތުގައި މިހާރު ކުރިއަށްދަނީ ބަޔާންތައް ނެގުމުގެ އެންމެ ފަހު މަރުހަލާ ކަމަށެވެ. އަދި އޭގެ ފަހުން ދައުވާކުރަން ފޮނުވޭނެކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލަގާއި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އަމިއްލަފުޅަށް މަސައްކަތްތަކުން އެކަހެރިވެވަޑައިގެންނެވި ފަހުން މިހާރު މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު އެ މިނިސްޓްރީގެ ބިޑު ކޮމިޓީގެ އިތުރުން މާލީ ޒިންމާދާރު ވެރިޔާ ވަނީ ސަސްޕެންޑުކޮށްފަ އެވެ.

ނަމަވެސް، މިކަމުގައި ވަކި ބަޔަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭން ނުވަތަ ދައުލަތުގެ ފައިސާއިން ވައްކަން ކުރުމުގެ ނިޔަތުގައި ހެލްތު މިނިސްޓްރީގެ އެއްވެސް މުވައްޒަފަކު ކަމެއް ކޮށްފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އަމީން ވަނީ މާލިއްޔަތު ކޮމިޓީގައި ވިދާޅުވެފަ އެވެ.