ހިލޭ ޓްރާންސްފާގެ ދަށުން އެތުލެޓިކޯ މެޑްރިޑަށް ލުއިސް ސުއަރޭޒް ދޫ ނުކުރަން ގަދަ ދެއްކި އެފްސީ ބާސެލޯނާއިން ހަތިޔާރު ބަހައްޓައި އަމާން ދީިފި އެވެ.
މިދިޔަ ހޯމަ ދުވަހު ބާސާއިން ވަނީ ސުއަރޭޒްގެ އެދުމުގެ މަތިން އޭނާ ކޮންޓްރެކްޓް ބާތިލު ކޮށްފަ އެވެ. ބާސާއިން ކަނޑައެޅި ޝަރުތަކީ އެ ޓީމުން ދޭ ލިސްޓްގައި ހިމެނޭ ޓީމަކަށް ސުއަރޭޒް ދާނަމަ ހިލޭ ޓްރާންސްފާގައި ކުލަބު ބަދަލު ނުކުރެވުމެވެ. ބާސާއިން ސުއަރޭޒަށް ދިން ލިސްޓްގައި ހިމެނެނީ އެ ކުލަބުގެ ވާދަވެރިޔާ ރެއާލް މެޑްރިޑް، މެންޗެސްޓާގެ ދެ ކުލަބު ކަމަށްވާ ޔުނައިޓެޑާއި ސިޓީގެ އިތުރުން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އެވެ. އެތުލެޓިކޯގެ ނަމެއް އެ ލިސްޓްގައި ނުހިމަނަ އެވެ.
ބާސާލޯނާގެ މިހާރުގެ ކޯޗް ރޮނަލްޑް ކޫމަންގެ ޕްލޭންގައި ސުއަރޭޒް ނުހިމެނޭތީ އެ ކުލަބުން ވަނީ ކުޅޭނެ އިތުރު ކުލަބެއް ހޯދަން ސުއަރޭޒްއަށް އަންގާފަ އެވެ. ކޮންޓްރެކްޓް ބާތިލު ކުރުމަށް ބާސާގެ މެނޭޖުމެންޓްގައި ސުއަރޭޒް އެދުނީ ވެސް އެތުލެޓިކޯގެ ކޯޗް ޑިއޭގޯ ސިމިއޯނޭ އާ ވާހަކަ ދެއްކުމަށް ފަހު އެވެ. އާޖެންޓީނާއަށް ނިސްބަތްވާ ސިމިއޯނޭ އަކީ ދެކުނު އެމެރިކާގެ ކުޅުންތެރިންނާ ރަނގަޅު ގުޅުމެއް ބާއްވާ ކޯޗެކެވެ. ދެކެވުނު ވާހަކަތަކުން އެތުެލޓިކޯއިން މަގުފަހި ކުރީ ހިލޭ ޓްރާންސްފާގައި ކުލަބު ބަދަލު ކުރުމުގެ ފުރުސަތު ސުއަރޭޒް ހޯދުމަށެވެ.
ސުއަރޭޒްގެ އެދުމުގެ މަތިން ކޮންޓްރެކްޓް ބާތިލު ކުރި ނަމަވެސް އޭނާ ބަދަލުވާން ހަމަޖެހިފައިވާ ކުލަބަކީ އެތުލެޓިކޯ ކަން ޔަގީން ވުމުން ބާސާއިން ވަނީ ހިލޭ އޭނާއަށް އެތުލެޓިކޯއަށް ނުދެވޭނެ ގޮތް ހެދުމަށް މަސައްކަތް ކޮށްފަ އެވެ. އެހާ ހިސާބުން މައްސަލަ ޖެހި ސުއަރޭޒްގެ ގާނޫނީ ޓީމުން ބާސާގެ ވެރިންނާ ހަމައަށް ދިޔަ އެވެ. ފުރަތަމަ އެއްބަސްވި ގޮތަށް އެ ލިސްޓްގައި އެތުލެޓިކޯ ނުހިމަނައި އަލުން އެ ލިސްޓްގައި އެތުލެޓިކޯ ހިމެނޭނެ ގޮތެއް ނެތްކަމަށް ސުއަރޭޒްގެ ގާނޫނީ ޓީމުން ބާސާއަށް ހުށަހެޅި އެވެ. ގާނޫނީ ގޮތުން ކުރި ލިބެން ނެތުމުން ބާސާއިން ހަތިޔާރު ބަހައްޓައި ސުއަރޭޒް އެތުެލޓިކޯއަށް ހިލޭ ބަދަލުވާން ދޫކޮށްލި އެވެ. ނަމަވެސް ބޯނަހުގެ ގޮތުގައި ކޮންމެވެސް ޕަސަންޓެއް ބާސާއަށް ލިބުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް ޓްރާންސްފާ ފީގެ ގޮތުގައި އެއްވެސް އަގެއް ނުލިބޭނެ އެވެ.
އެތުލެޓިކޯއަށް ހިލޭ ސުއަރޭޒް ބަދަލުވާން ބާސާގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއު ބޭނުން ނުވީ ކީއްވެ ހެއްޔެވެ؟ ދެހާސަ ތޭރަ ވަނަ އަހަރު ބާސާގައި ހުރެފައި ޑޭވިޑް ވިޔާ، ހިލޭ ޓްރާންސްފާގައި އެތުލެޓިކޯއަށް ބަދަލުވި އެވެ. އެ އަހަރު ބާސާ ފަހަތަށް ޖައްސާލުމަށް ފަހު ލަލީގާގެ ޗެމްޕިއަންކަން ހޯދީ އެތުލެޓިކޯ އެވެ. އެ ޓީމުގައި ޑޭވިޑް ވިޔާ މުހިންމު ހިއްސާއެއް އޮތެވެ. އަދި އެ ސީޒަންގެ ޗެމްޕިއަންސް ލީގް ފައިނަލަށް އެތުލެޓިކޯ ކުރި ދަތުރުގައި ކްއާޓާ ފައިނަލުގައި ބާސާ ކަޓުވާލި އެވެ. އެހެންވެ ޑޭވިޑް ވިޔާ ދިޔަ ގޮތަށް ސުއަރޭޒް އެތުލެޓިކޯއަށް ބަދަލުވާން ދޫކޮށްފިނަމަ 2014 ވަނަ އަހަރު އެތުލެޓިކޯ އަތުން ލިބުނު ލަނޑު ބާސާއަށް ލިބިދާނެ ކަމުގެ ބިރު ބާސާއަށް އޮތީ އެވެ.
އަނެއް ކަމަކީ، މިފަހަކަށް އައިސް ދެ ކުލަބުގެ ދެމެދުގައި އުފެދިފައިވާ މައްސަލަތެކެވެ. ދެ އަހަރު ކުރިން އެންޓްއާން ގްރީޒްމަން އެތުލެޓިކޯގައި ހުރުމަށް ފަހު ބާސާއަށް ބަދަލުވި މަރުހަލާގައި ބާސާއިން ކަންކޮށްފައިވާ ގޮތާމެދު އެތުލެޓިކޯއިން ހިތްހަމަ ނުޖެހި އެ މައްސަލަތައް މީޑިއާއަށް އިއުލާން ކުރި އެވެ. އޭގެ ފަހުން ދެ ކުލަބު ދެމެދުގައިވެސް ވަނީ މައްސަލަ ގޯސްވެ ވާދަވެރިކަން އެހެން ލެވަލްއަކަށްވެސް ގޮސްފަ އެވެ.
ކޫމަންގެ ޕްލޭންގައި ނުހިމެނޭ ކަމަށް އެންގި ކުޅުންތެރިންގެ ތެރެއިން ސުއަރޭޒް އަކީ ކުލަބު ދޫކޮށްލި ތިން ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން މިޑްފީލްޑާ އީވާން ރަކިޓިޗް، އާޓޫރޯ ވިޑާލް، ނެލްސަން ސެމޭޑޯ ވަނީ ކުލަބު ބަދަލު ކޮށްފަ އެވެ. ރަކިޓިޗް ބަދަލުވީ ކުރިން އޭނާ ކުޅުނު ސެވިއްޔާ އަށެވެ. އިއްޔެ ވޑާލް ވަނީ އިންޓަ މިލާންއަށް ސޮއި ކޮށްފަ އެވެ.